ހަބަރު

2022 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލަން ހިފައިފި

  • ހިސާބުތަކަށް ބަލާއިރު މިހާރުވެސް ރިޕޯޓް ކުރުން މަދު
  • މިއީ ރާއްޖެއަށް ހާސިލް ކުރެވޭނެ ކަމެއް: ޑަބްލިޔޫއެޗްއޯ
  • ކެމްޕޭން ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން

ދުނިޔޭގައި އެންމެ ގަދަޔަށް ފެތުރެމުންދާ ނުރައްކާތެރި ޓީބީ (ކެއްސުން ބަލި) ރާއްޖެއިން އެކަށް ނައްތާލުމުގެ މަސައްކަތް ފެށުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ފެށުމުގެ ކެމްޕޭނެއް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕޭން ފައްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

ޓީބީ އަކީ ނުރައްކާތެރިކަން ބޮޑު ބަލިތަކުގެ ތެރޭން ދުނިޔޭގައި އެންމެ ގަދައަށް ފެތުރޭ އެއް ބައްޔެވެ. ފުއްޕާމެއަށްޖެހޭ އެ ބައްޔަކީ ފަސޭހައިން ބޭހަށް ނުގުޑާ ބައްޔެކެވެ. އަދި ފަރުވާއަށް ގިނަ ހަރަދުތަކެއް ހޭދަ ކުރަންޖެހޭ ވެސް ބައްޔެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރަކު 150 އާއި 200 އާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވެސް ޓީބީ ޖެހިގެން މީހުން ރިޕޯޓް ކުރެ އެވެ. ނަމަވެސް އެއީ ސަރަހައްދީ ފެންވަރުގައި ވަރަށް ދަށް އަދަދެއް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް މިއަދު ފެށި ކެމްޕޭންގެ ދަށުން ޓީބީ ބަލީގެ މީހުންނަށް ހާއްސަ ސަމާލުކަމެއްދީ ފަރުވާ ދިނުމާއި ބަލި ޖެހުން ގާތް މީހުން ގަވާއިދުން ބައްޔަށް ސްކްރީންކޮށް، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރާނެ އެވެ. އަދި ބޭރުން ރާއްޖެއަށް އަންނަ މީހުން ޓިބީއަށް ސްކްރީންކޮށް އެ ބަލި ރާއްޖެއަށް ބޭރުން އައުން ކޮންޓްރޯލް ކުރާނެ އެވެ.

ދެހާސް ބާވީސް ނިމޭއިރު ރާއްޖޭގައި ޓީބީ ޖެހޭ މީހުންގެ ނިސްބަތް 50 ޕަސެންޓަށް ދަށްކޮށް، ބަލީގައި މަރުވާ މީހުންގެ ނިސްބަތް 70 ޕަސެންޓަށް މަދުކުރަން ވެސް އެ ޕްލޭނުގައި ކަނޑައަޅާފައި ވެއެވެ.

މިއަދު ފެށި ކެމްޕޭނާ ބެހޭގޮތުން ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބް ޑރ، އަރްވިންދް މާތުރް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއަކީ ސަރަހައްދީ ފެންވަރުގައި ވެސް ނަމޫނާ ދާއިރާއެއް ކަމަށެވެ. ފާއިތުވި ދެ އަހަރު ރާއްޖެއިން ބޮޑު ދެ ބައްޔެއް ނައްތާލާފައިވާއިރު ޓީބީ ފަދަ ބައްޔެއް ރާއްޖެއިން ނައްތާލުމަކީ އެ ބަލި މިހާރު ރާއްޖޭގައި އޮތް ނިސްބަތަށް ބަލާއިރު އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ޓީބީ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ފެތުރެމުންދާ ނުރައްކާތެރިކަން ބޮޑު ބައްޔެއް. ޓީބީއަކީ ވައިރަލްކޮށް ފެތުރޭ ބައްޔަކަށް ވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގައި އެއީ ނައްތާލަން އުނދަގޫވެފައިވާ ބައްޔެއް. އެހެން ނަމަވެސް ރާއްޖެ ދަނީ ސިއްހީ ދާއިރާގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 2017 ވަނަ އަހަރު ރަޝިއާގެ ރައީސް ވެސް ބައިވެރިވެވަޑައިގެން ބޭއްވި ފޯރަމްގައި ޓީބީ ނައްތާލުމަށް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން ނެންގެވި އިސްނެންގެވުން،" އަރްވިންދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ރާއްޖޭގައި ޓީބީ ބަލި އެއްގޮތަކަށް ވެސް ނެތް ރަށްރަށް އެބަ އޮތް ކަމަށެވެ. އެކްޝަން ޕްލޭންގައި ކަންޑައެޅިފައިވާ ކަންކަން ހާސިލް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖެއިން ޓީބީ ނައްތާލަން މަސައްކަތް ފަށާފައިވާއިރު، މި އަހަރުގެ ނިޔަލަށް އެއިޑްސް ކޮންޓްރޯލް ކުރެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފަ އެވެ. ފާއިތުވި ދެ އަހަރު ރާއްޖެއިން ވަނީ ފައިލޭރިއާ އާއި ހިމަބިހި ނައްތާލާފަ އެވެ.