ދުނިޔޭގެ އެންމެ ފާހަގަ ކުރެވޭ "އެމްޕްލޮޔާސް" ނުވަތަ ވަޒީފާދޭ ފަރާތްތަކަށް ދޭ ޝަރަފުވެރި އެވޯޑުތަކެއް ރާއްޖޭގެ އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
މި މަހުގެ 16 ވަނަ ދުވަހު އިންޑިޔާގެ، މުމްބާއިގައި ބޭއްވި "ވޯލްޑް އެޗްއާރްޑީ ކޮންގްރެސް 2018" ގައި އުރީދޫ މޯލްޑިވްސް އަށް ވަނީ ހިއުމަން ރިސޯސް ދާއިރާ އިން ތިން އެވޯޑެއް ލިބިފަ އެވެ. މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު އާއި ސީނިއާ މެނޭޖަރު އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް، ފަޒްނާ މަންސޫރް އެވެ.
އެ ކުންފުންޏަށް ލިބިފައިވަނީ ހިއުމަން ރިސޯސަސް ދާއިރާގައި ގްލޯބަލް އެޗްއާރް އެކްސެލެންސް އެވޯޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް އެވޯޑާއި ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން އެވޯޑު އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓް އެވޯޑެވެ.
ހިއުމަން ރިސޯސް ދާއިރާގެ ދުނިޔޭގެ އެންމެ މަޝްހޫރު މީހުން ބައިވެރިވި މި ރަސްމިއްޔާތުގައި
ޖުމްލަ 2000 އަށް ވުރެ ގިނަ އެޗްއާރް އޮފިޝަލުން ބައިވެރިވެފައިވެ އެވެ.
އެވޯޑާ ބެހޭ ގޮތުން އުރީދޫގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް ޝާހިދު ވިދާޅުވީ އުރީދޫ އަކީ މުވައްޒަފުންގެ ކުރިއެރުމަށް ނުހަނު އަހަމިއްޔަތުކަމެއް ދޭ ކުންފުންޏަކަށް ވެފައި، ހިއުމަން ރިސޯސަސްގެ ދާއިރާއިން އަޅުގަނޑުމެންގެ މަސައްކަތް ފާހަގަ ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އުރީދޫގެ އަމާޒަކީ ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށް ވެސް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމުގައިވީ ހިނދު، މި އަމާޒުގެ ތެރޭގައި އުރީދޫގެ މުވައްޒަފުންގެ ހިމެނުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ، ފަހި މުސްތަގުބަލަކާއި ހަމައަށް އުރީދޫ ގެންގޮސްދިނުމަށްޓަކައި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ، ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އުރީދޫ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަން،" ޝާހިދު ވިދާޅުވި އެވެ.
ހަތަރު ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ. އުރީދޫ އިން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް އުރީދޫ އިން ގަބޫލު ކުރެ އެވެ. މުވައްޒަފުންގެ ހިޔާލުތަކަށް ހާއްސަ އިސްކަމެއް ދީގެން، އުރީދޫ އިން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސް ތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށެވެ. އަދި ވަޒީފާގެ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށް، އުރީދޫ އިން ހާއްސަ އަހަމިއްޔަތު ކަމެއްދެ އެވެ.