ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ވާހަކަ ތަފާތު: ތިން ބޭފުޅުން ވެސް ރަނގަޅު!

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ވެސް ސިޔާސީ ވާހަކަތަައް ދެއްކެވި ކަމަށާއި ނަމަވެސް އެއިން އެއްވެސް ވާހަކައެއް އަޑު އައްސަވާފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ތިން ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް އިއްޔެ ޖަލަށް ވަޑައިގެންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަން ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިއްބެވު އެ ތިން ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ މިންވަރެއްގެ ތަފްސީލެއް އޭނާ ހާމަ ކުރެއްވީ މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މުއިއްޒު ވިދާޅުވީ ރައީސް މައުމޫނާއި އަބްދުﷲ ސައީދު އަދި އަލީ ހަމީދު އަރިހަށް ރައީސްގެ ފަރާތްޕުޅުން އޭނާ ފޮނުއްވެވީ ހަމައެކަނި އެ ބޭފުޅުންގެ ހާލު ބެއްލެވުމަށް ކަމަށެވެ. އަދި އެ ތިން ބޭފުޅުންނާ ބައްދަލު ކުރައްވާ މައުލޫމާތު ރަނގަޅަށް ސާފު ކުރެއްވި ކަމަށާއި ނަމަވެސް އެ ވާހަކަތަކުގެ އިތުރުން ސިޔާސީ ވާހަކަތައް ވެސް އެ ބޭފުޅުން ދައްކަވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެ ވާހަކަތަކަށް ސަމާލުކަން ނުދެއްވާ، އަދި އެއްވެސް ރައްދެއް ވެސް ނުދެއްވާ ވަަޑައިގެން އެ ބޭފުޅުންގެ ހާލު ކޮޅާ ބޭހޭ މައުލޫމާތުތައް ރައީސަށް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު އެ ތިން ބޭފުޅުން ގާތަށް ދިޔަ މަގުސަދަކީ ހާލު ބެލުން. އެކަމާ ބެހޭ ކަންކަން އޮޅުން ފިލުވުމަށް އަޅުގަނޑު ކުރި ސުވާލުތަކަށް އެ ބޭފުޅުން ޖަވާބު ދެއްވި، އަދި އޭގެ އިތުރަށް އެ ބޭފުޅުން އަމިއްލަފުޅަށް ސިޔާސީ ގޮތުން ދައްކަން ބޭނުންފުޅު ވެގެން ބައެއް ވާހަކަތައް ދަައްކަވަން މަސައްކަތް ކުރެއްވި، އެހެން ނަމަވެސް އެއީ އަޅުގަނޑު ކުރަން ދިޔަ ކަމެއް ނޫން، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތްކޮށްފައި އަޅުގަނޑު އެނބުރި އައީ، ރައީސަށް ވެސް ދެންނެވީ އަޅުގަނޑާ ހަވާލު ކުރި މަސައްކަތާ ގުޅިގެން އެ ބޭފުޅުން ދެއްކެވި ވާހަކަތައް،" މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުވުންތަކާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ވަކީލު ހުސެން ޝަމީމް ވިދާޅުވެފައި ވަނީ މައުމޫން މިނިސްޓަރު މުއިއްޒަށް "ކުރު ދޮށިން ދެއްވާފައިވާ" ކަމަށެވެ. އަދި މުއިއްޒު ވަޑައިގަތީ ހާލު ބައްލަވަން ނޫން ކަމަށާއި ޖެއްސުން ކުރެއްވުމުގެ ނިޔަތުގައި ކަމަށް ވެސް ރައީސް މައުމޫން މުއިއްޒަށް ދެންނެވި ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ރައީސް ޔާމީނަށް ދެންނެވުމަަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެ ބޭފުޅުންގެ ވަކީލުން ދައްކާފައި ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް މައުމޫން އެމަނިކުފާނާ ވާހަކަފުޅު ދެއްކެވީ ރަނގަޅަށް ކަމަށާއި ޝަމީމް ވިދާޅުވާ ފަދަ ގޮތަކަށް ވާހަކަފުޅު ނުދައްކަވާ ކަމަށެވެ. ނަަމަވެސް އެ ލޯޔަރުން ދޮގު ވާހަކަ ފަތުރާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެން ރައީސް މައުމޫން އަޅުގަނޑާ ވާހަކަފުޅު ދެއްކެވީ ވަރަށް ރަނގަޅަށް. އެ ވިދާޅުވާ އިބާރާތަށް ނިސްބަތްވާ ކަހަލަ އެއްވެސް ގޮތަކަށް ނޫން ވާހަކަފުޅު ދެއްކެވީ. އަޅުގަނޑު ކުރި ސުވާލުތަކަށް ޖަވާބު ދެއްވި، ލޯޔަރު އެގޮތަށް އެ ވިދާޅުވާ ސަބަބަކާ މެދު އަޅުގަނޑު ސުވާލު އުފެދޭ،" މުއިއްޒު ވިދާޅުވި އެވެ.

އިތުރު ތަފްސީލު ދެއްވަމުން މުއިއްޒު ވިދާޅުވީ ރައީސްގެ އެދިވަޑައިގަތުމަށް ފުރަތަމަ ވަޑައިގަތީ ރައީސް މައުމޫން އަރިހަށް މާފުށްޓަށް ކަމަށެވެ. އަދި ރައީސް މައުމޫން ހުންނެވީ އުނދޯލި ގެއަކާއި ސިޓިން ރޫމަކާއި ބެޑް ރޫމަކާއި ފާހަނައެއް ހިމެނޭ ރަނގަޅު ފެންވަރުގެ ތަނެއްގައި ކަމަށެވެ. އޭނާ އެތަނަށް ވަނތް އިރު ރައީސް މައުމޫން އިންނެވީ ސޯފާގައި ކަމަށާއި ހާލު އެހުމުން ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވި ކަމަށެވެ. އަދި ބޭސް ފަރުވާއަށް ޑޮކްޓަރަށް ދައްކަން ބޭނުންވެއްޖެ ނަމަ އެކަމަށް އެދިވަޑައިގަތުމުން ވަގުތުން އެކަން ހަމަޖެހޭ ކަމަށާއި ލޯޔަރަކާ ބައްދަލު ކުރަން ބޭނުންވުމުން އެކަން ވެސް ހަމަޖެހޭ ކަމަށް ވިދާޅުވި ކަމަށެވެ.

"ރައީސް މައުމޫން ވިދާޅުވީ ޑޮކްޓަރަކަށް ދައްކަން ބޭނުންވެއްޖެ ނަމަ ރިކުއެސްޓް ކުރާތަނުން ހަމަޖެފައޭ ވަނީ މިހާތަނަށް، ދެން ދޫނިދޫގައި ހުރި ތަނަށް ވުރެ އެތައް ގޮތަކުން މާފުށީގައި ހުންނެވި ތަން މާ ފުރިހަމަ ކަމާއި އިންތިޒާމުތައް ވަރަށް ރަނގަޅު ކަމަށް ހަމަ ތަކުރާރުކޮށް އަޅުގަނޑު ގާތުގައި ވިދާޅުވި،" މުއިއްޒު ވިދާޅުވި އެވެ.

ދެން ވަޑައިގަތީ ފަނޑިޔާރު އަލީ ހަމީދު އަރިހަށް ކަމަށާއި ބައްދަލުވުމުގައި ފުރަތަމަ ވެސް ފުލުހުން އަލީ ހަމީދާ ދޭތެރޭ ބެހެއްޓެވި ގާތް ކަމަށްޓަކައި ވަރަށް ހައިރާންވެ ވަޑައިގެން އިންނެވި ކަމަށް އަލީ ހަމީދު ވިދާޅުވި ކަމަށެވެ. އަދި ކެއުމުގެ އިންތިޒާމާއި ނިދުމުގެ އިންތިޒާމްތައް ވެސް ވަރަށް ފުރިހަމައަށް ފުލުހުން ފަހިކޮށްދޭ ކަމަށް އަލީ ހަމީދު ވިދާޅުވި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަލީ ހަމީދު ވިދާޅުވީ ތިމަންނައަކީ ވަރަށް ކުރީއްސުރެއް ވަކި ގޮތަކަށް ކެއުމުގެ ކަންކަން ބައްޓަން ކުރަން ޖެހޭ މީހަކަށްވީމަ އެކަން ރިކްއެސްޓް ކުރުމުން އެކަން ވެސް ހަމަޖައްސައިދިނޭ، އަދި އަޅުގަނޑު ކުރިމަތީ ހުރި މިނިރަލް ވޯޓާ ފުޅިއަށް އިޝާރާތް ކުރެއްވުމަށް ފަހު ވިދާޅުވީ މިކަހަލަ ފެނޭ ތިމަންނައަށް ބޯންވެސް ދެނީ، އަދި އަވަހާރަފުޅު ލައްޕަވާއިރު ބޭނުން ކުރަން ޖެހޭ ފަރުވާއެއް އޮވެއޭ، ނޭވާލުމުގައި އޮންނަ ދަތިކަމަކާ ހެދި، އެ ފަރުވާ ވެސް ކޮންމެ ރެއަކު ލިބެއޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަބްދުﷲ ސައީދު ކުރިން އުޅުއްވީ ބަލިކޮށް ކަމަށާއި ނަމަވެސް ޑޮކްޓަރުގެ ފަރުވާއަށް ފަހު ފަހު ބޭސްތައް ބައްލަންވަން ފެށުމުން އޭނާގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ފުލުހުންގެ އިންތިޒާމްތަކަށް އޭނާ ވެސް ހިތްޕުޅު ހަމަޖެހި ވަޑައިގެން ހުންނެވި ކަމަށެވެ.