ފިނިޕޭޖް

ރޭގެ ފޭވަރިޓަކީ މަރިޔަމް ސަލްވާ

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ފަށައިގެން މިހާރު ކުރިއަށްދާއިރު ރޭ ވަނީ މި ސީޒަންގެ ދެ ވަނަ އެޕިސޯޑު ދައްކާފަ އެވެ. ރޭ ދެއްކީ މާލޭ ސިޓީ އޮޑިޝަންތަކުގެ ދެ ވަަނަ ބައެވެ.

ފުރަތަމަ ރެއަށްވުރެ ގޯލްޑެން ޓިކެޓް ގެންދިޔަ ބައިވެރިން މަދު ނަމަވެސް، ރޭވެސް ހުނަރުވެރި ބައިވެރިންތަކެއް އަޑު އިވިގެންގޮސްފައިވެ އެވެ.

ރޭގެ އެޕިސޯޑުން އެންމެ ގިނަ ބައެއްގެ ހިތްތައް ފަތަހަކުރީ އެންމެފަހުން އޮޑިޝަންވި ބައިވެރިޔާ މަރިޔަމް ސަލްވާ އެވެ. އުމުރުން 25 އަހަރުގެ ސަލްވާ ގިޓާ މިއުޒިކާއެކު "އޭމަލާ އަންނާށޭ މީރުވަސް ފަތުރާން" ކިޔާ ނިމުނުއިރު ބެލުންތެރިން އޭނާއަށް ގޯލްޑެން ޓިކެޓް ދީފި އެވެ.

ސަލްވާ ގޯލްޑެން ޓިކެޓާއެކު --

މިއުޒިކީ ދާއިރާއަށް އޭނާ ހުރި ޝައުގުވެރިކަމެއްގެ ސަބަބުން މިހާރުވެސް ކެފޭތަކުގައި މިއުޒިކު ކުޅެމުން އާދެ އެވެ.

ރޭ ގޯލްޑެން ޓިކެޓް ގެންދިޔަ ފާހަގަކޮށްލެވޭ އެހެން ބައިވެރިންގެ ތެރޭގައި މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ މަރިޔަމް މައީޝާ އާއި ރަށު ސުކޫލުގައި ލަވަކިޔުމުގެ ހުނަރު ދައްކާލައި ކަމިޔާބީތައް ހޯދާފައިވާ ގއ. ކޮލަމާފުށި، އައިޝަތު ލުއާ ރިފްއަތްގެ އިތުރުން އައިޑޮލް ފުރަތަަމަ ސީޒަނުން ފެނިގެންދިޔަ އަމާންގެ ކޮއްކޮ، މޫސާ އިޝާން ހިމެނެ އެވެ. ގޯލްޑެން ޓިކެޓް ގެންދިޔަ އިތުރު ބައިވެރިންގެ ތެރޭގައި މުހައްމަދު މަނާލް އަލީ އާއި އަހުމަދު ނަޝާހު އަދި އިތުރު ބައިވެރިން ހިމެނެ އެވެ.

މާލޭ ސިޓީގެ ހުރިހާ އޮޑިޝަންތަކެއް މިހާރު މިވަނީ ދައްކާ ނިމިފަ އެވެ. މި އޮޑިޝަންތަކުން "ގޯލްޑެން ޓިކެޓް" ހޯދި ބައިވެރިން ދެން ބައްދަލުވާނީ ތިއޭޓާ ރައުންޑުންނެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ޝޯއެއް މިރޭވެސް ދައްކާނެ އެވެ. މިރޭ ދައްކާނީ އައްޑޫ ސިޓީގެ އޮޑިޝަނެވެ.