މޯލްޑިވިއަން އައިޑޮލް

އުނގޫފާރު އޮޑިޝަންގައި އެންމެ އަންހެން ކުއްޖެއް!

މޯލްޑިވިއަން އައިޑޮލް ތިން ވަނަ ސީޒަންގެ އެންމެފަހު އޮޑިޝަން އެޕިސޯޑު ރޭ ވަނީ ދައްކާފަ އެވެ. ރޭ ދެއްކީ ރ. އުނގޫފާރުގައި ބޭއްވި އޮޑިޝަނެވެ.

ރޭގެ އެޕިސޯޑުގައި އެންމެ ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވީ ގިނަ އަދަދެއްގެ ބައިވެރިން ފެނިގެން ދިޔައިރު މުޅި އޮޑިޝަންގައި ވެސް އެންމެ އަންހެން ކުއްޖެއް ފެނިގެން ދިއުމެވެ. އުނގޫފާރު އޮޑިޝަންގައި ބައިވެރިވީ ވެސް އެންމެ އަންހެން ކުއްޖެކެވެ.

އެ އަންހެން ކުއްޖަކީ ހަމަ އެ ރަށަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ހައްވާ އަދުލާ އެވެ. އަދުލާއަކީ ޑޫޑުލް ކުރުމާއި ގިޓާ ކުޅުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އޭނާގެ ދޮންބެގެ ފަރާތުން ޝައުގު އުފެދުނު ޖިޓާގެ ކުޅުމުގެ ހުނަރާއި ލަވަކިޔުމުގެ ގާބިލުކަން ދައްކާލުމަށް އަދުލާ އައިޑޮލްއަށް އައީ ބޮޑު އުއްމީދަކާއެކު އެވެ. ނަމަވެސް އޭނާއަށް ހުރިހާ ޖަޖުން ހިތްހަމަޖެހޭ ވަރަށް ހުނަރު ދައްކާ ނުލެވުމުން ޖެހުނީ ހުސްއަތާ އެނބުރާ ދާށެވެ.

ހުސްއަތާ ދާންޖެހުނު ނަމަވެސް އުނގޫފާ އޮޑިޝަންގައި ބައިވެރިވި ހަމައެކަނި އަންހެން ކުއްޖާގެ ފަހުރު އޭނާ ހޯދައިފި އެވެ. ޓުވިޓާގައި ވެސް އަދްލާގެ ހިތްވަރަށް ބެލުންތެރިން ސާބަސް ދީފައިވެ އެވެ.

މި ސީޒަންގެ އޮޑިޝަން އެޕިސޯޑުތައް ނިމުމާއެކު ދެން ދައްކާނީ ތިއޭޓާ ރައުންޑެވެ. ތިއޭޓާ ރައުންޑުގައި ޖުމްލަ 33 ބައިވެރިޔަކު ވާދަކުރާނެ އެވެ. ތިއޭޓާ ރައުންޑުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކާމިޔާބުވާ 16 ބައިވެރިޔަކު ދާނީ ޕިއާނޯ ރައުންޑަށެވެ.

ތިއޭޓާ ރައުންޑުގެ އެޕިސޯޑުތައް ދައްކާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރެ އެވެ.