މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އެންމެ ފަހު އޮޑިޝަން އެޕިސޯޑު ރޭ ވަނީ ދައްކާފަ އެވެ. ރޭ ދެއްކީ ރ. އުނގޫފަހަރުގައި ބޭއްވި އޮޑިޝަނެވެ.
އުނގޫފާރުގެ ނަލަ މަންޒަރުތަކާއެކު ރޭގެ އެޕިސޯޑު ގެނެސްދިން ނަމަވެސް ބެލުންތެރިންނަށް އެންމެ ނަލަވީ ރ. މީދޫގެ ޒުވާނެއްގެ އަޑެވެ. އުމުރުން 19 އަހަރުގެ ސާން ޝަރީޕްގެ އަޑެވެ. ލަވަކިޔުމުގެ ދާއިރާގައި ކުރިން މަސައްކަތްކުރި ބައްޕަގެ ފަރާތުން އުފެދުނު ޝައުގުވެރި ކަމެއްގައި ލަވަކިޔަން ފެށި ޝާން، ރޭ ވަނީ އޭނާގެ އަޑުން ބެލުންތެރިން މަސްތުކޮށްލާފަ އެވެ.
"މަސްތުވެވުނޭ ކަލާ ބަލާލީމާ" ކިޔާ އޭނާގެ އަޑުގެ މަސްތުގައި ޖަޖުން ވެސް ޖެއްސި އެވެ. ރަށުގެ ބޮޑުބެރު ގުރޫޕެއްގައި ލަވަކިޔާ ޝާންއަށް ހަތަރު ޖަޖުން އޭނާއަށް ބުނީ "ބޮޑު ޔެސް" އެކެވެ.
ރޭގެ އޮޑިޝަންގައި ގިނަ ބައިވެރިވިންތަކެއް ވާދަކުރި ނަމަވެސް ގޯލްޑެން ޓިކެޓް ލިބުނީ މަދު ބައިވެރިއަކަށެވެ. ގިނަ ބައިވެރިންނަށް ޖެހުނީ މާޔޫސްކަމާއެކު ހުސްއަތާ އެނބުރި ދާށެވެ. އުނގޫފަހަރު އޮޑިޝަނުން ގޯލްޑެން ޓިކެޓް ހޯދި އިތުރު ބައިވެރިންނަކީ އަބްދުﷲ ޝާފިއު އާއި މައުޒަމް މުހައްމަދު އަދި އަހްމަދު ސަމާހު އެވެ.
ކުރީގެ އޮޑިޝަންތަކުން ފެނުނު ކަހަލަ ހެއްވާ މަޖާ މަންޒަރުތަކެއް ރޭގެ އެޕިސޯޑުންވެސް ފެނިގެންދިޔަ އެވެ. މީގެ އިތުރަށް ބައިވެރިންގެ އައިލާތަކާއި ރަހުމަތްތެރިންގެ ސަޕޯޓު މީގެ ކުރިން އައިޑަލްގެ އޮޑިޝަން އެޕިސޯޑެއްގައި ނުފެންނަ ވަރަށް ފެނިގެން ގޮސްފައިވެ އެވެ.
މި ސީޒަންގެ އޮޑިޝަން އެޕިސޯޑުތައް ނިމުމާއެކު ދެން ދައްކާނީ ތިއޭޓާ ރައުންޑެވެ. ތިއޭޓާ ރައުންޑުގައި ޖުމްލަ 33 ބައިވެރިޔަކު ވާދަކުރާނެ އެވެ. ތިއޭޓާ ރައުންޑުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކާމިޔާބުވާ 16 ބައިވެރިޔަކު ދާނީ ޕިއާނޯ ރައުންޑަށެވެ.
ތިއޭޓާ ރައުންޑުގެ އެޕިސޯޑުތައް ދައްކާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރެ އެވެ.