ކުޅިވަރު

ނަޕޯލީއަށް ކުލަބުގެ ރެކޯޑެއް، ޑާބީ މެޗު ޔުވެންޓަސްއަށް

ސްޕަލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އިޓާލިއަން ލީގްގައި ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެ ނަޕޯލީއިން ކުލަބުގެ ރެކޯޑެއް ހަދައިފި އެވެ. އަދި ރެކޯޑާއެކު އެ ކުލަބު ވަނީ ތާވަލުގެ އެއް ވަނައިގަ އެވެ.

ނަޕޯލީގެ މެޗުގެ ކުރިން، ޓޫރިން ސިޓީގެ ޑާބީގައި ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޔުވެންޓަސް ތާވަލުގެ އެއް ވަނައަށް ވަގުތީ ގޮތުން ޖެހިލި އެވެ. ނަމަވެސް ނަޕޯލީ ވެސް މޮޅުވުމުން އަލުން ނަޕޯލީއަށް ތާވަލުގެ އެއް ވަނަ މަގާމު ލިބުނީ އެވެ.

ނަޕޯލީ އާއި ޔުވެންޓަސްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. ޔޫރަޕްގެ އެންމެ ގަދަ ފަސް ލީގްގެ ތެރެއިން އެންމެ ވާދަވެރިކޮށް މި ސީޒަންގައި ފެންނަނީ އިޓަލިއަން ލީގެވެ.

މެޗުގެ ހަމައެކަނި ލަނޑު ނަޕޯލީއަށް ކާމިޔާބު ކޮށްދިނީ އަލަން އެވެ. އޭނާ ލަނޑު ޖެހީ ހޯޒޯ ކަލެހޯނޭ ތަނަވަސް ކުރި ފުރުސަތެއްގަ އެވެ. އޭގެ ކުރިން ލޮރެންޒޯ އަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ބޯޅަ ގޯލް ދަނޑިގައި ޖެހިފައި ދެން ލިބުނީ ސްޕަލަގެ ކީޕަރެވެ.

ދެ ވަނަ ހަފުގައި އަލަން ވަނީ މާރެކް ހަމްސިކް އަށް ގޯލް ކުރިމައްޗަށް ބޯޅައެއް ހުރަސް ކޮށްދީފަ އެވެ. ހަމްސިކް ބޮޅުން ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރިއެވެ. އެ ލަނޑު ޖެހުމަށްފަހު އުފާ ފަޅު ކުރުމުގެ ގޮތުން ކޯނަރު ދަނޑިއާ ކުޅުނެވެ. އެކަމާ ރެފްރީ އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

ގޯލް ސެލެބަރޭޓް ކުރި ނަމަވެސް ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީން ދެއްކީ ހަމްސިކް ލަނޑު ޖެހުމުގެ އޮފްސައިޑް ވެފައިވާ ކަމަށެވެ.

ޓޮރިނޯއާ ދެކޮޅަށް ކުޅުނު މެޗަކީ ޗެމްޕިއަންސް ލީގްގައި ޓޮޓެންހަމް އަތުން ޔުވެންޓަސް އެއްވަރުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު 2-2 ން އެއްވަރުވުމުން ސަޕޯޓަރުން ލިބުނު މާޔޫސް ކަމާއެކު ރޭ ޑާބީ މެޗުގައި ރަށުން ބޭރުގައި މޮޅުވުމުން، ސަޕޯޓަރުންނަށް އަނެއްކާވެސް ހިތްހަމަ ޖެހުމެއް ލިބުނީ އެވެ. ޓޮރިނޯގެ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ޔުވެންޓަސް ކާމިޔާބު ކުރީ 1-0 ންނެވެ.

މެޗު ފަށައިގެން 15 މިނެޓް ތެރޭގައި އެ ޓީމުގެ ގޮންޒާލޯ ހިގުއައިން އަށް އަނިޔާވުމުން އޭނާ ބަދަލުގައި ކުޅެން އެރުވީ ފެޑެރީކޯ ބާނަޑޭޝީ އެވެ. މެޗުގެ 33 ވަނަ މިނެޓްގައި ޔުވެންޓަސްގެ ލަނޑު ބެނާޑެޝީ ތަނަވަސް ކޮށްދިން ފުރުސަތުގައި ކާމިޔާބު ކުރީ އެލެކްސް ސެންޑްރޯ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކުރީގެ ގަދަ ބާރު އޭސީ މިލާން ވަނީ ސްމްޕްޑޯރިއާ ދެކޮޅަށް ކުޅުނު މެޗު 1-0 ކާމިޔާބު ކޮށްފަ އެވެ. އެޓްލާންޓާ އާއި ފިއޮރެންޓީނާ ކުޅުނު މެޗު 1-1 އެއްވަރުވީ އެވެ.