ހަބަރު

38 ވޯޓުން އެސްއޯއީ 30 ދުވަހަށް ދަންމާލައިފި

  • ވޯޓު ސައްހަ ވާނެ: މަސީހު
  • މައްސަލަ ސުޕްރީމް ކޯޓަށް ފޮނުވި
  • އިދިކޮޅު މެންބަރުން ބައިވެރިނުވޭ

ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުގެ 38 މެންބަރެއްގެ ވޯޓާއެކު ފާސްކޮށްފި އެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

މިއަދު ހަވީރު ބޭއްވި ޖަލްސާގައި ކުއްލި ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމި ނިންމުމުގެ ރިޕޯޓް ހުށަހަޅައި އެއަށް ބަހުސް ކުރުމަށް ހުޅުވާލުމުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ހުށަހެޅީ ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމި ނިންމުންތަކަށް ވަކިވަކިން ވޯޓަށް އެހުމަށެވެ. އެގޮތުން ށުށަހެޅިގެން ދިޔަ އިސްލާހުތަކަކީ ގާނޫން އަސާސީގެ 100، 101، 113، 228 ވަނަ މާއްދާ އުނި ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށެވެ. އަދި މުއްދަތުގެ އަދަދު ހަމަ ނުވާ މައްސަލާގައި ލަފައަކަށް އެދި ސުޕްރީމް ކޯޓަށް ގަރާރެއް ހުށަހެޅުމަށް ވެސް ވަ ހުށަހެޅި އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާއަކީ ރައީސް އާއި ނައިބު ރައީސް އަޒުލް ކުރުމުގެ މާއްދާ އެވެ. އަދި 101 ވަނަ މާއްދާއަކީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ އުސޫލުތައް ކަނޑައަޅާ މާއްދާ އެވެ. އަދި 228 އަކީ ޕީޖީގެ އިތުބާރު ނެތްކަމުގެ ވޯޓް ފާސްކުރެވޭނެ މާއްދާ އެވެ.

ހުށަހެޅުންތަކާ ގުޅޭ ގޮތުން ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގައި 43 މެންބަރުން ނެތް ނަމަވެސް ވޯޓު ސައްހަ ވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރެއްވި އެވެ. މަސީހު އެހެން ވިދާޅުވީ، މަޖިލީހުގެ ގަވައިދަށް ރިޔާއަތްކޮށެވެ. މަސީހު ފާހަގަކުރެއްވީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ ކަންކަން އެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމެވެ.

އެގޮތުން ގަވައިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެ މައްޗަށް އަމަލުކުރަން ޖެހޭ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއީ މަޖިލީހުން ހަދާ ގާނޫނުތަކެކެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ތިން ހުށަހެޅުން ވެސް ފާސްކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނީ ބޭފުޅުންނާއި އިދިކޮޅު މެންބަރުން އެ މައްސަލައަށް ވޯޓަށް އެހޭނީ 43 މެންބަރުން މަޖިލީހުގެ ޗެމްބަރުގައި ތިބެގެން ކަމަށް ވިދާޅުވަމުންދާއިރު، އެ އަދަދު ސަރުކާރު ކޯލިޝަނަށް ހަމަނުކުރެވުނީ އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓްކުރުމުންނެވެ. ހާއްސަ ޖަލްސާ މިއަދު ބޭއްވި ނަމަވެސް އެ ޖަލްސާއަށް ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީގެ އަމުރުން ކަނޑައެޅި 12 މެންބަރުންނަށް ޖަލްސާއަކަށް ނުވަދެވެ އެވެ.

މަޖިލީހުގެ ގަވައިދަށް ރިޔާއަތްކޮށް 38 މެންބަރުންގެ ވޯޓާއެކު ގަރާރު ފާސްކޮށްފައިވީ ނަމަވެސް، ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ސާފުކޮށް ބުނެފައިވަނީ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ އެއްވެސް ކަމެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކޮށްފަ އެއްބައި މެންބަރުން ތަޅުމުގައި ތިއްބަަވައިގެން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ އެއަށް ރައްޔިތުން އަމަލުކުރަން ޖެހޭ އެއްޗެކެވެ.