އިންޑިއާއިން ރާއްޖޭގައި ބަހައްފައި ހުރި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމް (ސީއެސްއާރްއެސް) ތަކުން ޓްރާންސްމިޓް ކުރުން ހުއްޓާލާފައިވާ ކަމަށާއި އޭގެ ސަބަބުން އިންޑިއާގެ ދެކުނުން އޮންނަ އެ ގައުމުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދަތިވެފައިވާ ކަމަށް އެގައުުގެ ދިފާއީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ނޫޙުން މިއަދު ބުނީ ރާއްޖޭގައި އެ ގައުމުން މިހާތަނަށް ތިން ރާޑާ ސިސްޓަމެއް ބަހަައްޓާފައިވާ ކަމަށާއި އެ ތިން ސިސްޓަމްގެ ތެރެއިންް އެންމެ ފަހުން ސިސްޓަމެއް ބަހައްޓާފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.
"އެކަމަކު އެތަކެތި [ރާޑާ ސިސްޓަމްތައް] ޓްރާންސްމިޓެއް ނުކުރޭ" އިންޑިއާގެ ދިފާއި މަސްދަރަކުން ބުނި ކަމަށް ނޫޙުގައި ވެއެވެ.
ނޫހުން ބުނީ ޖުމްލަ 10 ސީއެސްއާރްއެސް ރާއްޖޭގައި ބަހައްޓަން ދެ ގައުމުން ވަނީ އެއްބަސްވެފައި ވެއެވެ. އެގޮތުން އަދި އެފަދަ ހަތް ސިސްޓަމް ބަހައްޓަން ޖެހޭ އިރު އެ މަސއްކަަތް ނިންމަން ކުރިން ތިން ފަހަރެއްގެ މަތިން މުހުލަތުތައް ކަނޑައަޅައި އެކަން ހާސިލުވެފައި ނުވާ ކަމަށާއި އެންމެ ފަހުން އެއްބަސްވީ މި އަހަރުވެ މާޗްމަހުގެ ނިޔަލަށް ނިންމަންކަމަށެވެ. އަދި ބުނީ އެހެން ނަމަވެސް ރާއްޖޭގައި އުފެދުނު ސިޔާސީ ހަމަނުޖެހުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ޗައިނާއިން ދެއްކި ވާހަކަތަކުގެ ސަބަބުން ދެގައުމުގެ ދިފާއީ އެއްބަސްވުންތަކަށް ލޮޅުން އަރާފައިވާ ކަމަށެވެ.
އެ ނޫހުން ބުނީ ރާއްޖޭގައިވާ ރާޑަރުތައް މަސައްކަތް ނުކުރާ ނަމަ ރާއްޖޭގެ ކައިރިންނާއި ރާއްޖޭގެ ތެރެއިން ކުރާ ކަނޑުދަތުރުތައް، ހާއްސަކޮށް ޗައިނާގެ އުޅަނދުތަކުގެ ކަންތައްތައް ބަލަން ޖެހޭނީ ރާއްޖޭގައި އޮތް ހެލިކޮޕްޓަރު ބޭނުން ކޮށްގެން ކަމަށެވެ.
އެހަބަރާ ބެހޭގޮތުން އަވަސް އިންް ސުވާލު ދެންނެވުމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހީމް އާޒިމް ވިދާޅުވީ ނޫހުގައިވާ ވާހަކަ ތަކަކީ [އިންޑިއާގެ] އިންޓާނަލް ވާހަކަ ތަކެއް ކަމަށާއި އެހެންވީމާ އެމްއެންޑީއެފްގެ ރަސްމީ ބަހެއް އެކަމުގައި ނެތް ކަމަށެވެ.
"އެނޫހުގައި އެކަންޏެއް ނޫންތޯ އެވާހަކަ އޮތީވެސް؟ އެއީ އެބޭފުޅުންގެ އިންޓާނަލް ވާހަކަތަކެއް، އެހެންވީމާ އަޅުގަނޑުމެން ރަސްމީކޮށް އެއްޗެއް ނުބުނާނަން އެއަކަށް" އޭނާ ވިދާޅުވި އެވެ.