މަޝްހޫރު އަންހެން ބޭންޑް "ފިފްތް ހާމޮނީ" އިން އެމީހުންގެ ވޯލްޑް ޓުއާގެ ދަށުން ދާން ނިންމާފައި އޮތް އޮސްޓްރޭލިއާގެ ދަތުރު ދެ ވަނަ ފަހަރަށް ކެންސަލުކުރުމުން، ބޭންޑުގެ މެމްބަރުން ބައިބައި ވާން އުޅޭ ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.
ބޭންޑުގެ ތެރޭގައި މައްސަލަ ޖެހެންފެށީ އެންމެފަހުން ބޭއްވި އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑް (ވީއެމްއޭ) ގައި އެ ބޭންޑުން ހުށަހެޅި ހުށަޅުމުގައި އެ ބޭންޑުގެ ކުރީގެ މެމްބަރު ކެމިލާ ކެބެލޯ އަށް މަލާމަތްކުރި ހިސާބުން ކަމަށް ބެލެވެ އެވެ.
"ފިފްތް ހާމޮނީ" ގެ ދަތުރުތައް ޕްރޮމޯޓުކުރާ ޓީއީޖީ ލައިވް އިން ބުނި ގޮތުގައި އޮސްޓްރޭލިއާގެ ދަތުރު އެ ބޭންޑުން ކެންސަލުކުރީ ވާންޖެހޭ ވަރަށް ތައްޔާރުވެވިފައި ނެތުމުންނެވެ. އޮސްޓްރޭލިއާގައި ބާއްވަން އޮތް ޝޯގެ ޓިކެޓް ނެގި ފަރާތްތަކަށް ރީފަންޑުވެސް ކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ ހަފްތާއެއް ކުރިން އެ ބޭންޑުގެ މެމްބަރެއް ކަމަށްވާ ލޯރެން ހޮރޭގީ، 21 އަމިއްލަ ސޯލޯ އަލްބަމެއް ނެރެން އުޅޭ ކަމަށް ވާހަކަދެކެވިފައިވެ އެވެ. ބޭންޑުގެ އެހެން މެމްބަރެއް ކަމަށްވާ ނޮމާނީ ކޮޑާއީ، 21 ވެސް ލަވަ ލިޔުމަށް މަޝްހޫރު މިއުޒިކު ރެކޯޑުކުރާ ލޭބަލްއަކާއެކު ސޮއިކޮށްފައިވާ ކަމަށް ވާހަދެކެވެމުންދެ އެވެ. ނޮމާނީ ސޮއިކުރިކަމަށް ބުނަނީ ސޭމް ސްމިތްގެ ލޭބަލް، ސްޓެލާ ސޯންގްސް އަށެވެ.
ލޯރެން، ފޯބްސް މެގަޒިންއަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބޭންޑުގެ ހުރިހާ މެމްބަރުންވެސް އަމިއްލަ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެ އެވެ.
"އެކަކު އަނެކަކަށް ދޭންޖެހޭ ސްޕޭސް ދެމުން މިދަނީ. އެމީހަކަށް އަމިއްލައަށްވެސް ކަންކަން ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުމަށް. އެކަކު އަނެކަކަށް އިތުބާރުކޮށް، ތެދުވެރިކަން މަތީ ކަންތައްތައް ކުރަން މަސައްކަތް މި ކުރަނީ." ލޯރެން ބުނެފައިވެ އެވެ.
ލޯރެން މިހެން ބުނެފައި ވީނަމަވެސް ޓުއާތަށް ކެންސަލުކުރަމުންދާތީ އާއި އަމިއްލައަށް ކަންކަން ތަޖުރިބާ ކުރުމުގެ ތެރެއިން ބޭންޑު ބައިބައި ނުވެ ދެމި އޮވެދާނެ ކަމާމެދު ފޭނުން ތިބީ ޝައްކުވެފަ އެވެ. ސަބަބަކީ ކެމިލާ ބޭންޑުން ވަކިވެ އަމިއްލައަށް މަސައްކަތް ކުރަން ފެށުމުން އޭނާ އާއި ބޭންޑުގެ މެމްބަރުންގެ ދެމެދުގައިވެސް މައްސަލަ ހޫނުވެފައިވާތީ އެވެ.