މުޒާހަރާ

ފުލުހުންގެ ބަޔާނަށް އިނގިރޭސި ސަފީރު ހަޖޫޖައްސަަވައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަަށް އަނިޔާވެފައި ވަނިކޮށް އަދި އެރޭ ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު ފުލުހުން ނެރުނު ބަޔާނަށް އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ހަޖޫ ޖައްސަވައިފި އެވެ.

ފުލުހުން ނެރުނު ބަޔާން ޓްވިޓާގައި ހިއްސާކުރައްވަމުން ޑޯރިސް ވިދާޅުވީ ފުލުހުން ނެރުނު ބަޔާނުގައި، "ބޭނުންވި ވަރަށްވުރެ އިތުރަށް ލިޔެވިފައި ވަނީ ކަމަށް ވެދާނެ" ކަމަށެވެ.

"ކިޔާލަންް ރަނގަޅު، ބަޔާނުގައި ބުނެފައި އެބަވޭ، އަހަނަށް ބެލެވެނީ ލިއުނު މީހާ ގަސްދުކުރިވަރަށް ވުރެ އިތުރަށް،" ބަޔާނުގެ އިބާރާތެއް ލިއުއްވުމަށް ފަހު އޭނާ ވިދާޅުވެފައި ވެއެވެ.

ބަޔާނުގައިވާ އިބާރާތްތަކުގެ ތެރެއިން ޑޯރިސް ހިއްސާކުރައްވާފައި ވަނީ މުޒާހަރާ ސިފަކުރަން ފުލުހުންގެ ބަޔާނުގައި ލިޔެފައިވާ އިބާރާތެވެ. ބަޔާނުގައި މުޒާހަރާގެ ބައިވެރިން ސިފަކޮށްފައި ވަނީ "ސިޔާސީ ބޭނުމަށް ޣައިރުގާނޫނީ އެއްވުމެއް ބޭއްވި ފަރުދުންތަކެެއް" ގެ ގޮޮތުގައެވެ. އެ އިބާރާތް ލިއުއްވި އިރު، ބަޔާނުގައި އެބުނާ އެއްވުމަކީ އިދިކޮޅުން ބޭއްވި އެއްވުންކަން ޑޯރިސް ވަނީ ބްރެކެޓެއްގައި ފާހަގަ ކުރައްވާފަ އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެއްވެ ހަމަ ނުޖެހުން ހިންގުމަށް ރޭވުމުން އެކަމުގައި ބައިވެރިނުވާން ހުރިހާ ފަރާތްތަކަށް ކުރިން އަނގާފައިވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަޅުތާލު ކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަން ސަސްޕެންޑު ކުރެވިފައިވާތީ އެ ފުރުސަތު ނުދޭން ވެސް އޮތީ ނިންމާފައި ކަމަށެވެ.

އެހެން ނަމަވެސް ބައެއް ސިޔާސސީ ފަރާތްތަކުން އިސްވެ ތިބެ ހަމަނުޖެހުން ހިންގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަލަބޮލި ކުރުމުގެ ހަރަކާތްތައް ހިންގާފައިވާ ކަމަށާއި އެއްވުން ކަވަރު ކުރަމުން ދިޔަ ނޫސްވެރިންގެ އަމަލުތައް ވެސް ހުރީ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.