ފިނިޕޭޖް

ފުރަތަމަ ރެއިން ވެސް ޒާރާ ކަމުގޮސްފި

ބޮޑެތި ބަދަލުތަކަކާއެކު ދިގު އިންތިޒާރަކަށްފަހު މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ވަނީ ރޭ ފަށާފަ އެވެ. އައިޑޮލްގެ މި ސީޒަނާއި ގުޅިގެން ގިނަ ވާހަކަތައް ދެކެވެމުންދާއިރު، އެންމެންގެ ލޯތައް ހުއްޓިފައި މި އޮތީ އައިޑޮލްގެ ޖަޖުންގެ ޕެނަލްއަށް އަލަށް ގުޅުނު ޒާރާ މުޖުތަބާ އެވެ.

ޒާރާގެ ޖަޖުކުރުމަށް ބެލުންތެރިން ދަނީ ތައުރީފުކުރަމުންނެވެ. ޝޯ ކުރިއަށް ދިޔައިރު އޭނާގެ ރީތިކަމަށްވެސް ތައުރީފުތައް އޮހުނު ވަރު މަދެއް ނޫނެވެ. އެންމެ ގަދައަށް މި ވާހަކަތައް ދެކެވެމުންދިޔައީ ކޮންމެ ސީޒަނަކުވެސް އައިޑޮލްގެ ވާހަކަތައް އެންމެ ގަދައަށް ގުގުމާލާފައިވާ ޓްވިޓާގަ އެވެ.

މިއުޒިކީ ދާއިރާގައި 13 އަހަރު ހޭދަކޮށްފައިވާ ޒާރާ މި ދާއިރާގައި އެންމެ ފުރަތަަމަ ވިދާލީ ޑިމްބާ މިއުޒިކް ބޭންޑުގެ ލީޑު އަދި ބެކިން ވޯކަލިސްޓެއްގެ ގޮތުގަ އެވެ. ޒާރާ އަކީ ރާއްޖެ ތަމްސީލުކޮށް ބައިނަލްއަގުވާމީ ފެއާތަކުގައި ގިނަ ހުށަހެޅުންތަކެއް ހުށަހަޅާދީފައިވާ ހުނަރުވެރި ފަންނާނެކެވެ. ގައުމީ އަދި ތަފާތު އެތަށް ޕްލެޓްފޯމުތަކެއްގައި އޭނާގެ ހުށަހެޅުންތައް ފެނިގެންދެ އެވެ.

އޮޑިޝަންގެ ބައެއް ބައިވެރިންނަށް ޒާރާގެ ފުރިހަމަ ނަންވެސް ނޭނގިގެން އުޅުނެވެ.

ޒާރާ ވަނީ 2009 ވަނަ އަހަރު އަމިއްލަ ސޯލޯ އަލްބަމް "ކޮޔާ" އަދި 2010 ވަނަ އަހަރު އަލްބަމް "ނާޖަރަންގީ" ނެރެފަ އެވެ. ރޭގެ ޝޯ އެންމެ "ބެސްޓް" ވީވެސް ޒާރާ ސަބަބުން ކަމަށް ބައެއް ބެލުންތެރިން ބުނެފައިވެ އެވެ.

މިފަހަރުގެ އައިޑަލް އޮޑިޝަންތަކުގައި ތަފާތުތަކެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން ކުރީގެ ދެ ސީޒަނާ ހިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުގައި ހަތަރު ފަންނާނުން ތިއްބެވެ. ހަތަރު ވަނަ ޖަޖެއްގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ޒާރާ އެވެ. މީގެ އިތުރުން ކުރީގެ ދެ ސީޒަންގައި ވެސް ނުފެންނަ "ގޯލްޑަން މައިކް" މިފަހަރުގެ ސީޒަންގައި ފެނިގެން ގޮސްފައިވެ އެވެ.


ރޭގެ އެޕިސޯޑުން ވަރަށް ކުޅަދާނަ އެހާމެ ހުނަރުން ފުރިފައިވާ ގިނަ ބައިވެރިންތަކެއް ފެނިގެންދިޔަ އެވެ. ރީތި އަދި ތަފާތު ގިނަ އަޑުތަކެއް އަހާލަން ލިބުނެވެ. ޝޯއަށް ދިރުންދީ ފަޅުފިލުވާލި އެތަށް ބައިވެރިންނެއް ފެނުނުއިރު، ނާކާމިޔާބީގައި ހިތްވަރުކޮށް އެނބުރި ދާންޖެހުނު ބައިވެރިންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔަ އެވެ.

މާލޭ އޮޑިޝަންގެ ފުރަތަމަ ބައި ރޭ ނިމުނުއިރު، ދެ ވަނަ ބައި މިރޭ ދައްކާނެ އެވެ.