ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިލިއަން ޑޮލަރުގެ ގެއްލުންވެ، ފޫބައްދަން ދަތި ގެއްލުމާ ކުރިމަތިވެދާނެ ކަމުގެ ބިރުހީވެއްޖެ އެވެ.
"އަވަސް" އަށް ވާހަކަ ދެއްކި ބައެއް ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން ބުނި ގޮތުގައި މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ އެސްއޯއީގެ ސަބަބުން ފޫބައްދަން ދަތި ގެއްލުން ދަނީ ވަމުންނެވެ. ހާއްސަކޮށް މި އަހަރު ފެށުނުއިރު ގިނަ ރިސޯޓުތައް ފުލްވެފައި އޮތްއިރު މިހާރުގެ ހާލަތުގެ ސަބަބުން ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް ވެއްޓިގެން ގޮސްފައިވާ ކަމަށް ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޖީއެމްއިން ބުނެފައިވެ އެވެ.
"ގެއްލުން ވަރަށް ބޮޑު. ހަމައެކަނި މި ރިސޯޓުގެ އޮކިއުޕެންސީ ވެސް މި އަހަރު ފެށީ 90 ޕަސެންޓުން. މިހާރު 70 ޕަސެންޓަށް ވެއްޓިއްޖެ. މިހާރު ކެންސަލޭޝަން ހުރި ގޮތަށް ބަލާއިރު ވަރަށް ބޮޑު ގެއްލުމެއްވާނެ،" އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ޖީއެމްއެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.
އެކެއް ފެބުރުއަރީގެ އަމުރަކާ ގުޅިގެން ރާއްޖެ ވަނީ ހަލަބޮލި ވެފަވެ. އަދި އޭގެ ފަހުން އައި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިނގިރޭސިވިލާތާއި އެމެރިކާ އަދި އިންޑިޔާގެ އިތުރުން އޮސްޓްރޭލިއާ އާއި ރަޝިޔާ އަދި އިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށް އުޅުމުގައި ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. އޭގެ ފަހުން ވަނީ މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ ވެސް މިގޮތަށް އަމަލުކޮށްފަ އެވެ. އަދި ޗައިނާ މީހުން މި ދުވަސްވަރު ރާއްޖެ އަށް ނާންނަން އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޮކިއުޕެންސީ ދަށްވަނީ!
ރާއްޖޭގައި ފަސް ރިސޯޓެއް ހިންގާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕް ޖެނެރަލް ގައިސަރު ނަސީމު ވިދާޅުވީ މިހާރުގެ ހާލަތުގެ ސަބަބުން މުޅި ރާއްޖެ އަށް ގެއްލުން ވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ޓޫރިޒަމް ސިނާއަތަށް ގެއްލުމްވެ، ހަލާކުވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި ކަމަށްވާ، ސީ ޓްރިޕް ޑޮޓްކޮމް އިންޓަނޭޝަނަލްގެ އޮފިޝަލަކު "ދަ ސަން" އަށް ވިދާޅުވެފައިވާ ގޮތުގައި ޗައިނާ މީހުން ރާއްޖޭގެ ދަތުރުތައް ދަނީ ކެންސަލް ކުރަމުންނެވެ. ނަމަވެސް ކެންސަލްކުރާ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ވިލާ ގްރޫޕުގެ ރިސޯޓުތަކަށް އެކަނި ބަލާނަމަ 1.5 މިލިއަން ޑޮލަރަށް ވުރެ ލިބުނު ގެއްލުން ބޮޑު. މިއީ އިންޑަސްޓްރީއަށް ލިބޭ ގެއްލުމެއް. ހަމަ އޮބިނޯ ވެގެން މިދަނީ. މުޅި އިންޑަސްޓްރީގެ ގެއްލުން މާ ބޮޑުވާނެވިލާ ގްރޫޕް ޖީއެމް | ގައިސަރު ނަސީމް
ކުރިން ވާހަކަ ދެއްކެވި ގައިސަރު ވިދާޅުވީ މިހާލަތުގެ ސަބަބުން މުޅި ޓޫރިޒަމް ސިނާއަތަށް ގެއްލުން ލިބިފައިވާ ކަމަށާ، މިއީ މުޅި އިންޑަސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އިންޑަސްޓްރީގައި މަސައްކަތް ކުރާ ބޭފުން އެބަޖެހޭ މިކަމާ މަސައްކަތް ކުރަން. މިއީ އަހަރެމެން ކާންބޯން ކުރާ މަސައްކަތަކީ. އަހަރެމެންނަކީ ސިޔާސީ ބައެއް ނޫން. ރާއްޖޭގައި ކަންތައްތައް ހިނގާ ގޮތް އެންމެންނަށް ވެސް އެބަ އެނގޭ. މި ހުރިހާ ކަމެއް ރަނގަޅު ވެގެން މި ތަނަށް މީހުން އަންނާނީ،" ގައިސަރު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރިސޯޓަކަށް ޓޫރިސްޓުން ގެންނަ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފް ރިއްފަތު ވިދާޅުވީ ރިސޯޓުތަކުގެ ރޫމްތަކުގެ ކެންސަލޭޝަން ރާސްލާފައި ދަށަށް ދާ ކަމަށެވެ.
"މެދަފުށި އައިލެންޑް ރިސޯޓު ވެސް ފެބްރުއަރީ ފެށުނުއިރު ހުރީ 90 ޕަސެންޓުގައި. މިހާރު އެ ރިސޯޓުގެ އޮކިއުޕެންސީއަކީ 60 ޕަސެންޓް. ބައްލަވާ މި ގައުމު ހަލާކުވީ. ރާއްޖޭގައި ކޮންކަމެއް ތޯ ވެގެން މިއުޅެނީ ސްޓޭޓް އޮފް އިމަޖެންސީ ނެރުނީ. މިއީ ވަރަށް ބޮޑު އިފެކްޓެއް އަންނާނެ ކަމެއް،" ރިފްއަތު ވިދާޅުވި އެވެ.
މެދަފުށި އައިލެންޑް ރިސޯޓު ވެސް ފެބްރުއަރީ ފެށުނުއިރު ހުރީ 90 ޕަސެންޓުގައި. މިހާރު އެ ރިސޯޓުގެ އޮކިއުޕެންސީއަކީ 60 ޕަސެންޓް. ގިނަ ރިސޯޓުތަކުން މިމަހު ކުރީކޮޅު ކޮޓަރިއެއް ނުލިބޭ. ރާއްޖޭގައި ކޮންކަމެއް ތޯ ވެގެން މިއުޅެނީ ސްޓޭޓް އޮފް އިމަޖެންސީ ނެރުނީކެޕިޓަލް ޓްރެވަލް | ސީއީއޯ ރިފްއަތު
ޗައިނާ މާކެޓު ގޯސް
ރާއްޖޭގައި އެސްއޯއީ އިއުލާނުކޮށްފައި މިވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މީހުންގެ އާ އަހަރާ ދިމާކޮށެވެ. މި ދުވަސްވަރު ޗައިނާގެ އެތަށް މިލިއަން ބަޔަކު ގައުމުން ބޭރަށް ދަތުރުކުރެ އެވެ. ރާއްޖެ އަށް އާއްމުކޮށް ޗައިނާ އިން ހަފުތާއަކު 3،000 ޓޫރިސްޓުން އާދެ އެވެ. އެ ގައުމުން މިދިޔަ އަހަރު 300،000 ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެސްއޯއީގެ ސަބަބުން ޗައިނާ މީހުން މި ދުވަސްވަރު ރާއްޖެ ނާންނަން އެ ގައުމުން ވަނީ އަންގާފަ އެވެ. އަދި އެ ގައުމުން ވަނީ އެއާޕޯޯޓުތަކުގައި ބިލް ބޯޑު ވެސް ބަހައްޓާފަ އެވެ.
ޝެންހާއީ އެއާޕޯޓުގައި ބަހައްޓާފައިވާ ބިލްބޯޑުތަކުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް މި ދުވަސްވަރު ދަތުރު ނުކުރުމަށް އަންގާފައިވެ އެވެ. އަދި ދަތުރުކުރާނަމަ ދަތުރުކުރަން ޖެހޭނީ އެ މީހެއްގެ އަމިއްލަ ރިސްކުގައި ކަމަށް ބުނެފައިވެ އެވެ.
ޗައިނާ އިން ޓްރެވަލް އެޑްވައިޒަރީތައް ނެރުނުނަމަވެސް މިހާތަނަށް އެ ގައުމުން ރާއްޖެ އަށް ދަތުރުކުރާ ފްލައިޓެއްގެ ދަތުރުތައް ކެންސަލްކޮށްފައެއް ނުވެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޗައިނާ މީހުން ގެންނަނީ ޗައިނާ އީސްޓަން އެއާލައިންސް އާއި ޗައިނާ ސަދަން އެއާލައިންސް އަދި އެއާ އިންޑިޔާ ފަދަ އެއާ ލައިންސްތަކުންނެވެ.
ޗައިނާގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި ކަމަށްވާ، ސީ ޓްރިޕް ޑޮޓްކޮމް އިންޓަނޭޝަނަލްގެ އޮފިޝަލަކު "ދަ ސަން" އަށް ވިދާޅުވެފައިވާ ގޮތުގައި ޗައިނާ މީހުން ރާއްޖޭގެ ދަތުރުތައް ދަނީ ކެންސަލް ކުރަމުންނެވެ. ނަމަވެސް ކެންސަލްކުރާ އަދަދެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ކުރިން، ވާހަކަ ދެއްކި ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ، ކެޕިޓަލް ރިފްއަތު ވިދާޅުވީ ރާއްޖެ ޓޫރިސްޓުންނަށް އަމާން ކަމަށް ޓްރެވަލް ކުންފުނިތައް ބުނި ނަމަވެސް، ޗައިނާ މީހުން ގަބޫލު ނުކުރާ ކަމަށެވެ.
"އެ މީހުން ބުނަނީ ކަލޭމެން [ޓްރެވަލް އެޖެންޓު] ން ދައްކާ ވާހަކަ އަހަރެމެން [ޗައިނާ] މީހުން ގަބޫލެއް ނުކުރާނެމޭ. އަހަރެމެން ގަބޫލުކުރާނީ ޗައިނާ ސަރުކާރުން ދައްކާ ވާހަކަ އޭ،" ކަންބޮވުން ފާޅު ކުރައްވަމުން ރިފްއަތު ވިދާޅުވި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މި އަހަރުވެސް ކުރިން ބެލުނީ ޓޫރިޒަމް ވަރަށް ބޮޑުތަން ރަނގަޅު ވެގެންދާނެ ކަމަށެވެ.