ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ޕީޕީއެމް އަދި އެމްޑީއޭގެ ކޯލިޝަނަށް ކަމަށާއި އެ މެޖޯރިޓީ ގުޑުވައި ނުލެވޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން މިހެން ވިދާޅުވީ، މިރޭ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަށްފަހު ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަށާއި ބާތިލު ކުރުމަށް ވެސް މަޖިލީހަށް ބާރު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މެންބަރުން އެތަނަށް ވަޑައިގެން ތިއްބެވީ މި ހާލަތަކީ ގައުމުގެ ސަލާމަތަށް ނުރައްކާ ހާލަތެއްކަން ސީރިއަސްކޮށް ހިތުގެ އަޑިން ގަބޫލުކޮށް މި ގަރާރު ބަލައިގަތުމަށް، އެހެންވީމަ ގަރާރު ބާތިލު ކުރުމަށް ބޭނުންވާ ބަޔަކު މަޖިލީހަށް ވަންނަން ޖެހޭނީ،" ނިހާން ވިދާޅުވި އެވެ. "އާހިރު ނަތީޖާއަކީ އެއްކަލަ ރައްޔިތުންގެ މެންބަރުންގެ ނަމުގަ ތިއްބެވި ބޭފުޅުން ފުއްޕާފަ ތިމަންނާމެންގެ އަތުގަ މެޖޯރިޓީ އޮތް ކަމަށް ބުނި ބޭފުޅުންނަށް ކެރިވަޑައެއް ނުގަތޭ ގަރާރު ބާތިލު ކުރަން ވަންނާކަށް،"
އެހެންވެ އަދަދު ހަމަވީ ސަރުކާރު މެންބަރުން ކަމަށާއި ކާމިޔާބު ވެސް ހޯދީ ސަރުކާރުން ކަމަށް ނިހާން ވިދާޅުވި އެވެ.
"އަދަދު ހަމަވީ އަޅުގަނޑުމެންނަށް، މެޖޯރިޓީ އޮތީ އަޅުގަނޑުމެންގެ އަތުގައި، އެއްގޮތަކަށް ވެސް މެޖޯރިޓީ ނުގެއްލޭ އަޅުގަނޑުމެންގެ އަތުން، ހަމަ ސާފު ބަރާބަރު މެޖޯރިޓީ އެބަ އޮތް، ﷲ އިރާދަކުރެއްވިއްޔާ ގުޑުވައެއް ވެސް ނުލެވޭނެ،" ނިހާން ވިދާޅުވި އެވެ.
މެޖޯރިޓީގެ ވާހަކަ ނިހާން ދެއްކެވިއިރު، މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވީ 41 މެންބަރުންނެެވ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހިމަނައިގެންނެވެ. މިއަދު އޭގެ ތެރެއިން މެންބަރު މުހައްމަދު ނަޝީދު ޕީޕީއެމްއިން އެންގި ގޮތަށް ވޯޓު ނުދެއްވަ އެވެ. އޭގެ އިތުރުން ފުވައްމުލައް މެދު ދާއިރާގެ މެންބަރު ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ.
އިދިކޮޅު މެންބަރުންނަށް ބަލާއިރު ގޮނޑީގެ މައްސަލަ ބޮޑުވެފައިވާ 12 މެންބަރުންނާއެކު އިދިކޮޅުގައި މި ވަގުތު 44 މެންބަރުން އެބަ ތިއްބެވި އެވެ. އެއީ ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހިމާއި ޖަލުގައި ހުންނެވި ފާރިސް މައުމޫން ވެސް ހިމަނައިގެންނެވެ. އިދިކޮޅުން ބުނެފައިވަނީ އެއިން އެއްވެސް މެންބަރަކު ދެން ސަރުކާރާ ނުގުޅޭނެ ކަމަށެވެ.