ހަބަރު

ހުއްޓުވަން ޖެހޭ މީހެއްވިއްޔާ ބޯޓުން ބާލައިގެން ވެސް ހުއްޓުވާނެ: އިމިގްރޭޝަން

ގާނޫނުން އިމިގްރޭޝަނަށް ލިބޭ ބާރުގެ ތެރެއިން އެއްވެސް މީހަކު ރާއްޖޭން ފުރުން ހުއްޓުވަން ޖެހިއްޖެ ނަމަ މަތިންދާބޯޓަށްް އަރާ އިނަސް ބާލައިގެން ހުއްޓުވާނެ ކަމަށް މޯލްޑިވްސް އިިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ބައެއް މީޑިއާތަކުން ފެތުރި ހަބަރަކާ ގުޅިގެން އެ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަަމަށް ބުނެ މިއަދު ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ އިމިގްރޭޝަނަށް ބައެއް މީޑިއާތަކުން ބިރުދައްކަމުންދާ ކަމަށެވެ. އަދި ބުނީ އިމިގްރޭޝަނުގެ މުވައްޒަފުންނާ ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުން މަތީ ދެމި ތިބޭނެ ކަމަށެވެ.

"... ބައެއް މީޑިއާތަކައި އަދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ވެސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކިތަންމެ ބިރެއް ދެއްކި ކަމުގައިވީނަމަވެސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ފަސް ނުޖެހި ސާބިތުކަމާ އެކު ދެމިތިބޭނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އިމިގްރޭޝަން ގާނޫނުން އިމިގްރޭޝަން އޮފިސަރުންނަށް ލިބިފައިވާ ބާރާއި އިހުތިޔާރުގެ ތެރެއިން އެއްވެސް ފަރާތެއް ރާއްޖޭން ފުރުން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ފަރާތެއް ފްލައިޓަށް ބޯޑްކޮށްފައި ވިޔަސް އޮފްލޯޑްކޮށް، ރާއްޖެއިން ބޭރަށް ފުރުން ހުއްޓުވާނެކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

މީހަކު ރާއްޖޭން ބޭރަަށް ފުރަން އުޅެނިކޮށް ހުއްޓުވި ކަމަށް ބައެއް މީޑިއާތަކުން ފެތުރީ ދޮގު ހަބަރެއް ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ބުނީ އިމިގްރޭޝަން ބަދުނާމުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ކުރިން އަންގާފައިވާނެ ކަމަށެވެ. އެހެންވެ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ކަމާ ބެހޭ ފަރާތަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.