ރިޕޯޓް

ހިފެހެއްޓުންތައް ގާނޫނީ އޮޅުންގަނޑެއްގެ ތެރެއަށް!

ކުއްލި ނުރައްކަލުގެ ހާލަތާއެކު ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ވަރަށް ބޮޑެވެ. ހާލަތާއެކު ގިނަ ހައްގުތަކެއް ހިފަހައްޓައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އެއްކޮށް ވަނީ ހިފަހައްޓާފައެވެ. އެ ގާނޫނަކީ ޝަރީއަތްތައް ކުރިއަށްދާ އުސޫލުތަކާއި އިޖުރާއުތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނުގައިވާ ގޮތަށް ނޫނީ ޝަރީއަތްތައް މިވަގުތަކު ނުހިންގައެވެ. ހަމައެހެން އިސްތިއުނާފުގެ ހައްގު އޮތީ ހިފަހައްޓާފައެވެ. އެކަމަކު ޝަރީއަތްތައް ބަރާބަރަށް ކޯޓުތަކުގައި ކުރިއަށްދެއެވެ. ޝަރީއަތް ހިންގާނެ އުސޫލުތަކުގެ ގާނޫނު ހިފަހައްޓާފައި އޮތަސް އެ ގާނޫނާ އެއްގޮތަށް ޝަރީއަތްތައް މާލޭގެ ކޯޓުތަކުގަ ހިނގައެވެ. އިސްތިއުފާނަށް ވަކި މުއްދަތެއް ހުށަހަޅަންޖެހޭއިރު އެފަދަ މައްސަލަތައް ވެސް ހުއްޓުމެއް ނެތި، އިސްތިއުނާފުގެ ހައްގު ހިފަހައްޓާފައި އޮތް ނަމަވެސް އެ ހިނގަނީއެވެ. މިހެން ވަނީ ކީއްވެ ހެއްޔެވެ؟

އޭގެ ޖަވާބު ވަރަށް ކުރެވެ؛ ހިފެހެއްޓުންތަކެއް އައީއެވެ. ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރަމުން ދަނީއެވެ. އެކަމަކު މި ހާލަތަކީ ވަކި ބަޔަކަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ.

މި ހާލަތުގެ ތެރެއިން އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުން ކުއްލި ހާލަތު އިއުލާން ކުރެއްވީ، އެ ތަހުގީގު ހިންގާށެވެ. އެ ތަހުގީގުތައް ކުރިއަށް އެބަދެއެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށްކޮށް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު ވަކީލުން ވިދާޅުވާ ގޮތުގައި އަދި ސުވާލެއް ނުކުރެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބޭ ހައްގުތަކާއި ހިފަހައްޓާފައިވާ ހައްގުތައް އެ ފަރާތްތަކަކަށް ނުލިބެއެވެ. ނަމަވެސް ހައްގުތައް ހިފަހައްޓާފައިވާ ކަމުގެ އިހްސާސެއް ނެތް ބަޔަކު ވެސް އެބަ އުޅެއެވެ. ގާނޫނީ ވަކީލުންގެ ކަންބޮޑުވުމަކީ މިއީއެވެ. މިކަމުގައި އަމަލުކުރާ ގޮތް ސާފު ނުވާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ގަރާރުގައި ބުނެފައި އޮތީ އެ ހާލަތު އިއުލާން ކުރަނީ މާލެއަށާއި މައްސަލައާ ގުޅުންހުރި ފަރާތެއް ހުރި ތަނަކަށެވެ. އެހެންވެ، މާލެއިން ހައްޔަރު ކުރާ ކޮންމެ މީހަކަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތު "އެޕްލައިވާނެ" ކަމަށް އޮތީ ބެލެވިފައެވެ.

އެކަމަކު މިހާރު އެނގިގެން ދަނީ ހައްގުތައް ހިފަހައްޓާފައި ވަނީ ވަކި ބައެއްގެ ކަމެވެ. ބަންދަށް ކޯޓަށް ގެނައުމުގެ ހައްގު ހިފަހައްޓާފައި އޮތް ނަމަވެސް މާލެއިން ހައްޔަރު ކުރާ މީހުން ވެސް ބަންދަށް ކޯޓަށް ގެނެއެވެ. ގާނޫނު އަސާސީގެ އެ މާއްދާ މާލެއަށް ހިފަހައްޓާފައިވާއިރު އެކަން ކުރަނީ ކޮން އުސޫލުތަކުންތޯ ސުވާލު އުފެދެއެވެ.

ވަކީލް ނާޒިމް އަބްދުލް ސައްތާރު ވިދާޅުވަނީ މިހެނެވެ: "ފަނޑިޔާރުން، ފުލުހުން، ވަކީލުން އަދި ހައްޔަރުވާ މީހުންނަށް އަމިއްލައަށް ވެސް ނޭނގޭ އެމީހުން ހައްޔަރުކުރެވެނީ ކުއްލި ނުރައްކަލުގެ ގަރާރުގެ ދަށުން ކަމެއް ނުވަތަ އާންމު އުސޫލުން ކަމެއް، އާންމު އުސޫލުން ހައްޔަރުކުރާ މީހުން ކޯޓަށް ގެނޭ، އެހެން މީހުން ނުގެނޭ، ފުލުހުން ސެލެކްޓް ކުރަނީ ކާކަކީ ކިހިނެއް ހައްޔަރު ކުރެވޭ މީހެއްކަން،"

އެހެން ކަމުން ބޮޑު މަންޒަރަކީ ވަކި ބަޔަކަށް ހައްގުތައް ހިފެހެއްޓުމެވެ. ވަކި ބަޔަކަށް އިސްތިސްނާއެއް ދީފައިވުމެވެ.

ވަކީލް މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ސައްހަ ގަރާރެއް ކަމަށް ބަލާ ނަމަވެސް، މިހާރު އަމަލު ކުރަމުން ދަނީ ގާނޫނާ ހިލާފަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު މާލެއަށް ހިނގާނަމަ ހުރިހާ ޝަރީއަތަކަށާއި ހުރިހާ ހައްޔަރުކުރާ މީހަކަށް އެ ހާލަތު ހިނގާނެ، ވަކި ބަޔަކު މިއިން އިސްތިސްނާ ކުރުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ވެސް ލިބޭ ބާރެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ވަކީލް އިބްރާހިމް ޝަމީލް ފާހަގަ ކުރެއްވީ މި ނުކުތާއެވެ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކޮށްފައި ހުންނެވީ ގަރާރުގައި ބުނާ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. މީހުން ހައްޔަރު ކުރުމަށް އަމުރު ނެރެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނު ސަސްޕެންޑްކޮށްފައި އޮއްވާ އެ އަމުރު ނެރެފައިވަނީ ކިހިނެއްތޯ އެވެ؟

"ގާނޫނީ ރައްކާތެރިކަން ކޮންމެ މީހަކަށް ވެސް ކަށަވަރަކޮށްފައި އޮތްއިރު ތަފާތު ނުކުރުމުގެ ހައްގު ވެސް ކަށަވަރުކޮށްދޭ، އެއީ ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް، ގާނޫނީ ރައްކާތެރިކަން ނެތް ހާލަތެއްގަ މީހަކު ހައްޔަރުކޮށްފަ ބެހެއްޓުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް،" ޝަމީލް ވިދާޅުވި އެވެ.

ވަކީލް ހުސެއިން ޝަމީމް، މި ހާލަތު ގުޅުވާލަނީ މިސާލަކާއެވެ. ރަށެއްގައި ދެ މީހަކު މާރާމާރީ ހިންގީއެވެ. އެތަނުން އެކަކަކީ ގަރާރުގައި ބުނާ ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ މީހެކެވެ. އަނެއް މީހަކީ އެފަދަ މީހެއް ނޫނެވެ. އެހެންވެއްޖެއްޔާ ހަދާނީ ކިހިނެއް ކަމެއް ފަނޑިޔާރަކަށް ވަކީލަކަށް ފުލުހުންނަކަށް ނޭނގޭނެއެވެ. އެކެއްގެ ހައްގުތައް ހިފަހައްޓައި އަނެއް މީހަކަށް ހައްގުތައް ދޭނީ ހެއްޔެވެ؟

"މި މައްސަލަ މި ދިމާވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ލިޔުއްވިިއިރު ސާފުނުވާ ގޮތަށް ލިޔުއްވާފައި އޮތީމަ، އެއަކުން ސާފެއް ނުވޭ މިއީ ކިހިނެއްވާ އެއްޗެއް ކަމެއް، ފަހަރުގަ ވެދާނެ ވަރަށް ދަތިކޮށް އަވަހަށް ލިޔުއްވީމަ މިފަދަ ހަމަނުޖެހޭ ވާހަކަތައް ހުންނަނީ ކަމަށް، އެހެންނަމަވެސް ކިހިނެއްތޯ ހަދަނީ، އަޅުގަނޑުމެންނާ ބައެއް މެޖިސްޓްރޭޓުން އެބަ ސުވާލު ކުރޭ،" ޝަމީމް ވިދާޅުވިއެވެ.

ހައްޔަރުކުރި ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރަށް މިހާރު ކުރާ ހެކި ފޮރުވުމުގެ ތުހުމަތުގެ ތަހުގީގު ކުރިއަށް ދާނީ ޖިނާއީ އިޖުރާއަތުން ލިބޭ ހުރިހާ ހައްގެއް ދީގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޕްރޮސިކިއުޓާ ޖެނަރަލް އެގޮތަށް ލަފާ ދެއްވުމުންނެވެ. އެކަމަނާ ލަފާ ދެއްވާފައިވާ ކަމަށް ވަނީ ހެކި ފޮރުވުމުގެ މައްސަލަ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް "ނުފެތެ"އެވެ. އެހެންވެ މި ތަހުގީގު ހިނގަނީ ހިފަހައްޓާފައިވާ ގާނޫނުތަކާއި މާއްދާތަކުން ލިބޭ ހުރިހާ ހައްގަކާއެކުއެވެ.

މިކަހަލަ އެތައް ޝަކުވާތައް އޮތް އިރުވެސް މިއަށް ރައްދެއްދީ ސަރުކާރުން އެއްވެސް ގާނޫނީ ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ.