- މެދުވެރިޔަކަށް އދ ހަމަޖައްސަނީ
- އަމުރު ތަންފީޒުކުރުމަކީ ޝަރުތެއް
- ސިޔާސީ ބޭފުޅުން ދޫކޮށްލަން ގޮވާލި
ސުޕްރީމް ކޯޓުން ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލުމަށް ކުރި އަމުރާ ގުޅިގެން ގައުމު ހަލަބޮލިވުމުން އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން ދިން ދައުވަތަށް ނޫނެކޭ ބުނެ، މަޝްވަރާތައް ކުރާނެ ޝަރުތުތައް އެ ޕާޓީތަކުން ހާމަކޮށްފި އެވެ.
މިއަދު އިދިކޮޅު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަންދޫބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސަރުކާރާ ސީދާ ވާހަކަ ދެއްކުމަށް ޕާޓީތަކުން ބޭނުންނުވާ ކަމަށެވެ. ސަރުކާރުން އަމަލުކުރާ ގޮތުން އިތުރަށް ކުރާނެ މަޝްވަރާއެއް އޮތް ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށެވެ.
ނަމަވެސް ވާހަކަ ދައްކައިގެން މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަކީ އަބަދުވެސް އެ ޕާޓީތަކުން އިސްކަންދޭ އެ ޕާޓީތަކުން ގަބޫލުކުރާ ހަމައެއް ކަމަށް އިބޫ ވިދާޅުވި އެވެ. އެކަން ވޭތުވެދިޔަ ތަނުގައި ބަހާއި އަމަލުން ދައްކާފައިވާނެ ކަމަށެވެ. އެގޮތުން ކޮމަންވެލްތުން އިސް ނަގައިގެން މަޝްވަރާކުރަން އުޅުނުއިރު އެއްވެސް ޝަރުތަކާ ނުލާ ސަރުކާރާއެކު މަޝްވަރާކުރަން އޭރު ޕާޓީތަކުން އެއްބަސްވިކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ސަރުކާރުން ކޮމަންވެލްތުން ވަކިވެ، ޕާޓީތަކާއެކު ސަރުކާރުން އޭރު މަޝްވަރާ ނުކުރި ކަމަށެވެ.
މިހާރު މަޝްވަރާއަށް ސަރުކާރު ދައުވަތު ދީފައިވަނީ، ކޮން މަގުސަދެއްގައި ކޮން ކަމެއް ހާސިލުކުރަންކަން ސާފުވާ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކޮށް މިހާރު ވަނީ ގާނޫނާ ހިލާފު ގަރާރަކުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހިފާ ހައްޔަރުކޮށް ސިޔާސީ ލީޑަރުންތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ހައްޔަރުކޮށްފައިވާކަން ވެސް ވަނީ އިބޫ ފާހަގަކުރެއްވި އެވެ.
"ވައްކަމާއި ކޮރަޕްޝަނަކީ ތޮބީއީ ކަމެއްގެ ގޮތުގަ ދެކޭ މީހަކާއެކު ދައްކާނެ ވާހަކައެއް ނޯންނާނެ، އަނިޔާކުރުމާއި އަނިޔާވެރިވުމަކީ ތިމާގެ އަމިއްލަ އުފަލެއް ކަމުގަ ދެކޭ މީހަކާއެކު ދައްކާނެ ސީދާ ވާހަކައެއް އަޅުގަނޑުމެން ނޯންނާނެ، ގާނޫނޫ ސީދާ މުގުރާލަން އަމުރުކުރާ ބަންޑާރަ ނައިބަކާއެކު ދައްކާނެ ވާހަކައެއް އަޅުގަނޑުމެންގެ ނޯންނާނެ، ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް ދެކޮޅު ހެދުމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނޯންނާނެ، ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދޭތެރޭގައި ދައްކާނެ ވާހަކައެއް ނޯންނާނެ، އެއީ ތަންފީޒުކުރަން ޖެހޭ ކަންކަން،" އިބޫ ވިދާޅުވި އެވެ.
ގައުމު މިއޮތް ހާލަތުން ސަލާމަތްކުރުމަށް ވާހަކަ ދައްކައިގެން ކަންކަަން ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންވެ ސީދާ ސަރުކާރާ މަޝްވަރާކުރުމުގެ ބަދަލުގައި އެހެން ގޮތްތަކެއް އިދިކޮޅު ޕާޓީތަކުން ބޭނުންވާކަން އިބޫ ހާމަކުރެއްވި އެވެ. އެގޮތުން މަޝްވަރާގައި އެދެވޭ ނަތީޖާއެއް ނެރުމަށް އދ. މެދުވެރިޔަކަށް ހެދުމަށް ޕާޓީތަކުން ނިންމި އެވެ. އެކަމަށް ޕާޓީތަކުން އދ.އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މަޝްވަރާއަށް ދާނީ ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ވަނުމުން ކަމަށް އދ.އަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން ބައެއް ކަންކަން ކުރުމަށް ސަރުކާރަށް ވަނީ ޝަރުތުކޮށްފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ވަގުތުން ވަގުތަށް ތަންފީޒުކުރުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިނިވަންކޮށް ގާނޫނު އަސާސީގައިވާ ގޮތަށް ސުޕްރީިމް ކޯޓު ހިންގުމަށް ވަނީ ޝަރުތުކޮށްފަ އެވެ.
އޭގެއިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ހައްޔަރުކުރި، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މަޖިލީހުގެ މެންބަރުން ކަމަށްވާ ފާރިސް މައުމޫނާއި އަބްދުﷲ ސިނާން އާއި އިލްހާމް އަހުމަދާއި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަގުތުން ދޫކޮށްލުމަށް ވެސް ޝަރުތެއްގެ ގޮތުގައި ކަނޑައަޅައި، އެކަން އދ.އަށް އަންގާފައިވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެއިތުރުން ވެސް މި މައްސަލާގައި ހައްޔަރުކުރި އެހެން މީހުން ދޫކޮށްލުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ. އެކަންކަން ފުރިހަމަވުމުން މަޝްވަރާއަށް ދިޔުމަށް ތައްޔާރަށް ތިބި ކަމަށް އިބޫ ވިދާޅުވި އެވެ.
އަމުރަށްފަހު ގައުމު ހަލަބޮލިވެފައިވަނިކޮށް ޕާޓީތަކަށް ސަރުކާރުން ފޮނުވި ސިޓީގައި ބުނެފައިވަނީ، މަސްރަހު މިހާރު އޮތްގޮތުން، ގައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަކީ މުހިއްމު ކަމެއް ކަމަށެވެ. ސިޓީގައި ރައީސް އޮފީހުން އެދިފައިވަނީ މަޝްވަރާގައި ކޮންމެ ޕާޓީއަކުން ވެސް ބައިވެރިވާނެ މަންދޫބުންގެ ނަންތައް ފޮނުވުމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ފުރަތަމަ ސިޔާސީ މަޝްވަރާތައް ބޭއްވީ 2015 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އެ މަޝްވަރާތައްވީ ފެއިލެވެ. އޭގެފަހުން އެތައް ފަހަރަކު ސަރުކާރުން މަޝްވަރާކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ދެ ފަރާތަށް ވެސް އެއްބަސް ނުވެވޭ ޝަރުތުތަކަކާއެކު ކޮންމެ ފަހަރަކު ވެސް މަޝްވަރާތައް ހުއްޓެނީ އެވެ.
ހާލަތު ގޯސްވާ ކޮންމެ ފަހަރަކު ސަރުކާރުން މަޝްވަރާއަށް ދައުވަތުދެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި އެއީ އެއްވެސް އިހްލާސްތެރި ނިޔަތެއްގައި ސަރުކާރުންދޭ ދައުވަތެއް ނޫނެވެ. އަދި އެ ޕާޓީތަކުން ވަނީ ޕާޓީގެ ލީޑަރުންނާ ނުލާ މަޝްވަރާތައް ކުރިއަށް ނުގެންދާނެ ކަމަށް ވެސް ބުނެފަ އެވެ.