ހަބަރު

އެސްއޯއީއަށް ފަހު ރާއްްޖޭން އަމަލުކުރާގޮތް ބަލާނަން: އިންޑިއާ

ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލިނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުން ދެން އަމަލުކުރާ ގޮތް އިންޑިއާއިން ވަރަށް ކައިރިން ބަލާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލް ސްޕޯކްސް ޕާސަން ރަވީޝް ކުމާރު ވިދާޅުވީ އިންޑިއާއިން ދެން ބަލާނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުން ދިވެހި ސަރުކާރުން އަމަލުކުރާ ގޮތަކަށް ކަމަށެވެ.

ރާއްޖޭގެ މައްސަލައިގައި ޗައިނާއިން ދެކޭ ގޮތާއި އިންޑިއާއިިން ދެކޭަ ގޮތް ތަފާތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވިދާޅުވީ ރާއްްޖޭގެ މައްސަލަ ހައްލުކުރުމުގެ ގާބިލުކަން ދިވެހި ސަރުކާރުގައި ހުރި ކަމަށް ޗައިނާއިން ބުންޏަސް ރާއްޖޭގައި ހުރިހާ ގައުމަކަށް ވެސް ބިނާކުރަނިވި ދައުރެއް އަދާކުރެވިދާނެ ކަމަށް އިންޑިއާއިން ދެކޭ ކަމަށެވެ.

" އަހަރެމެން ބުނެފައި ވާނެ އަހަރެމެން އުއްމީދުކުރަމޭ ހުރިހާ ގައުަމަކަށް ވެސް ދިވެހިރާއްޖޭގައި ބިނާކުރަނިވި ދައުރެއް އަދާކުރެވިދާނެ ކަމަށް. އޭގެ އިދިކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި. ޗައިނާގެ ތަރުޖަމާނުގެ ކޮމެންޓްތައް ތިޔަބޭފުޅުން ބަލަަމުން ގެންދަވަންނާ ، އަޅުގަނޑަށް ހީވަނީ އޭނާ ވަނީ ސާފުކޮށްދެއްވާފަައި ހެން ޗައިނާއިން ރާއްޖޭގެ ކަންކަމަށް ވަންނަން ނޫޅޭނެކަން. ޗައިިނާގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ގާބިލުކަން ދިވެހި ސަރުކާރުގައި ހުރިކަން އެގައުމުން ގަބޫލުކުރާކަން،" ޗައިނާއިން ރާއްޖެއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅުވައިގެން ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން ރަވީޝް ކުމާރު ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުުރު ތަންފީޒު ނުކޮށް، ކުއްލި ހާލަތު އިއުލާނުކޮާށްގެން ސަރުކާރުން ވަނީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ސިޔާސީ ބައެއް ލީޑަރުންނާއި އެހެން ބައެެއް މީހުން މިނިވަން ކުރަން ބުނެފައިވާ ބައި ސުޕްރީމްކޯޓުގައި ދެންތިބި ފަނޑިޔާރުން ވަނީ ބާތިލުކޮށްފައެވެ.

އޭގެ ފަހުން އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތައް ފުލުހުން އަންނަނީ ހައްދެއް ނެތް ވަރަށް ބާރުގެ ބޭނުންކޮށްގެން ރޫޅަމުންނެވެ.ނަމަވެސް ވެރިކަން ކުރާ ޕީޕީއެެމުން ބާއްވާ އެއްވުންތަކަށް ފުލުހުން އަންނަނީ ހިމާޔަތް ދެމުންނެވެ. މިފަހަރުގެ ސިޔާސީ ގަބަޑުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. އެގޮތުން މަޝްރަހު އޮތް ގޮތް ކިޔައިދޭން ކަަމަށް ބުނެ ރައީސްްގެ މަންދޫބެއް ފޮނުވަން އުޅުމުން އިންޑިއާއިން ވަނީ އެކަމަށް އިޖާބަ ނުދީފައެވެ.