އިދިކޮޅު ޕާޓީތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިލްސިލާކޮށް ބާއްވާ އެއްވުންތައް ރޫޅާލުމުގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެ އެއްވުންތައް ކަވަރު ކުރާ ނޫސްވެރިންނަށް އަމާޒުކޮށް، ބައެއް މީޑިއާ ހައުސްތަކަށް މާސްކް ބަހަން ފަށައިފި އެވެ. މިއީ ސިޔާސީ ހަރަކާތެއްގެ ތެރޭގައި މިފަދަ ކަމެއް ރާއްޖޭގައި ކުރާ ފުރަތަމަ ފަހަރެވެ.
މަހުލޫފް މިއަދު ވަނީ ރާއްޖެޓީވީ، ސަންގް ޓީވީ އަދި ވީޓީވީއަށް ޒިޔާރަތްކޮށް މާސްކްތަކެއް އެ ތަންތަނަށް ހަދިޔާ ކޮށްފަ އެވެ. އެއްވުންތަކުގައި މަހުލޫފް އެފަދަ މާސްކް ބޭނުން ކުރާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.
މަހުލޫފް ވިދާޅުވީ އޭނާ އެ މާސްކްތައް ހަދިޔާ ކުރީ ޕެޕާ ސްޕްރޭ އާއި ޓިޔާ ގޭހުން ލިބޭ އަނިޔާއިން ނޫސްވެރިން ސަލާމަތް ކުރުމަށް ކަމަށެވެ. ރޭ އެމްޑީޕީ ހަރުގެ ކުރިމަތީ އެއްވުން ރޫޅާލަން ފުލުހުން ކުރި މަސައްކަތުގައި ވެސް ޕެޕާ ސްޕްރޭ ޖެހި އެވެ. އޭގެ އަސަރު ނޫސްވެރިންނަށް ވެސް ކުރި އެވެ.
ބޮޑެތި މުޒާހަރާ ތަކާއި އެއްވުންތައް ކަވަކުރާއިރު ރާއްޖޭގެ ނޫސްވެރިން އަމިއްލައަށް ހެލްމެޓާއި މާސްކް ހޯދަ އެވެ.