ވިޔަފާރި

"ޝެއާ" ކުރާ ޕްރޮމޯޝަންތައް ފޭސްބުކްގައި މަނާ!

މިއީ ވަރަށް އާންމު ކަމެކެވެ. ރޯދައާ ދިމާކޮށް ވިޔަފާރިތަކުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކާ އެކު މިކަން މި ދުވަސްވަރު މި ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. ކޮންމެވެސް ވިޔަފާރިއެއް ޕްރޮމޯޓްކުރާ ފޭސްބުކް ޕޭޖެއް ނުވަތަ އެ ޕޭޖްގައިވާ ޕޯސްޓެއް ޝެއާކޮށްގެން ކޮންމެވެސް އިނާމެއް ދެނީ އެވެ. އެކަމަކު މިއީ ފޭސްބުކްގެ ގަވައިދު ބުނާގޮތުން މުޅިން މަނާ ކަމެކެވެ. ސަމާލުވާށެވެ. މިގޮތަށް ލައިކް ކުރަން ނުވަތަ ޝެއާކުރަން ފޭސްބުކްގައި މުބާރާތް ހިންގާކަން ރިޕޯޓްކޮށްފި ނަމަ އެކަމެއް އެ ހިންގާ ޕޭޖެއް ފޭސްބުކުން ނަގައި އެއްލައިލާނެ އެވެ.

ފޭސްބުކްގައި މިފަދަ މުބާރާތެއް ހުއްދަވަނީ ފޭސްބުކްގެ ހާއްސަ އެޕްތަކެއް ބޭނުންކޮށްގެން އެކަން ކުރުމުންނެވެ. "ކެންވަސް" އަކީ މިކަމަށް ހާއްސަ އެޕެކެވެ. އެކަމަކު ހިލޭ ލިބޭނެ ކަމަށް ހީނުކުރާށެވެ.

ސޯޝަލް މީޑިއާގެ މާކެޓިންއާ ބެހޭ ވެބްސައިޓްތައް ބުނާ ގޮތުގައި މުބާރާތެއްގައި ބައިވެރިވުމަށް މީހުން ހޯދުމަށް ފޭސްބުކްގައި އެންމެ ރައްކާތެރީ ޕޯސްޓަކަށް ލައިކެއް ހޯދުމަށް ވުރެ ސީދާ ޕޭޖަށް ލައިކް ހޯދައިގެންނެވެ. އެ ނޫން ގޮތަކަށް ޕްރޮމޯޓްކުރަން އުޅެގެން ބޮނޑިއެއް ލިބުން އޮންނަނީ ވަރަށް ގާތުގަ އެވެ. އަދި ޕްރޮމޯޝަންތަކުގެ ނަސީބުވެރިންނަށް ފޭސްބުކް މެދުވެރިކޮށް އެކަން އެންގުމަކީ ވެސް މަނާ ކަމެކެވެ.

ފޭސްބުކް މެދުވެރިކޮށް މުބާރާތް ބާއްވާއިރު އެންމެ ބޮޑުވަރަކަށް ވެސް "ޖަހާލެވޭނީ ލައިކެއް" ކަން ހަނދާން ބަހައްޓާށެވެ. އެކި ފާޑުގެ ޕޯސްޓްތައް ޝެއާކުރުވަން ނުހަދާށެވެ. މި ދުވަސްވަރު ބެޑްރޫމް ސެޓާއި ކުލަ އާއި ބަދިގެ ސެޓު ފަދަ ކިތަންމެ އެއްޗެއް، ފޭސްބުކް ޝެއާއަކުން ލިބިދާނެ ކަމަށް ބުނާ ޕްރޮމޯޝަންތައް މި ވަނީ ގިނަވެފަ އެވެ.