އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ކުރަން ގޮވާލައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިއަދު މުޒާހަރާ ކޮށްފި އެވެ. އެ އަމުރު ތަންފީޒު ކުރުމަށް ރާއްޖޭގެ ރަށްތަކުގައި މުޒާހަރާ ކުރި މިއީ ފުރަތަަމަ ފަހަރެވެ.
ރާއްޖެތެރޭ ރަށްރަށުގައި މިއަދު ކުރި މުޒާހަރާތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ބޭއްވި މުޒާހަރާތަކަށް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. ބ. ތުޅާދޫގައި ބޭއްވި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ޕޭޕާ ސުޕްރޭވެސް ބޭނުން ކޮށްފަ އެވެ. އަދި އައްޑޫ ސިޓީގައި މިއަދު ބޭއްވި ވެހިކަލް ބުރަށްވެސް ވަނީ ފުލުހުން ހުރަސް އެޅި އެވެ، އެގޮތުން ބައެއް މަގުތަކުގައި ބެރިކޭޑް ޖަަހައި ބަންދުކޮށްފަ ވެއެވެ.
އެހެން ނަމަވެސް މިއަދު ބައެއް އެހެން ރަށްރަށުގައި ބޭއްވި މުޒާހަރާ ތަކަށް ފުލުހުން ހުރަހެއް ނާޅަ އެވެ. އެރަށްތަކުގައި ސުލްހަވެރި ކަމާއެކު މުޒާހަރާ ކުރުމަށް ފުލުހުން ފުރުސަތު ދިނެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިއަދު މުޒާހަރާ ކޮށްފައިވާއިރު މާލޭގައި ވެސް ވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މުޒާހަރާ ކޮށްފަ އެވެ. އިދިކޮޅު އެއްވުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ އެއްވުން ރޫޅާލައިފި އެވެ. އެ އެއްވުން ސުލްހަވެރި ނުވާނެ ކަމަށާއި ރޫޅާލާނެ ކަމަށް ފުލުހުން ކުރިންސުރެ އޮތީ ބުނެފަ އެވެ. މިއަދު ހަވީރު އެއްވުން ފެށުމާއެކު ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށްދާން އިންޒާރުކޮށްފަ އެވެ. އަދި އެއްވުން ފެށި އެމްޑީޕީގެ ހަރުގެއި މީހުން ހުސްކޮށް ޕެޕާ ސްޕްރޭ ޖަހައި އެއްވުން ވަނީ ރޫޅާލާފަ އެވެ.
އެއްވުމުގެ ބައިވެރިން އަދިވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ދަނީ އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ތިބި މީހުން އެސަރައްދުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގަ އާއި މާލެގައި މިއަދު މުޒާހަރާ ކޮށްފައިވާއިރު އިދިކޮޅުން ބުނަމުންދަނީ މިއީ ބޮޑު މުޒާހަރާ އަށް ތައްޔާރު ވުމަށް ބޭއްވި "ވޯމްއަޕް" މުޒާހަރާއެއް ކަމަށެވެ. ބޮޑު މުޒާހަރާ ބާއްވާނެ ވަކި ތާރީހެއް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.