ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފި

Feb 15, 2018

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފި އެވެ. އަލުން ދޫނިދޫއަށް ބަދަލު ކުރި އިރު ދޫނިދޫ ކަސްޓޯޑިއަލްގައި ބަހައްޓާފައި ހުރުމަށްފަހު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

އަދީބު އެނބުރި ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާކަން ކަށަވަރުކޮށްދެއްވައި އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިރޭ ވިދާޅުވީ ދޫނިދޫ ޖަލަށް އަނެއްކާ ވެސް އަދީބު ބަދަލުކޮށްފައިވާ ކަމަށާއި އޭނާ ބަދަލު ކޮށްފައިވަނީ އެއްވެސް ފަރާތަކަށް އެންގުމަކާ ނުލައި ކަމަށެވެ. ބަދަލު ކުރީ ކީއްވެ ކަމެއް އަދިވެސް ނާންގާ ކަމަށެވެ،

"އަދީބު ދޫނިދޫއަށް ބަދަލު ކުރިކަން އާއިލާއަށްވެސް ވަކީލުންނަށް ވެސް އަންގާފައެއް ނުވޭ،" ސިރާޖް ވިދާޅުވި އެވެ.

ދޫނިދޫ ޖަލަށް އަދީބު ބަދަލު ކުރިއިރު، ގިނަ ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިރޭ ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ.