ކުއްލި ޚަބަރު

އެސްއޯއީ ބާތިލު، އެއްވެސް ބަޔަކު ބޯލަނބާނެ ކަމެއް ނެތް: އިދިކޮޅު

ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު 38 މެންބަރުންގެ ވޯޓާއެކު މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޯޓު ނިމުމާއެކު އިދިކޮޅު މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފު ނިންމުމަކަށް ވާތީ، ކުއްލި ނުރައްކަލުގެ ހާތަލަށް އެއްވެސް ރައްޔިތަކު އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެ ގަރާރު ތަންފީޒުކުރުމުގައި ގައުމީ ސަލާމަތާ ބެހޭ ހިދުމަތުގެ އެއްވެސް ބޭފުޅަކު ވެސް މަސައްކަތް ކުރައްވަން ނުޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، އެސްއޯއީގެ ދަށުން ހައްޔަރު ކޮށްފައިވާ އެންމެން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި ބަންދުގައި އެއްވެސް މީހަކު ނުބެހެއްޓޭނެ ކަމަަށެވެ. އަދި ވިދާޅުވީ، ހައްޔަރު ކޮށްފައިވާ ފަރާތްތައް ހައްޔަރު ކޮށްފައި ބެހެއްޓޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކޮށް، ކޯޓަށް ހާޒިރު ކުރުމަށްފަހު މައްސަލަ ޕްރޮސެސްކޮށް، ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"އެސްއޯއީގެ ދަށުން ހައްޔަރު ކޮށްފައިވާ އެންމެން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭނެ، މިއަދު ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް އެހެން ކަމުން އެ ނިންމުމަށް ތަބާނުވުމަށް ސަލާމަތީ ހުރިހާ ބާރުތަކަށް ގޮވާލަން،" ރިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އެސްއޯއީ އަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމެއް ކަމަށާއި މިއަދު ފާސްކުރި ގަރާރަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެސްއޯއީއަށް އަމަލު ކުރަން ނުޖެހޭ ކަމަށާއި ފާސްވި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ހިނގާފައި ހުރި ކަންކަން ބާތިލްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައީސް ޔާމީން ނެރުއްވާފައިވާ ސްޓޭޓް އޮފް އެމަޖެންސީ އަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް، މަޖިލީހަށް އެކަން އެޕްރޫވް ކުރަން ވެސް ފޮނުވާފައިވަނީ ގާނޫނާ ހިލާފަށް، މިއަހަރުގެ ފުރަތަމަ ދައުރު މިވަނީ ފެށިފައި، އެހެން ކަމުން 48 ގަޑި އިރު ތެރޭގައި ހުށަޅަން ޖެހޭނެ، ނަމަވެސް އެކަން ކުރައްވާފައެއް ނުވޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަދު ފައްޓަވަމުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ވިދާޅުވީ އެސްއޯއީއަކީ ރައްޔިތުންގެ މައްޗަށް އަމަލު ކުރަން ނުޖެހޭ އެއްޗެއް ކަމަށާއި އެހެން ކަމުން މިއަދު ފާސްކޮށްފައިވާ ގަރާރަށް ރައްޔިތުން ވެސް އަދި އެއްވެސް މުއައްސަސާއަކުން ވެސް އަމަލު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ސަބަބުން، މިއަދު މަޖިލީހުން ފާސްކުރީ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން ކަމަށް އެސްއޯއީ އިއުލާން ކުރީ، އެވަރު ކަމެއް ސުޕްރީމް ކޯޓުން ނިންމަވާފާނެތޯ، އެ ތިން ފަނޑިޔާރުން ހިމެނޭ ގޮތަށް މިގައުމު އަނދަވަޅަކަށް ވައްޓާލީތޯ، އެހެން ކަމުން މިކަން ސުމްރީމް ކޯޓުން އެޕްރޫވް ކޮށްފިނަމަ އެބޭފުޅުން އެ ނިންމަވަނީ އެބޭފުޅުުންގެ ސަބަބުންނޭ މިގައުމަށް ކުއްލި ނުރައްކަލުގެ ހާލަތު ދިމާވީ،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވީ، ރައީސް ޔާމީން ނެރުއްވި އެސްއޯއީއަކީ ނެރުއްވި އިރުވެސް ބާތިލް އެއްޗެއް ކަމަށާއި މިއަދު ފާސްކުރި ގަރާރަކީ އަދި އެއަށްވުރެ ބޮޑަށް ބާތިލް ގަރާރެއް ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިއަދު ފާސްކުރި ގަރާރަށް ބޯ ނުލަނބާނެ ކަމަށާއި މިއީ ރައްޔިތުން މަޖިލީހުގެ އަގު ވައްޓާލުމަށް ފާސްކޮށްފައިވާ ގަރާރެއް ކަމަށެވެ. މިކަމަށް ބޯލަނބަން ޖެހޭ އެއްވެސް މުއައްސާއެއް އަދި އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.