ހަބަރު

ގާސިމް އަތުން ފައިސާ ހޯދަން އަބްދުއްރަހީމް ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ކުންފުނި، ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށް ތުހުމަތު ކުރައްވައި އެ ފައިސާ ދައުލަތަށް ހޯދައިދޭން ޕީޕީއެމްގެ ނައިބު ރައީސް އަަބްދުއްރަހީމް އަބްދުﷲ ގޮވާލައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ވިލާ ގްރޫޕުން ދައުލަތަށް 191 މިލިޔަން ޑޮލަރު ނުދައްކާ އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތަފުސީލު ކަމަށް ވިދާޅުވެ ރަށް ތަކަކާއި އަަދަދުތަކެއް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ މިރޭ ގޮވާލަން ޝަރުއީ ދާއިރާއަށް ވެސް މީ ރައްޔިތުންގެ ފައިސާއޭ، މި ފައިސާ ވީހާ އަވަހަކަށް ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މަސައްކަތްކޮށްދެއްވާށޭ،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލާއިން ދައްކަން ޖެހޭ ފައިސާގެ ބައެއް މަައްސަލަތައް މިހާރު ވަނީ ދަށު ކޯޓުތަކުން ނިމިގެން މަތީ ކޯޓުތަކަށް ހުށަހަޅާފައި ކަމަށެވެ. އަދި އޭގެ ބައެއް މައްސަލަތަކަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމާ ކޯޓުތަކުގައި ހުރި މައްސަލަތައް ވީހާ އަވަހަކަށް ނިންމައި ރައްޔިތުންނަށް ލިބެން ޖެހޭ ފައިސާ ލިބޭނެ ގޮތެއް އެބަ ޖެހޭ ހައްދަވައިދެއްވަން،" އޭނާ ވިދާޅުވި އެވެ.

ވިލާ ގްރޫޕުން ދައުލަތަށް 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައުލަތަށް ނުދައްކާ އޮތް ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް އޭނާ ވަނީ އެކަން ދޮގު ކުރައްވާފައެވެ. އޭރުގައި އެ ކުންފުނިން ބުނެފައި ވަނީ 2.9 ބިލިއަން ރުފިޔާގެ މައްސަލަ އޮތީ ޝަރުއީ މަރުހަލާއެއްގަ ކަމަށާއި އެއީ ބާތިލު ކުރެވިފައިވާ އެއްބަސްވުންތަކަކާއި ހަވާލާދީ، ސަރުކާރުން އަމިއްލަޔަށް އުފަންކުރުވައިގެން އުޅޭ ހިޔާލީ އަދަދުތަކެއް ކަމަށެވެ. އަދި ގާނޫނީ އެއްވެސް ސަބަބެއްނެތި ސަރުކާރުން ބާތިލުކުރި އެއްބަސްވުމާ ހަވާލާދީ ދައްކަންޖެހޭ ކުލީގެ ފައިސާތަކެއް އޮތް ކަމަށް ބުނެ، އެ ފައިސާ ހޯދަން މަސައްކަތްކޮށް، ޓެކްސް ނުދައްކާ ކަމަށް ބުނަނީ ހަގީގަތް އޮޅުވާލަން ކަމަށް ވިލާ އިން ބުންޏެވެ.