ހަބަރު

އަނިޔާވި ނޫސްްވެރިޔާ ފުރިޔަ ނުދޭން މަސައްކަތެެއް ނުކުރަން: ޕޮލިސް

ހުކުރު ދުވަހުގެ ރޭ އިދިކޮޅުފަރާތްތަކުން ކުރި މުޒާހަރާ ފުލުހުން ރޫޅައިލި ވަގުތު އަނިޔާވި ނޫސްވެރިޔާ ހުސައިން ހަސަން އިތުރު ފަރުވާއަށް އަވަށްޓެރި ސްރީލަންކާއަށް ފުރަން އުޅެނިކޮށް ފުލުހުންގެ ބަޔަކު އޭނާއަށް ހުރަސް އެޅި ކަމަށް ރާއްޖެ ޓީވީން ބުނުމުން ފުލުހުން އެކަން ދޮގުކޮށްފި އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އަވަސް އަށް ވިދާޅުވީ ހުސައިން މިއަދު ފުރަން ގޮސް އިމިގްރޭޝަނުން ނިމިގެން މަަތިންދާބޯޓަށް އެރުމަށް ޓަކައި ބޯޑިން ފާސް ވެސް ކެނޑި ފަހުން ފުލުހުންގެ ބަޔަކު އައިސް އޭނާ ހުއްޓުވި ކަމަށެވެ. ހުސައިންއާ ހަވާލާދީ ފިޔާޒު ވިދާޅުވީ ފުލުހުން އައިސް އެދުނީ ހުސައިންގެ އަޑީކާޑު ދައްކަން ކަމަށާއި ދެއްކީމާ އެންގީ އެމީހުންނާ އެކީ ދިއުމަށް ކަމަށެވެ.

"ހުސައިން ބުނީ ފުލުހުން އައިސް ބުންޏޭ އަޑީކާޑު ދައްކާށޭ. ދެން ދެއްކީމާ މި ބުނަނީ އެމީހުންނާ އެކީ ދާން. އެވަގުތު އެއާލައިން ވެސް ފުލުހުންނަށް ދެންނެވި ބޯޑިން ފާސް ކަނޑާ ހަދާފައި އޮތް ޕެސެންޖަރެއް ވީމާ އޭނާ ނުލައި ފުރަން ދަތި ކަމަށް،" ފިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަތިންްދާބޯޓަށް އަރަންދާން ހުސައިން ދޫކޮށްލީ ފުލުހުން ކޮންމެވެސް ބޭފުޅަކަށް ގުޅުމަށް ފަހު ކަމަށެވެ.

ނަމަވެސް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ހުސައިން ހައްޔަރު ކުރަން ފުލުހުން ނޫޅޭ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެތް ކަމަށެވެ.

"އޭނާ ހައްޔަރު ކުރާކަށް ނޫޅޭ ފުލުހުންނެއް، ހައްޔަރު ކުރުމުގެ ވޮރެންޓެއް ވެސް ނެތް،" ޝިފާނު ވިދާޅުވި އެވެ.