ކުޅިވަރު

ތިން ވަނަ ޑިވިޝަންގެ ވިގަންއިން ސިޓީ ކަޓުވާލައިފި

އެފްއޭ ކަޕް ފަސް ވަނަ ބުރުގައި އިނގިރޭސި ތިން ވަނަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ވިގަން އެތުލެޓިކުން ވަރުގަދަ މެންޗެސްޓާ ސިޓީ އެފްއޭކަޕުން ކަޓުވާލައިފި އެވެ. މެޗުން ވިގަން ކާމިޔާބު ކުރީ 1-0 ންނެވެ.

ފެންވަރުގެ ގޮތުން ތަފާތު ވިޔަސް ބޮޑު ޓީމަކާ ދެކޮޅަށްވެސް މެޗެއް ކާމިޔާބު ކުރެވޭނެ ބައިވަރު ގޮތްތަކެއް ހުރެ އެވެ. ވިގަން އިން އެކަން ސާބިތު ކޮށްދީފި އެވެ. ޕޮޒެޝަން ގޭމް ނުވަތަ ޓީމުން ގިނަ އިރު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅޭ ސިސްޓަމުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރުގެ ކޯޗެއް ޔޫރަޕްގައި ނުހުންނާ ނެވެ.

ބޯލް ޕޮޒިޝަންގައި 80 ޕަސަންޓް ކުރީގައި އޮތުމަކީ ގާޑިއޯލާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. ރޭ ގެ މެޗުގައިވެސް ފެނިގެން ދިޔައީ އެކަމެވެ. ސިޓީން 82.6 ޕަސަންޓް ބޯޅަ ކޮންޓްރޯލް ކުރި އެވެ. ވިގަން އަށް ބޯޅަ ކޮންޓްރޯލް ކުރެވުނީ އެންމެ 17.4 ޕަސަންޓްގަ އެވެ.

ނަަމަވެސް މެޗު ކާމިޔާބު ކޮށް ކްއާޓާ ފައިނަލަށް ދިއުމުގައި ވިގަންއިން ކުރި ހޯދައިފި އެވެ. ވިގަންއިން ލަނޑު ޖެހީ ސިޓީއިން އެއް ކުޅުންތެރިޔަކު މަދު ކޮށް ކުޅުނު ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ވިލް ގްރިގް އެވެ.

ދެ ވަނަ ހާފުގައި ސިޓީން އެއް ކުޅުންތެރިޔަކު މަދު ކޮށް ކުޅެން ޖެހުނީ، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އެ ޓީމުގެ ފަބިއަން ޑެލްފްއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ވިގަންގެ ހާފުގެ ތެރެއިން އެ ޓީމުގެ މެކްސް ޕަވާއަށް ޓެކްލު ކުރުމުންނެވެ.

އެފްއޭކަޕުން ކެޓުމުން މި ސީޒަންގައި ބޮޑު ތިން މުބާރާތް ކާމިޔާބު ކުރުމަށް ސިޓީއަށް ފުރުސަތު ގެއްލުނީ އެވެ. އަދި ރޭގެ މެޗަކީ މި ސީޒަންގައި ސިޓީ ބަލިވި ތިން ވަނަ މެޗެވެ. އެ ޓީމު ފުރަތަމަ ބަލިވީ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި ޝަހްތަރު ޑޮނެސް އަތުންނެވެ. ޕްރިމިއާ ލީގްގައި ލިވަޕޫލް އަތުންވެސް ބަލިވި އެވެ.