އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭ ހުރީ ފޯމުގައި، ތަފާތު ފެންނާނެ!

އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)، މިދިޔަ ސީޒަންގައި ކުޅެން ނިކުތީ ސީޒަންގެ މެދުތެރެއިން ނެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން އަޝްފާގް ނިއު ރޭޑިއަންޓަށް ސޮއި ކުރާނެ ވާހަކަ، ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު އިއުލާން ކުރި އެވެ. ނަމަވެސް އަނިޔާގައި ހުރުމުން އޭރު ދެ ފަރާތް އެއްބަސްވެ ކޮންޓެކްޓްގައި ސޮއި ކުރަން މަޑު ޖައްސާލި އެވެ.

އޭނާ އަށް ކުރިމަތިވި އަނިޔާއަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ފަހު، މިދިޔަ އަހަރުގެ މެދުތެރެއިން ނިއު އާ ގުޅި ސީޒަންގެ ބާކީ އޮތް ތިން މުބާރާތް ނިއުއަށް ކާމިޔާބު ކޮށްދިނެވެ. މި އަހަރު ވެގެންދާނީ، ހަތަރު އަހަރަށް ފަހު ރާއްޖޭގައި ފުލު ސީޒަނެއް އޭނާ ކުޅޭނެ ފުރަތަމަ އަހަރަށެވެ.

ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ އަޝްފާގް ހުރީ މިހާރު އޭނާގެ ޓޮޕް ފޯމުގައި ކަމަށެވެ. މި އަހަރު ނިއު އަށް އެންމެ މުހިންމު މުބާރާތަކަށް ވާނީ އޭއެފްސީ ކަޕެވެ. އެ މުބާރާތަށް އެ ޓީމުން އޮތީ ބޮޑު ޓާގެޓެއް ކަނޑައަޅާފަ އެވެ. އަޝްފާގް އެންމެ ޓޮޕް ފޯމުގައި ހުރުމަކީ އޭއެފްސީ ކަޕަށް ދާއިރު ނިއުއަށް ލިބޭނެ ބޮޑު ހިތް ހަމަ ޖެހުމެކެވެ.

"ރަނގަޅު އަޝްފާގް މިހާރު ހުރީ ވަރަށް ފޯމުގައި،" ބުރުޒޮން ބުންޏެވެ. "އޭނާ ވަނީ އޮފް ސީޒަންގައި ވަރަށް ޕްރޮފިޝަނަލް ކޮށް ޕްރީ ސީޒަން ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ، އެ މުއްދަތުގައި ފިޒިކަލީ ވަކި ޕެރަމީޓާސް [މިންގަނޑު] އަށް އޭނާ ވަނީ ވާސިލު ވެފަ."

ދެހާސް ސޯޅަ ވަނަ އަހަރު މާޒިޔާއާ ދަގނޑޭ ގުޅުނީ ސީޒަންގެ މެދު ތެރެއިންނެވެ. އޭގެ ކުރިން އޭނާ ކުޅުނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށެވެ. އަނިޔާ ކުރިމަތި ވުމުން އެ ކުލަބާއެކު އޮތް ކޮންޓްރެކްޓް ދެ ފަރާތް އެއްބަސްވެ އުވާލަން ނިންމި އެވެ. ދަގަނޑޭ ޕީޑީއާރްއެމްއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އަޝްފާގު ފުރަތަމަ ފަހަރަށް ރާއްޖޭގައި ފުލް ސީޒަނަށް ނިކުންނައިރު ރާއްޖޭގެ އެންމެ ބޮޑު ކުލަބުގެ ކެޕްޓަން ބޭންޑް އޮންނާނީ އޭނާގެ އަތުގަ އެވެ.

"އާ ސީޒަނަށް ޓްރެއިނިން ފަށައިގެން މި ހޭދަވި މުއްދަތުގައި އޭނާ ވަނީ އަހަރެމެން މަޝްވަރާ ކުރި މިންގަނޑަށް ވަސިލު ވެފަ، މާނައަކީ ސީޒަންގެ އެންމެ ކުރީ ކޮޅުގައިވެސް އަޝްފާގްގެ އެންމެ ޓޮޕް ފޯމު ފެންނާނެޔޭ."

ބުރުޒޮން ބުނީ، މިއަހަރު ނިއު ރޭޑިއަންޓްގެ ސްކޮޑު ފެންނަނީ ވަރަށް ވާދަވެރިކޮށް ކަމަށެވެ. އަދި މިދިޔަ އަހަރަށް ވުރެ ސްކޮޑް ބެލެންސް ވެފައިވާ ކަމަށް އިންޑިއާގެ ސްޕޯޓިން ގޯއާއަށް ކުރިން ކޯޗު ކޮށްދިން ސްޕެއިންގެ ކޯޗު ބުންޏެވެ.