މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ އޮޑިޝަންތައް މި ހަފުތާގައި ދައްކަމުންދާއިރު ރޭ ވަނީ އައްޑޫ ސިޓީ އޮޑިޝަން ދައްކާފަ އެވެ. އައްޑޫ އޮޑިޝަން އެޕިސޯޑުގައި އައްޑޫގެ ހިތްގައިމު ރީތި މަންޒަރުތަށް ދައްކާލާފައިވެ އެވެ. ވަރަށް ހިތްގައިމެވެ.
އައްޑޫ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނީ ވަރަށް މަދު ކުއްޖަކަށެވެ. ގިނަ ބައިވެރިންނަށް ޖެހުނީ މާޔޫސްކަމާއެކު އެނބުރި ގެއަށް ދާށެވެ. އެކަމަކު ހެއްވާލުމާއި މަޖާ ކޮށްލެވުނު މަންޒަރުތަށް ވެސް ރޭގެ އެޕިސޯޑުން ފެނިގެން ގޮސްފައިވެ އެވެ.
ރޭގެ އޮޑިޝަނުން އެންމެ ފާހަގަކޮށްލެވުނު ބައިވެރިޔަކީ އައިޑޮލްގައި ޖެހިޖެހިގެން ދެ އަހަރު ބައިވެރިވެ ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނު އައިޝަތު އަޒަލް އަލީ ޒާހިރެވެ. ތިން ވަނަ ފަހަރަށް އައިޑޮލްގައި ބައިވެރިވުމުން އޭނާގެ ގަދަ ހިތްވަރު ފެނިގެން ގޮސްފި އެވެ. އޭނާ ހުރީ އެއްގޮތަކަށް ވެސް އުންމީދު ކަނޑާލާ ގޮތަކަށް ނޫނެވެ.
ފުރަތަމަ ސީޒަންގައި އޮޑިޝަނުން އަޒަލްއަށް ގޯލްޑެން ޓިކެޓެއް ނުލިބުނެވެ. ދެ ވަނަ ސީޒަންގައި އޮޑިޝަނުން ގޯލްޑެން ޓިކެޓް ހޯދާއި ތިއޭޓާ ރައުންޑުން އަޒަލްއަށް ޖެހުނީ އަލްވަދާއު ކިޔާށެވެ.
ރޭ ގޯލްޑެން ޓިކެޓް ހޯދި އިތުރު ބައިވެރިންގެ ތެރޭގައި އައިޝަތު މީޝަމް މުސްތަފާ އާއި އަހްމަދު ނަޒީހު އަދި ޝީރަން ހިމެނެ އެވެ. މީގެ އިތުރުން އައިޑޮލްގެ ދެ ވަނަ ސީޒަންގައި ބައިވެރިވެ ތިއޭޓާ ރައުންޑުން ކެޓި ހަސަން ޝަހުދާންއަށް ވެސް ގޯލްޑެން ޓިކެޓް ލިބުނެވެ.
އޮޑިޝަންތަކުގެ އެންމެފަހު އެޕިސޯޑު މިރޭ ދައްކާނެ އެވެ. މިރޭ ދައްކާނީ ރ. އުނގޫފާރު އޮޑިޝަނެވެ.