ވިޔަފާރި

ހަނީމޫން މާކެޓަށް ހާއްސަކޮށް ރާއްޖެ އިޝްތިހާރު ކޮށްފި

Feb 18, 2018

ހަނީމޫން މާކެޓަށް ހާއްސަކޮށް "އާމޯ އޭޝިއާ ޕެސިފިކް 2018" ގައި އެމްއެމްޕީއާރްސީ އިން ރާއްޖެ އިޝްތިހާރުކޮށްފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި މިމަހުގެ 14-17 އަށް ކުރިއަށް ދިޔަ އާމޯ އޭޝިއާ ޕެސެފިކް ފެއާއަކީ ހަނީމޫން ހޭދަ ކުރަން ދަތުރު ކުރާ މީހުންނާއި ރޮމޭންޓިކް މަންޒިލްތަކަށް ހާއްސަކޮށްގެން ދުނިޔޭގައި ބާއްވާ ބޮޑު ފެއާ އެވެ. އަދި އެ ފެއާއަކީ ހަނީމޫން ސެގްމަންޓަށް ހާއްސަކޮށް އެންމެ އެކަށީގެންވާ ފެއާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ މާކެޓިން ކުންފުނިން ބުނި ގޮތުގައި މި ލަގްޒަރީ ޓްރެވަލް ފެއާގައި މަންޒިލްތަކަށް ހާއްސަކޮށް، ވެޑިން ޕްލޭނިންތައް ހަދާ ފަރާތްތަކާއި ރޮމޭންޓިން ޓްރެވަލް ޑިޒައިނަރުން ވެސް ބައިވެރި ކަމަށެވެ.

"ތިން ދުވަހަށް ކުރިއަށް ދިޔަ މި ފެއާގައި ހަނީމޫން މާކެޓު ކުރުމަށް [ރާއްޖެ] އާ ގުޅިގެން މާކެޓިން ކެމްޕޭން ހިންގުމަށް ވަނީ މަޝްވަރާ ކުރެވިފަ އެވެ،" އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމުގައި ލިބޭ ހިދުމަތްތަކުގެ މައްޗަށް ދާދިފަހުން ކުރި ސާވޭއަކުން ދެއްކި ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 35 ޕަސެންޓް އަންނަނީ ހަނީމޫނަށެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން މީހުން ޒިޔާރަތް ކުރިއިރު، ހަނީމޫން މާކެޓުން ވަނީ އަށް ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.