މޯލްޑިވިއަން އައިޑޮލް

ދިގު އިންތިޒާރަކަށްފަހު މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ރޭގައި ވަނީ ފަށާފަ އެވެ. ރޭގައި ގެނެސްދީފައި ވަނީ މާލޭގައި ބޭއްވި އޮޑިޝަންތަކުގެ ފުރަތަމަ ބައެވެ.

ރޭގެ އެޕިސޯޑުން ވަރަށް ކުޅަދާނަ އެހާމެ ހުނަރުން ފުރިފައިވާ ގިނަ ބައިވެރިންތަކެއް ފެނިގެންދިޔަ އެވެ. ރީތި އަދި ތަފާތު ގިނަ އަޑުތަކެއް އަހާލަން ލިބުނެވެ. ޝޯއަށް ދިރުންދީ ފަޅުފިލުވާލި އެތަށް ބައިވެރިންނެއް ފެނުނުއިރު، ނާކާމިޔާބީގައި ހިތްވަރުކޮށް އެނބުރި ދާންޖެހުނު ބައިވެރިންގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔަ އެވެ.

ރޭގެ އޮޑިޝަންގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކަކަށް ވާނީ ދެ ވަނަ ސީޒަންގައި ވެސް ބައިވެރިވެ ގިނަ ބައެއް ސަމާލުކަން ހޯދި "ޗައިވާލާ" އެވެ. ކ. މާފުއްޓަށް އުފަން އަހްމަދު ޝަމީލް ދެ ވަނަ ސީޒަންގެ އޮޑިޝަން ކާމިޔާބުކޮށް، ޕިއާނޯ ރައުންޑުގައި ނާކާމިޔަބު ވީނަމަވެސް މި ސީޒަނަށް އޭނާ އައީ އިތުރު ހިތްވަރަކާއެކު އެވެ. ހިތްވަރުދޭން މިފަހަރު ގާތުގައި މަންމަ އާއި މާމާ ވެސް ހުއްޓެވެ. އާއިލާގެ އެހެން މެމްބަރުންނާއި ރަހުމަތްތެރިން ވެސް ތިއްބެވެ. އެމީހުންގެ ހިތްވަރާއެކު ޖަޖުން އުފާކޮށްލާ، އޭނާ ވަނީ މިފަހަރު ވެސް ގޯލްޑެން ޓިކެޓް ގެންގޮސްފަ އެވެ.

އައިޑޮލް އޮޑިޝަންގައި ބައިވެރިވި އަހްމަދު ޝަމީލް --

ގޯލްޑެން ޓިކެޓް ނުލިބުނަސް ރޭގެ ޝޯގައި އެންމެ ގިނަ ބަޔަކު ހެއްވާލި މީހަކަށް ވާނީ ހުސްނީ މުބާރަކް އެވެ. އެއްވެސް ހާލަތެއްގައި މިދައްކަނީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވާހަކައެއް ނޫނެވެ. ހދ. ކުމުންދޫއަށް އުފަން ޒުވާނެއްގެ ވާހަކަ އެވެ. އޭނާގެ އަޑުން ޖަޖުން ހިތްހަމަ ޖައްސާ ނުދެވުނު ނަމަވެސް ޖަޖުން ހީހީ ބަލިކޮށްލި އެވެ.

ލަވަކިޔުމުގެ ހުނަރު ނެތްކަމަށް ޖަޖުން ބުންޏަސް މީހުނަށް ނަސޭހަތް ދިނުމަކީ އޭނާގެ ހުންނަ ހުނަރެއްކަމަށް އޮޑިޝަން ފެށުމުގެ ކުރިން ހުސްނީ ބުންޏެވެ. އާންމުކޮށް އޭނާ ނަސޭހަތްދޭ ކަމަށް ވަނީ ލޯބީގެ މައްސަލަތަކުގަ އެވެ. ލޯބީގެ ކަންކަމުގައި ނަސޭހަތް ދިން ނަމަވެސް އޭނާ އަކީ ލޯބީގައި އެހާ ކާމިޔާބު މީހެއް ނޫނެވެ. އޮޑިޝަންގައިި ވެސް ކަންދިމާކުރި ގޮތުންވީ ނާކާމިޔާބެވެ.

އައިޑޮލްގެ އޮޑިޝަންގައި ބައިވެރިވި ހުސްނީ މުބާރަކް --

އޮޑިޝަންގައި ފެނުނު ބައިވެރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ހިތަށް އަސަރުކުރީ އަހްމަދު ލައިސް އާސިމްގެ ވާހަކައިންނެވެ. ލައިސް ފައިގެ ބޮޑު އޮޕްރޭޝަނެކޮށް ހަ މަސް ވަންދެއް ހޮސްޕިޓަލުގައި އޮންނަ ޖެހުނު ވާހަކައިން ބެލުންތެރިންގެ ހިތް ގުޑުވާލި އެވެ. އޮޕްރޭޝަނަށްފަހު ފަސޭހަ ވާން ވެސް ހަ އަަހަރު ނަގާފައިވެ އެވެ. ބޮޑު އޮޕަރޭޝަނެއް ކުރަންޖެހުމުން ނަފްސާނީގޮތުން އޭނާއަށް ކުރިމަތިވި އަސަރުތައް ބެލުންތެރިންނާ ހިއްސާކުރި އެވެ.

ލަވައިގެ އާއިލާއަކަށް ނިސްބަތްވާ ލައިސްއަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޮފޫރާ ހަލީލްގެ ދަރިއެކެވެ. ލައިސްގެ ލަވަކިޔުމުގެ ހުނަރު ޖަޖުން ހައިރާންކޮށްލިއިރު ލައިސް އަކީ އެކްޓިން އިންވެސް ގިނަ ބަޔަކު ހައިރާކޮށްލި ކުއްޖެއްކަން އިނގޭ ހެއްޔެވެ. ކާމިޔާބު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ފިލްމު "ޔޫސުފް" ގައި ޔޫއްޕެގެ ދަރިފުޅުގެ ރޯލުން ފެނިގެންދިޔައީ މި ލައިސް އެވެ. ލައިސް ކުޑައިރު ކުޅެފައިވާ އެ ރޯލަށް ބެލުންތެރިން މީގެ އަހަރުތަކެއް ކުރިން އޮތީ ގޯލްޑެން ޓިކެޓު ދީފަ އެވެ. އެހެންކަމުން ރޭގައި އޭނާއަށް ލިބިގެން ދިޔައީ ދެ ވަނަ ގޯލްޑެން ޓިކެޓެވެ.

އައިޑޮލް އޮޑިޝަންގައި ބައިވެރިވި އަހްމަދު ލައިސް އާސިމް --

ކުނި އުކާލުމުގެ ވަޒީފާއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ދިވެހިންގެ މެދުގައި ހަޑި މަސައްކަތެއް ގޮތަށް ސިފަވެފަ އޮތް މަސައްކަތެކެވެ. ނަމަވެސް ވެމްކޯ އިން މާލޭގައި ކުނި އުކާލަން ފެށުމާއެކު ކުނި އުކާލުމުގެ ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދިނުން ވެެގެންދިޔައީ ވަޒީފާ ލިބުމުގެ ދަތިތައް ހުރި މީހުންނަށް ލިބުނު ހިތްވަރަކަށެވެ. ގިނަ ދިވެހިން އެ މަސައްކަތަށް ނުކުތެވެ. އޭގެ ތެރެއިން އެކަކަކީ ރޭ އޮޑިޝަންގައި ބައިވެރިވި އަބްދުﷲ ސޮލާހު އެވެ. އޭނާ އެ މަސައްކަތައް ނުކުތީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ކުރާ މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށް ސަލާހް ބުނަންވެސް ބުންޏެވެ.

ކުޑައިރުއްސުރެ ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ސޮލާހުގެ އަކީ މިއަދު ދެ ކުދިންގެ ހެޔޮލަފާ ބައްޕަ އެކެވެ. އަތާއަތާ ލުމާއި ވާ ދެމުމަށް އޭނާ ފޯރި ހުއްޓަސް އައިޑޮލްގައި އިތުރަށް ވާދަ ކުރެވޭނެ ގޮތެއް އޭނާ އަކަށް ނުވި އެވެ.

އައިޑޮލް އޮޑިޝަންގެ ބައިވެރިވި އަބްދުﷲ ސޮލާހު --

ރޭގެ އޮޑިޝަންގައި އެންމެ ގަދަޔަށް ވިދާލީ ޓީވީއެމް ސުކޫލް ކުދިންގެ ލަވަ މުބާރާތުން ތިން ފަހަރު އެއް ވަނަަ ހޯދާފައިވާ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު އެވެ. އުމުރުން އެންމެ ތިން އަހަރުގައި ސްޓޭޖުތަކުގައި ލަވަކިޔަން ފެށި ސައިނާ ވަނީ މިފަހަރު އައިޑޮލްގެ އޮޑިޝަނަށް އަލަށް ތައާރަފްކުރި "ގޯލްޑެން މައިކް" ވެސް ކާމިޔާބުކޮށްފަ އެވެ. ޓީވީއެމްގެ މަދަހަ މުބާރާތަކުން ވެސް ސައިނާ އެއް ވަނަ ހޯދާފައިވެ އެވެ.

އައިޑޮލްގެ އޮޑިޝަންގައި ބައިވެރިވި އައިމިނަތު ސައިނާ މުހައްމަދު ރަޝީދު --

ގޯލްޑެން ޓިކެޓް ގެންދިޔަ އެހެން ބައިވެރިންގެ ތެރޭގައި އަބްދުﷲ މުރުޝިދު، ރައިހާން އާދަމް، އަބްދުﷲ މުނާޒް، ނައުޝާދު، އަދި އަކްރަމް އަލީ ސައީދުގެ އިތުރުން އެހެން ބައެއް ބައިވެރިންވެސް ހިމެނެ އެވެ.

މިފަހަރުގެ އައިޑަލް އޮޑިޝަންތަކުގައި ތަފާތުތަކެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން ކުރީގެ ދެ ސީޒަނާ ހިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުގައި ހަތަރު ފަންނާނުން ތިއްބެވެ. ކުރީގެ ދެ ސީޒަންގައި ވެސް ނުފެންނަ "ގޯލްޑަން މައިކް" މިފަހަރުގެ ސީޒަންގައި ފެނިގެން ގޮސްފައިވެ އެވެ.

މާލޭ އޮޑިޝަންގެ ފުރަތަމަ ބައި ރޭ ނިމުނުއިރު، ދެ ވަނަ ބައި މިރޭ ދައްކާނެ އެވެ. އިންތިޒާރުކޮށްލައްވާށެވެ.