ރައްޔިތުންގެ މަޖިލިސް

ހައްޔަރު ކޮށްފައިވާ ތިން މެންބަރުން ޖަލްސާގައި ބައިވެރި ކުރަންޖެހޭ: އިދިކޮޅު

ސްޓޭޓް އޮފް އެމެޖެންސީގެ ތެރޭގައި ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ތިން މެންބަރުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު މެންބަރުންނާއި ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުން ވަނީ މާދަމާ އަށް ހާއްސަ ޖަލްސާ އެއް އެޖެންޑާކޮށް ބާއްވަން ނިންމާފަ އެވެ. ނަމަވެސް މަޖިލީހުގެ ތިން މެންބަރަކަށް ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފަ އެވެ. އެ މެންބަރުންނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ.

އިދިކޮޅު މެންބަރުންގެ ދަނީ މާދަމާ ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި އެ ތިން މެންބަރުން ބައިވެރި ކުރަން ޖެހޭނެ ކަމަށް ގޮވާލަމުންނެވެ. އެގޮތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ، ކުރިން ވެސް އަމަލު ކުރަމުން އައި ގޮތަށް ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނާއި މަޖިލީިހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އެ ތިން މެންބަރުން ވެސް މާދަމާގެ ޖަލްސާ އަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ވަނީ، "މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 މަސްދުވަހަށްވުރެ ކުރު ހުކުމެއް ތަންފީޒު ކުރުމުގެ މަރުހަލާގައި މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފައިވާނަމަ ހައްޔަރުކޮށްފައިވާ ފަރާތަކުން އެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެ" ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ވަނީ، "މެންބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އޭނާ ހިމެނޭ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، އޭނާއަށް ލިބިގެންވެ އެވެ." މިހެނެވެ.

މަހުލޫފް ވިދާޅުވީ، ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުން، މަޖިލީހުގެ މި ދައުރުގައި ބާއްވާ ޖަލްސާތަކުގައި ހައްޔަރުގައި ތިބި އެ މެންބަރުން ބައިވެރި ކުރަން ޖެހޭނެ ކަމަށާއި ބާއްވަން ޖެހޭނީ އެމެންބަރުން ބައިވެރިވާ ޖަލްސާ އެއް ކަމަށެވެ. އެހެން ކަމުން އެ މެންބަރުން ބައިވެރި ކުރުމަށް މަޖިލީހުގައި އެދޭނެ ކަމަށާއި ނަމަވެސް ބައިވެރި ނުކުރާނަމަ ބޮއިކޮޓް ކުރަން ވިސްނަމުން ގެންދަވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ މަޖިލީހުގެ ޖަލްސާގައި ހުރިހާ މެންބަރުންނަށް ބައިވެރިވެވޭނެ ޖަލްސާއެއް ކަން ބާއްވަން ޖެހޭނީ، ސްޓޭޓް އޮފް އެމަޖެންސީ އަކީ ރައްޔިތުން އަމަލު ކުރަން ޖެހޭ ކަމަކަށްވާއިރު އެކަން ނިންމާއިރު ޖެހޭ ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން 43 މެންބަރުން ހާޒިރުވާ ޖަލްސާ އަކަށް ވާން، އެހެން ކަމުން އަޅުގަނޑުމެން އެ ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ 43 މެންބަރުން ހަމައެއް ނުވާނެ، ދެން އެބޭފުޅުން ކަންކަން ކުރަން ޖެހޭނީ ގާނޫނާ ހިލާފަށް،" މަހުލޫފް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިމަހު އެއްވަނަ ދުވަހު ނެރުނު އަމުރުގެ ވަނީ، ދައުލަތުގެ ބަންޑާރަ ނައިބު އެދިގެން، އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސް ކުރެވެންދެން ވަގުތީ ފަރުވާއެއް ދިނުމަށް ނެރުނު ހުކުމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ މައްޗަށް ބަލައި ފްލޯ ކްރޮސްއާ ބެހޭ ހުކުމް ބާތިލުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައިވާ މެންބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ވެސް ހުކުމްގައި ކަނޑައެޅި އެވެ.

އަމުރުގައި އިތުރަށް ވަނީ، މަޖިލީހުގެ ޖަލްސާގައި ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ހުރިހާ މެންބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އަންގާފައި ވެއެވެ. އަދި މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވައިދުން ކުރިއަށް ގެންދިޔުމަށް ވެސް އަމުރުގައި ވެއެވެ.

މާދަމާ މަޖިލީހުގެ ހާއްސަ ޖަލްސާ އަށް ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ 12 މެންބަރުންނަށް ވެސް ވަނީ ބައިވެރިވުމަށް ދައުވަތު ދީފަ އެވެ.