އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރިއަށް ބޭއްވި މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނާ މެދު އަމަލު ކުރަމުން ދިޔައީ ސިއްސައިގެން ދާހާ އަނިޔާވެރި ގޮތަކަށް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖޭޕީން މިހެން ބުނީ މުޒާހަރާ ކުރިޔަށް ދިޔަ ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމާ ގުޅިގެން ބައެއް ނޫސްވެރިންނަށް ފަރުވާ ދީފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ޖޭޕީން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދޭ މަންޒަރު ތަކުރާރުކޮށް ފެންނަމުންދާ ކަމަށެވެ. އަދި ރޭގެ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނާ ދޭތެރޭގައި ސަރުކާރުން އަމަލު ކުރި އަނިޔާވެރި ގޮތަކީ މުޅި މުޖުތަމައަށް ސިހުން ލިބިގެން ދިޔަ ކަމެއް ކަމަށް ޖޭޕީން ބުންޏެވެ.
"... މީގެ އިތުރުން ސުލްހަވެރި އެއްވުމުގެ ބައިވެރިވި ޑިމޮކްރަސީއަށް ލޯބި ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެތަށް ބަޔަކަށް އަނިޔާކޮށްފައިވާކަމީ ޔާމީން ސަރުކާރުގެ ރަހުމުކުޑަ ކަމާއި އެއްވެސް ގަދަރެއް އިހްތިރާމެއް ނުކުރާ ކަމުގެ ހެއްކެކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނެފައިވާ އިރު ރޭ ފުލުހުން ވަނީ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިން މުޒާހަރާއާ ވީހާވެސް ދުރަށް ޖެއްސުމަށް މަސައްކަތް ކޮށްފަ އެވެ. އެކަން ކުރުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ނޫސްވެރިންގެ މޫނަށް ފުލުހުން ވަނީ ޕެޕާ ސުޕްރޭވެސް ޖަހާފަ އެވެ. އޭގެ ސަބަބުން ބައެއް ނޫސްވެރިންނަށް ރޭ ވަނީ އޭޑީކޭ އިން ފަރުވާ ވެސް ދީފަ އެވެ. އަދި މިކަމުގެ ތެރޭގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ހާލު ސީރިއަސްވެ އެޑީކޭގައި ފަރުވާވެސް ދޭން ޖެހުނެވެ.