ލައިފްސްޓައިލް

ދިވެހިންގެ މުޖައްރިބު ބޭސް، ހުރިހާ ކަމަކަށް މޮޅު ފެހި ބާމު

އިންޑިއާ ކަނޑުގެ ތެރެއަށް އެގޮތް މިގޮތަށް އުކާލާފައިވާ މުތްތަކެއް ފަދަ މި ރާއްޖޭގައި މީހުން އާބާދުވާން ފެށުނު ހިސާބެއް ، ފެށުނު ގޮތް ކަށަވަރަށް އިނގޭ މީހަކު ނެތެވެ. ރާއްޖެއަކީ އެއަށް ވުރެ މާ ދުވަސްްވީ ތަނެކެވެ. އެކަމަކު މީހުން އުޅެން ފަށަން މެދުވެރިވެދާނެ ކަމަށް ބެލެވޭ ވަރަށް ގަބޫލު ކުރަންް ފަސޭހަ ނަޒަރިއްޔާއެއް އެބަ އޮތެވެ. އެއީ ބޮޑެތި ބައްރުތަކުގެ ތެރޭގައި ދަތުރުކުރި މީހުންގެ އޮޑިފަހަރު މިރަށް ތަކަށް އުރި، ގޮތް ހުސްވެ، ދެވޭނެ ގޮތެއް ނެތި ވަޒަންވެރިވާން މަޖުބޫރުވުމެވެ. މަދު އެތިކޮޅަކުން ފުއްދުމާއި އެކައްޗަކުން ގިނަ ބޭނުންތައް ފުއްދުން ފަދަ ' ސަވައިވަލް ސްކިލްސް، އިހުގެ ދިވެހިންގެ ކިބައިގައި އަށަގެންފައި ހުރީ މިހެންވެ ކަމަށް ވެދާނެއެވެ. އެކަމަކު މިއީ ދެން ހަމަ ނަޒަރިއްޔާއެކެވެ. މިއަށް ބާރު ލިބޭ ފަދަ އިލްމީ ދިރާސާއެއް އަދި ނެތެވެ.

ދިވެހިންގެ ކިބައިގައި ހުރި މި ރަނގަޅު ސިފައިގެ ތެރެއިން މިހާރަށް ފެންނަން އޮތް އެންމެ ރީތި މިސާލަކީ ޖެހޭ ކުދި ބަލިތަކާއި ލިބޭ ކުދި އަނިޔާ ތަކަށް ފަރުވާ ކުރުމުގައި ގެންގުޅޭ ފަސޭހަ އުސޫލެވެ. ކުދި ކަންކަމުގައި އަހަރެމެެން ސައިރަން އަޅާފައި ހޮސްޕިޓަލަކަށް ނުދަމުއެވެ. ލޮލުގައި އެއްޗެއް ޖަހައިފިއްޔާ ޖަހާނީ ރުކުގެ ދިޔައެވެ. އިތުރު ކަމެއް ކުރަންޏާ އަޅާނީ އަނދުނެވެ. ތަނެއް ދުޅަވީމާ ކާއްތާނީ ކޯރާޑި ތެލެވެ.

ގޭގައި ދޭ ފަރުވާގައި މި ބުނެވި ދިޔަ އެއްޗިއްސަށް ވުރެ މަޝްހޫރީ ބާމެވެ. އަހަރެމެން ކިޔާ ގޮތަށް ނަމަ ފެހިބާމެވެ. މީގެ 30 އަކަށް އަހަރު ކުރިއަށް ޖެހިލައި އަހަރެމެންގެ ޅައިރުގެ ހަނދާން އާކޮށްލީމާ ބާމު ފުޅި ފެންނަނީ ގޭގައި އޮންނަން މަޖުބޫރު އެއްޗެއްގެ ގޮތުގައެވެ.

އެއީ ހަގީގަތުގައި ' ޝަންހައި މެންތޯ ޖެލީ' އެވެ. ޗައިނާގެ އެ އުފެއްދުން އޮންލައިންްކޮށް ވިއްކަން ވެގެން އޮންލައިން ބާޒާރުތަކުގައި ޖަހާފައި ހުރި އިސްތިހާރުތަކުން އެނގޭ ގޮތުގައި ޝަންހައި މެންތޯ ޖެލީ ނުވަތަ ފެހި ބާމަކީ ހަމަ އަސްލުގައި ވެސް މި ބޭނުންތަކަށް ހާއްސަ އެއްޗެކެފެ. ޗައިނާގެ އަލީބާބާ އޮންލައިން ސްޓޯރުހައި އެ އުފެއްދުމުގެ އަގު ހުރި އެއް ޑޮލަރުގައެވެ.

ކަންފަތުގައި ރިއްސާ ވަރުން ނުނިދިގެން ހޭލެވިގެން ރޮއިގަތްރޭ މަންމަ ކުރި ކަމަކީ ކަފަގަނޑެއްގައި ބާމުލާފައި ކަންފަތުގައި ހަރުލާ ވަރަށް ކޮށްޕައިލުމެވެ. އެކަމަކު މަންމަ އެގޮތުން ޖެހި ބާމު ކަންފަތުގެ އެތެރެއަށް ނުފޭދޭނެކަން މަންމަ ކަށަވަރުު ކުރިއެވެ. އަށެއްކަ އަހަރުގައި ކުރި އެ ތަޖުރިބާގައި ޔަގީންކަމާ އެކު އެއްކަމެއް ހަނދާން އެބަހުއްޓެވެ. އެއީ އެރޭގައި ފަހުން މަށަށް ނިދުނުކަމެވެ.

ދެން އައީ ހަލަބޮލި ޓީނޭޖް ދުވަސްވަރެވެ. އަހަރެމެންގެ ޓީނޭޖް ދުވަސްވަރަކި އެެއްގޮތެއްގައި ރާއްޖޭގެ ރަން ޒަމާނެވެ. އެއީ 1900ގެ އަހަރުތަކުގެ ފަހުކޮޅެވެ. ރާއްޖެ އޮތީ މުއްސަނދިވާން ފަށާފައެވެ. އެކަމަކު މިހާރު މިގެންގުޅޭ މޯބައިލްފޯނުތަކާއި ޓެބްތަކާއި ކޮމްޕިއުޓަރުތައް އޭރުގައި އަހަރެމެންނަކަށް ނުލިބެއެވެ. ރަށްފުށުގައި ގައިމުވެސް އެކަން އޮތީ އެހެންނެވެ. އެހެންވީމާ އަހަރެމެން އުޅެމުން އައީ ވަރަށް ހަރަކާތްތެެރި ދިރިއުޅުމެކެވެ. ދުވަހުގެ ބޮޑު ބައެއް ހޭދަވާނީ ދުވެ، ފުމެ، ތަންތަނަށް އަރައި އުޅުމުގައެވެ. އެހެންވީމާ ތަންތަނުގައި ޖެހިގެންނާއި ތަންތަނުން ވެއްޓިގެން ތަންތަން ދުޅަވުމަަކީ މިހާރު އުޅޭ ކުދިންނަށް ' ގޭސްޓްރިކް މައްސަލަ' ދިމާވާ ގިނައިން އަހަރެމެންނަށް ޖެހޭ ކަންކަމެވެ.

އެގޮތަށް ޖެހި ތަދުވާ ތަންތަނާއި ދުޅަވާ ތަންތަނަށް ވެސް އޭރު ހަމަ އެންމެ ރަނގަޅީ ބާމެވެ. ހަކީމެއްގެ ކައިރިއަަށް ދާނީ ދެދުވަސް ތިން ދުވަސް ވާއިރު ގޮތެއް ނުވެއްޖެއްޔާއެވެ.

އުމުރުގެ 20 ގެ އަހަރުތަކަށް ދިޔަ އިރު އަހަރެމެން ވެސް ތިބީ ގޮނޑިގޮނޑިއަށް ފެތި ހަރަކާތް މަދުވެފައެވެ. ކޮމްޕިއުޓަރުތަކުގެ ސްކްރީނަށް ބަލައި ކީބޯޑުގައި ތެޅުމުގައެވެ. އެކަމަކު ބާމުގެ މުހިއްމު ކަމަކަށް ބަދަލެއް ނާދެއެވެ. މުހިއްމުކަން ވީ އުތުރެވެ. ފޮނިކާތަކެތި ކެވޭލެއް ގިނަވުމާއި ކޮފީއާއި ފިޒީ ބުއިންްތަކުގެ ސަބަބުން ދަތް ފަނިކެއުމުގެ ކަންތައް އޮތީ ދިރިއުޅުމުގެ ބަޔަކަށް ވެފައެވެ. ދަތް ފަނިކޭމާ ރިހޭ ދަތް ވަކި ނުވާ ވަރަށް ވެސް ބައެއް ފަހަރު ވޭން އަޅައެވެ. ރޭގަނޑު ނިދަން އޮއްވާ އެކަން ދިމާވީމާވެސް ނަގަނީ އެނދުގެ ބޯލާކޮޅުގައި އިންނަ ބާމުފުޅިއެވެ.

ދެން މިއައީ މިޒަމާނެވެ. މިހާރު މިއުޅެން ޖެހެނީ މާލޭގައެވެ. އެންމެ ކުޑަތަނެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ބިންކޮޅަކީ މިއީ ކަމަށް ވުން ގާތެވެ. ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އަށް އަދި ނާރާ އޮތް ކަަމުގައި ވިޔަސްް މެއެވެ. މިތަނުގައި މިއޮތް ދުއްވާ ވެހިކަލްތަކުގެ އަދަދު ބަލައިފިއްޔާ އެވެސް ވާނީ ރެކޯޑަކަަށެވެ. ނަތީޖާ މިފެންނަނީ ނޭފަތްތަކުންނެވެ. މިހާރު މިވާ ވަރަކީ ' މަހަކު ތިން ރޯގާ، ރޯގާއެއްގައި ދިހަ ދުވަސް" ހޭދަވުމެވެ. ރޯގާއަކަށް ވިޔަސް ނުވިޔަސް ނޭފަތް ބަންދުވުން އެހާވެސް އާއްމެވެ. މިކަމުން ނަޖާ ވާން ވެސް މުޖައްރިބު ބޭހަކީ ބާމެވެ.

ބާމުގެ ބޭނުން ކުރާ ގޮތާ ބެހޭ ގޮތުން ބައެއް މީހުންނާ ސުވާލުކޮށްލީ އެއް ކަމެއް އޮޅުން ފިލުވާލާށެވެ. އެއީ މާބުގެ ބޭނުމަށް މިވީ 40 އަކަށް އަހަރުގެ ތެރޭގައި އައީ ކޮން ބަދަލެއްތޯ ބަލާށެވެ.

" ދައިތަ މިހާރުވެސް ތަނެއް ދުޅަވެއްޖެއްޔާ އުނގުޅަނީ ބާމު، ޖެހި ތަދު ވިޔަސް، ހުޅުގައި ރިއްސިޔަސް، އަނެއްކާ ރޯގާއަށް ވެސް އަދިވެސް ހަމަ އެންމެ ރަނގަޅީ ބާމު، " ރަށުގައި ހުރި ބޮޑު ދައިތަ ބުންޏެވެ.

މާލޭގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ ހުސައިން ހަބީބު ކީ ލިސްޓުވެސް މިއަކާ ތަފާތެއް ނޫނެވެ.

އުމުރުން 43 އަހަރުގެ އާލިއާ ވެސް ބުނީ އޭނާގެ ކުދިން ޑޮކްޓަރާ ހިސާބަށް ދާނީ ބާމަށް ނުގުޑީމާ ކަމަށެވެ.

" ދެން ހަމަ ރޯގާއެއް ޖެހިލާއިރަކަށް ނުދަން ހޮސްޕިޓަލަކަށް، ނޭފަތް ކައިރީގަޔާ ބުރަކަށީގައި ރަނގަޅަށް ބާމު އުނގުޅާލައި ހޫނުކޮށްލަނީ. ދެން ކަނީ ޕެނަޑޯލް' " މާލޭގައި ދިރިއުޅޭ އެއާއިލާގެ ގޭގައި ބާމުގެ ދައުރު އޮތް ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

މިހެން ކަންތައް ހުއްޓަސް ބާމަށް މާބޮޑަށް ބަރޯސާ ކޮށްގެން މަށަށް އޮތީ ދާދި ފަހުން ކެއްސެއް ލިބިފައެވެ. އޮފީހުގެ އެކުވެރިންނާ އެކީ ދަތުރު ދިޔަ ދުވަހަކު ކުޅުނު ފުޓުބޯޅަމެޗެއްގައި މަގޭ ފަޔަށް ވީ އާދަޔާ ހިލާފަށް ގަދަ ތަދެކެވެ. ކަނާތު ފައިގެ ބޮޑުވައިއިނގިލީގެ މަތިން ކަށިގަނޑަށްވީ އެތަދަކީ އެހެންމީހަކާ އެއްކޮށްް ބޯޅަ ތަރަކޮށްލުމުގައި ދެފައި ދެފަޔަށް ޖެހިގެންވީ ތަދެކެވެ. އިސާހިތަކު ފައިތިލަ އޮތީ ދުޅަވެގެން އަރާފައެވެ. އެދުވަހު ވެސް ދަބަހުގައި ބާމުފުޅިއެއް އޮތެވެ. ފުރަތަމަ ޖެހީ ކޯރާޑި ތެލެވެ. ލުޔެއް ނިލިބި ލަސްވާން ފެށީމާ ދޮވެލާފައި ޖެހީ ބާމެވެ. ކޮންމެވެސް ވަރެއްގެ ލުޔެއް އިހުސާސް ވިއެވެ.

ދަތުރު ނިންމާލާފައި ރޭގަނޑު މާލެ އައި އިރު ނިދި އައިސްގެން ހުރީ ހަލާކުވެފައެވެ. އަލުން ތަނަކަށް ދާހާ ހިތްވަރެއް ނެތެވެ. އެހެންވެ ކުރި ކަމަކީ ބޯކޮށް ބާމު ވަށައި، އޭގެ މަތިންަ ފޮތިގަނޑެއް އޮޅާލައިގެން ނިދުމެވެ. ހެނދުނު ހޭލި އިރު ލައްކަ ތައްކަތެވެ. އެހެންވެ ކޮރު ޖަހަމުން ވެސް ނުކުތީ ބޭރަށެވެ. ދާން އޮތް ތަނަކަށް ގޮސް ތެޅޭނެހާ ތަނެއްގައި ތެޅިފައި ހަވީރު ގެއަށް އައި އިރު ކިރިޔާ ހިނގޭ ކަމެވެ. ފައިތިލަ އޮތީ ދުޅަވެގެން ބަޑި އަރާފައެވެެ.

ހޮސްޕިޓަލަށް ދިޔައީ އެހިސާބުންނެވެ. އެކްސްރޭ ނަގައި ބެލި އިރު ކަމަކުދާކަށް ނެތެވެ. ފައިތިލައިގެ އެންމެ ފަލަ ކަށިގަނޑުގައި އިނީ ރެނދެއް ލާފައެވެ. ގެއަށް ފޮނުވާލީ ޕްލާސްޓަރު އަޅައި، ގޭބަންދަށް އެއްމަސްދުވަސް ޖަހާފައެވެ.

ބާމު ފުޅިއެއް ނެތް ނަމަ، އެދުވަހު އެއަށް ވުރެ އަވަހަށް ހޮސްޕިޓަލަށް ދެވުނީހޭ މިހާރު ހިތަށް އަރައެވެ.