ކުޅިވަރު

ބާސާ މެޗު އޮތުމުން ރަނގަޅަށް ނިދާ ނުލެވޭ: ކޮންޓޭ

ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އޮތުމުން މި ދުވަސް ކޮޅު އޭނާއަށް ރަނގަޅަށް ނުނިދޭ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ޗެލްސީން މިރޭ ބާސެލޯނާއާ ދެކޮޅަށް ނިކުންނާ އެވެ. ޗެމްޕިއަންސް ލީގްގައި ބާސާ އާއި ޗެލްސީގެ އެންމެ ހަނދާންވާ ކުރިމަތި ލުމަކަށް ވާނީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލެވެ. ސެމީ ފައިނަލުގެ ދެ ލެގްވެސް ކާމިޔާބު ކުރީ ޗެލްސީ އެވެ. ދެ ވަނަ ލެގްގައި ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި ޗެލްސީ މޮޅުވީ 2-0 ންނެވެ.

އުނދަގޫ ހާލަތެއްގައި އޮތުމަށް ފަހު ބާސާގެ މެޗަށް ނިކުންނައިރު ޗެލްސީ އޮތީ ރަނގަޅު ޓްރެކެއްގައި، އެފްއޭ ކަޕްގައި މި ހަފުތާއި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 4-0 ންނެވެ. އޭގެ ކުރިން ޕްރިމިއާ ލީގްގައި ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ންނެވެ. އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ހަތަރު މެޗުން ޗެލްސީ މޮޅުވި އެވެ.

ނަމަވެސް ކޮންޓޭ ފިކުރު ވަރަށް ބޮޑެވެ. އޭނާ ފިކުރު ކުރަނީ ސްޕެނިޝް ލީގްގެ އެއް ވަނައިގައި މިހާރު އޮތް ބާސެލޯނާ ބަލި ކުރާނެ ގޮތަކާ މެދުގަ އެވެ.

"ތެދު ތެދަށް ބުނަންޏާ އެފްއޭކަޕް މެޗަށް ފަހު އަހަންނަށް ރަނގަޅަކަށް ނުވެސް ނިދޭ،" މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ. "މިކަހަލަ ވަރުގަދަ މެޗެއް ކުޅެން ޖެހެންޏާ ވަރަށް ބޮޑަށް ތައްޔާރު ވާނެ، ހުރިހާ ކަމަކަށް ތައްޔާރު ވާން ޖެހޭނެ، ބޮޑެތި ކަންތައްތަކަށް ތައްޔާރު ވާން ޖެހޭނެ ވަރަށް ކުރު ތަފްސީލު ތަކަކާއެކު."

އޭނާ ބުނީ މުބާރާތުގެ ފޭވަރިޓަކީ ބާސާ ކަމަށްވެސް ވެދާނެ ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެ ޗެލްސީގެ ފެންވަރު ސާބިތު ކޮށްދޭން ފުރުސަތު ލިބުމަކީ ވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޗެލްސީން ބާސެލޯނާއާ ދެކޮޅަށް ކުޅޭނެ ހިޔާލެއް ކޮންޓޭ އަތުގައި އެބައޮތެވެ.

"އެމީހުންނަށް ނަތީޖާ ބަދަލު ކުރެވިދާނެ ވަރަށް ގިނަ ފަހަރަށް، އަހަރެމެންގެ އަތުގައި ހިޔާލެއް އެބައޮތް، އަހަރެމެން އަތުގައި ޕްލޭނެއް އެބައޮތް، އަހަރެމެން ޖެހޭނީ އެންމެ ޓޮޕް ފޯމުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދޭން އަދި މެޗު ކާމިޔާބު ކުރުމަށް އަހަރެމެން އެންމެ މަތީ ފެންވަރު ދައްކަން ޖެހޭނެ."

މެޗުގެ ސަމާލުކަން ހުއްޓޭނެ ކުޅުންތެރިޔަކީ ބާސާގެ ލިއޮނަލް މެސީ އެވެ. ކޮންޓޭ ބުނީ މެސީ ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށާއި އެންމެ އުނދަގޫ ހާލަތުގައިވެސް އެކަމުން ނެއްޓިގެން ދެމިގަންނަން މެސީ އަށް އެނގޭނެ ކަމަށެވެ.