ވިޔަފާރި

އޭޑީސީއިން 25 މިލިއަން ޑޮލަރު ރައްކާކޮށްފި

Feb 21, 2018
6

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީސީ) އިން 25.1 މިލިޔަން ޑޮލަރު ( 386.2 މިލިޔަން ރުފިޔާ) ރައްކާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

އޭޑީސީން ލިބޭ ފައިސާ ޖަމާކުރަން ހަމަޖައްސާފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޑް ފަންޑަކަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ ތެރެއިން، ބޭރު މީހެއްގެ އަތުން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަ އެވެ. އަދި ދިވެހިންގެ އަތުން ނަގަމުން ދަނީ 12 ޑޮލަރެވެ. މި ފީ ނަގަން ފަށާފައިވަނީ މި އަހަރު ކުރީކޮޅުން ފެށިގެންނެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު ޕީއެސްއެމް އަށް ވިދާޅުވީ އޭޑީސީގެ ގޮތުގައި ޖަމާކުރި ފައިސާއަކީ ސަރުކާރުން ހަރަދުކުރާނެ ފައިސާއެއް ނޫންކަމަށާއި އެއީ ފަހަށް ރައްކާކުރާ ފައިސާ އެވެ. އަދި މި ފައިސާ ބޭނުންކުރާނީ ދަރަނި ދައްކަންޖެހޭ ހާލަތްތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު މި ފަންޑަށް ޖަމާކުރަން އަމާޒުކުރި ފައިސާ ޖަމާނުކުރެވި ދިޔައީ އޭޑީސީ ލަހުން ނަގަން ފެށުމުން ކަމަށެވެ.

"ސަރުކާރުގެ ހަރަދުތައް ބޮޑުވެގެންދިޔަކަމުގައި ވީނަމަވެސް އަޅުގަނޑުމެން ބޭނުންވޭ ފަހަށް ރައްކާކުރުމުގެ ބައި ސަރުކާރު ތެރޭގައި އާދަކުރުމަށް. މި އަހަރު ތެރޭގައި ވެސް އަޅުގަނޑުމެން ބަޖެޓްކޮށްފައިވާނެ މި ފަންޑު އިތުރަށް ބޮޑުކުރުމަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.