ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް އެ ގައުމުގެ ސަރުކާރުން ދައުރެއް ލިބުމުގެ ފުރުސަތު މިހާރު އޮތީ ވަރަށް ބޮޑުވެފަ އެވެ. މިދިޔަ ހަފުތާގައި އެގައުމުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދީ ރާޖަޕަކްސާ އެސްއެލްޕީޕީ އިންނެވެ. އެހެންވެ އެ ޕާޓީ ބައިވެރިކޮށްގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމުގެ ވާހަކަތައް މިހާރު ވަނީ ފަށާފަ އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނީ ރާޖަޕަކްސާގެ ޕާޓީއާއެކު އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ބޭއްވެވި މަޝްވަރާތަކާ މެދު އެ ގައުމުގައި ތިއްބެވި ހުޅަނގުގެ ޑިޕްލޮމޭޓުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ކަންބޮޑުވުން ފާޅުކުރި ކަމަށް ކޮލަމްބޯ ގެޒެޓް ނޫހުން ފާހަގަކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތާއި އެމެރިކާގެ ސަފީރުންނެވެ. އެބޭފުޅުންގެ ކަންބޮޑުވުމަކީ ރާޖަޕަކްސާއަށް އަލުން ބާރުތައް ލިބިވަޑައިގެންފި ނަމަ ލަންކާގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ މިންވަރު އަނެއްކާވެސް ކުޑަވެދާނެ ކަމަށް އޮތް ބިރެވެ.
އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ސިރިސޭނާ މަޝްވަރާ ކުރެއްވި އިރު ރާޖަަޕަކްސާ ގޮވައިލައްވަމުން ގެންދަވަނީ ލަންކާ ޕާލަމެންޓުގެ އިންތިހާބު އަވަސް ކުރާށެވެ. އޭނާގެ ޕާޓީ ބައިވެރިވާ ސަރުކާރެއް އުފައްދައިފި ނަމަ އެކަމަށް މަގު ފަހި ކުރުމުގެ ފުރުސަތު ބޮޑެވެ. އެގޮތަށް ގޮސް ޕާލަމެންޓް އިންތިހާބު ބާއްވައިފި ނަމަ ރާޖަޕަކްސައަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވުމުގެ ހުރިހާ ފުރުސަތެއް ވެސް އެބަ އޮތެވެ.
ސިރިސޭނާ އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ އިރު ލޯކަލް ކައުންސިލް އިންތިހާބުގެ ނާކާމިޔާބީ ގަބޫލު ކުރައްވައި، ބޮޑުވަޒީރު ކަމުން އިސްިތިއުފާ ދެއްވަން އޭނާ ވަނީ ރަނިލް ވިކްރަމަސިންހައަށް ދަންނަވާފަ އެވެ. އަދި އޭނަ ވަކިކުރެވޭނެ ގޮތެއް އޮތްތޯ ގާނޫނީ ލަފާ ވެސް ސިރިސޭނާ ގެންދަވަނީ ހޯއްދަވަމުންްނެވެ.
ރަނިލް އިސްތިއުފާދޭން ހުދު އޭނާގެ ޕާޓީގެ ބައެއް ބޭފުޅުން ވެސް ވަނީ ބާރު އަޅުއްވާފަ އެވެ. އެހެންވެ އިންްތިހާބު އަވަސް ކުރަން ސިރިސޭނާ ވެސް އެއްބަސްވެވަޑައިގެންނެވުމަކީ ކައިރި ކަމެކެވެ.
ރާޖަޕަކްސާއާ މެދު ހުޅަނގުގެ ގައުމުތަކުން އޮތް ކަންބޮޑުވުމަކީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އީޔޫ އިން ދަމަހައްޓަން އެދޭ މުއާހަދާތަކަށް އަމަލު ކުރައްވަން އޭނާ ދެކޮޅު ހައްދަވައިފާނެ ކަމުގެ ބިރެވެ. އެހާލަތު މެދުވެރިވެއްޖެ ނަމަ ވިޔަފާރިއާއި އިގުތިސޯދީ ކަންކަމުގައި އެ ޖަމާއަތުން ލަންކާއަށް ދީފައިވާ ލުއިތައް ދިނުން ހުއްޓައިލަފާނެ ކަމަށް ނޫހުން ބުންޏެވެ.