ހަބަރު

ސައުދީއާ ޔޫއޭއީއިން ރާއްޖެއަށް 160 މިލިއަން ޑޮލަރުގެ އެހީއެއް

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއު ތަކަށް 160 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެ އެކަން ޓްވިޓާގައި އިއުލާން ކުރައްވައިފި އެވެ.

މިރޭ މިނިސްޓަރު ޓްވީޓެއް ކުރައްވާ ވިދާޅުވީ، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އިން ރާއްޖެގެ ބައެއް ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް 160 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ ތަރައްގީ އާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީ ހިމެނޭ ކަމަށް އެ ޓްވީޓްގައި ވިދާޅުވި އެވެ. ސަރުކާރުގެ މުހިންމު ބައެއް ވާހަކަތައް މިނިސްޓަރު ޝައިނީ އާއި އެހެން ބައެއް އިސް ވެރިން ވެސް ވަރަށް ގިނައިން އާންމު ގޮތެއްގައި ދޫކޮށްލައްވަނީ ޓްވިޓާއަށެވެ.

މީގެ އިތުރުން ޓްވިޓާ މެދުވެރިކޮށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހާމެދު ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއިން ކަންބޮޑުވާ ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒަކާ ނުލައި ރާއްޖޭ މަސްރަހު ހައްލު ކުރުމަށް އެ ދެ ގައުމުން ގޮވާލާފައިވާ ކަމަށެވެ.

މިނިސްޓަރު ޝައިނީ ވަނީ، އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖެ ހަލަބޮލިވެފައި ވަނިކޮށް ބޭރުގެ ގައުމުތަކަށް ރާއްޖޭގެ މައުލޫމާތު ހިއްސާ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައި ވެއެވެ. އެ ދަތުރުފުޅަށް ފަހު ޝައިނީ ވިދާޅުވީ، ސައުދީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. މުހިންމު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ. އެއަށްފަހު ޝައިނީ ވިދާޅުވީ، "ޔޫ ވިލް ސީ" ނުވަތަ "ކަލޭމެން ބަލަން ތިބޭ" ކަމަށެވެ.

މިއަދު ސައުދީ އާއި ޔޫއޭއީގެ އެހީގެ ވާހަކަ ޓްވިޓާގައި އިއުލާން ކުރެއްވުމަށް ފަހު ވެސް އޭނާ ވިދާޅުވެފައި ވަނީ "ނައު ޔޫސީ [މިހާރު ކަލޭމެނަށް ފެނޭތަ؟]" މިހެނެވެ.