ވިޔަފާރި

ކަނޑުމަހުގެ އެންމެ ބޮޑު ފެއާގައި ބައިވެރިވާން ހުޅުވާލައިފި

Feb 19, 2018

ކަނޑު މަހާއި މަހުގެ އުފެއްދުންތަކަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާ ކަމަށްވާ، ވޯލްޑް ޓޫނާ އެންޑް ޓްރޭޑް ކޮންފަރެންސުގައި ބައިވެރިވާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މަސްވެރިކަމާއި މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ޕްރޮމޯޓް ކުރަން ތައިލެންޑުގައި ބާއްވާ 15 ވަނަ އިންފޯފިޝް، ވޯލްޑް ޓްރޭޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފޯމް ފިޝަރީޒް މިނިސްޓްރީން ލިބެ އެވެ.

"ޓޫނާ 2018 ބެންކޮކް" ގެ ބެންކޮކްގެ ޝަންގްރިއްލާ ހޮޓަލުގައި އޮންނަ މި ކޮންފަރެންސް އޮންނާނީ އަންނަ މާޗު 28 އިން 31 އަށެވެ.

އިންފޯފިޝް، ވޯލްޑް ޓްރޭޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި 40 ސްޓޯލް ހުންނާނެ އެވެ. މި ފެއާގައި ދުނިޔޭގެ މަސްވެރިކަމުގެ ދާއިރާގެ 600 އަށްވުރެ ގިނަ ފަރާތް ބައިވެރިވެފައިވެ އެވެ.

ޓޫނާ ކޮންފަރެންސުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ކުންފުނި ތަކެއް ބައިވެރިވެ އެވެ. ރާއްޖޭން ފެއާގައި ބައިވެރިވަނީ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ ދަށުންނެވެ.