ހަބަރު

ރާއްޖޭގެ ހާލަތުގެ ސަބަބުންް ސަރަހައްދަށްވެސް އަސަރުކުރޭ: ސާކް

ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމުގެ އަސަރު މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ވެސް ކުރާ ކަަމަށް ވިދާޅުވެ، ރާއްޖޭގެ މައްސަލައަށް ހައްލެއް ހޯއްދަވަން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ( ސާކް)ގެ ޕާލަމެންޓޭރިއަނުންގެ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދަށް އިލްތިމާސް ކުރައްވައިފިއެވެ.

ސާކްގެ ގޮތްޕެއްކަމަށްވާ، ސްޕީކާސް އެންޑް ޕާލަމެންޓޭރިއަންސް އެސޯސިއޭޝަންގެ ޗެއާމަންގެ ހައިސިއްޔަތުން އަވަށްޓެރި ސްރީލަންކާ ޕާލަމެންޓްގެ ސްޕީކަރް ކަރޫ ޖަޔަސޫރިއާ މަސީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ އެ ޖަމިއްޔާއަށް މުހިއްމު މެމްބަރެއް ކަމަށާއި ރާއްޖޭގައި މިހާރު އޮތް ހާލަތުގެ ނުބައި އަސަރު ސަރަހައްދަށް ކުރާ ކަމަށެވެ.

" އެހެންވީމާ އަޅުގަނޑުމެން މަނިކުފާނަށް މިގޮވާލަނީ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތުން ، ކަމާ ބެހޭ އިދާރާތަކާ ވާހަކަފުޅުދައްކަވައިގެން، މަޝްވަރާގެ ތެރެއިން ހައްލެއް ހޯއްދަވައި އިންތިހާބުކޮށްފައިވާ މެމްބަރުންނަށް ގާނޫނު އަސާސީން ލާޒިމުކުރާ ދައުރު އަދާކުރުމުގެ ފުރުސަތު ލިބޭ ގޮތަށް، [އިންތިހާބަކީ] މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެކަމާއި މީހުންގެ އަސާސީ މިނިވަންކަމާއި ޑިމޮކްރަސީއާއި ހަމަޖެހުމާއި ކުރިއެރުން ކަށަޥަރުކުރެވޭ ގޮތަށް މަޖިލިސްގެ މަސައްކަތްތައް ހިނގާނެކަން ކަށަވަރުކޮށްދެއްވުމަށެވެ،" ސިޓީފުޅުގައި ޖަޔޫސޫރިއާ ވިދާޅުވެފައި ވެއެވެ.

ޑިމޮކްރަސީގެ އާއްމު އުސޫލުތަކާއި ޕާލަމެންޓްރީ އުސޫލުތައް މިހާރު ރާއްޖޭގައި އޮތީ ނެތިގެން ގޮސްފައި ކަމަށް އޭނާ ސިފަކުރައްވާފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތު މިހިސާބަށް ދިއުމުން މަސީހަށް މިކަމުގައި އިލްތިމާސް ނުދަންނަވައި ތިބުމަކީ ޒިންމާ އަދާ ނުކުރެވުން ކަމަށް ސާކްގެ ސްޕީކަރުންނާއި ޕާލަމެންޓޭރިއަނުންގެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

ފްލޯ ކްރޮސިންއާ މެދު ސުޕްރީމްކޯޓުން ނެރުނު ރޫލިންއަކަށް ފަހު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް މަޖިލީހުންނާއި އިލެކްޝަން ކޮމިޝަނުން ކަނޑައެޅި ފަހުން މަޖިލިހުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައެވެ. އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ބުނެފައި އޮއްވައި، އަމުރުގެ އެބަޔަށް އަމުލުކުރުން މަޑު ޖައްސައިލަން ހަމަ އެކޯޓުން ރޭ ވަނީ އަންގާފައެވެ. ނަމަވެސް ރޭގެ އަމުރަކީ ސަރުކާރުން ކުއްލި ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނިކޮށެވެ.