ކުޅިވަރު

ނަތީޖާ ބާސާއަށް ރަނގަޅު، ޗެލްސީ ހިތްހަމަ ނުޖެހޭ

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ޗެލްސީ އާއި ބާސެލޯނާ ކުޅުނު މެޗު، ޗެލްސީ ލީޑްގައި ވަނިކޮށް ބާސާއިން 1-1 ން އެއްވަރު ވުމުން އެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ނަމަވެސް ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނީ ނަތީޖާއާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.

އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ޗެލްސީން ނެވެ. އެޑެން ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ލަނޑު 62 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވިލިއަން އެވެ.

އޭގެ 13 މިނެޓް ފަހުން ބާސާގެ ކެޕްޓަން އެންޑްރެސް އިނިއެސްޓާ އާއި ވައިސްކެޕްޓަން ލިއޮނަލް މެސީގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން މެސީ، ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

"ވަރަށް ރަނގަޅު މެޗަކަށް ވުމާ މެދު ވަރަށް ގާތުގައި އަހަރެމެން ތިބީ، އަހަންނަށް ހީވަނީ އަހަރެމެންނަށް ދެރަ ލިބުނީ ހަމަ އެންމެ މިސްޓޭކެއް ހެދިގެން ހެން،" ކޮންޓޭ ބުނެފައި ވެއެވެ. "މިކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު މިކަހަލަ ކުޅުންތެރިޔަކާ ދެކޮޅަށް މެސީ ކަހަލަ އިނިއެސްޓާ ކަހަލަ ނުވަތަ [ލުއިސް] ސުއަރޭޒް ކަހަލަ ކުޅުންތެރިޔަކާ މެދު އެންމެ މިސްޓޭކެއް ހެދި ނަމަވެސް އޭގެ ދަރަ ލިބޭނެ."

ކޮންޓޭ ބުނީ މެޗު ނިމިގެން ދިޔައިރު ނަތީޖާ އާ މެދު އޭނާގެ ޓީމުން ދަރަވި ކަމަށެވެ. އަދި ހަމައެޔާއެކު އެ މެޗުން މުޅި ޓީމަށް ބޮޑު ހިތްވަރެއް ލިބުނުކަންވެސް އޭނާ ފާހަގަ ކުރި އެވެ.

ބާސާގެ ކޯޗް ވަލްވެރުޑޭ ބުނީ މެޗުގެ ނަތީޖާ ބާސާއަށް ރަނގަޅު ކަމަށާއި ނަމަވެސް ނަތީޖާއިން މުޅިން ހަމަ ޖެހުމެއް ނުލިބޭ ކަމަށެވެ. ވަލްވެރުޑޭ ބުނީ ދެ ޓީމަކީ ދެ ޓީމުގެ ސްޓައިލްގައި ތަފާތު ދެ ޓީމު ކަމަށެވެ. ބާސާއިން މަސައްކަތް ކުރީ ޗެލްސީގެ ހާފު ތެރޭގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެން ކަަމަށާއި ޗެލްސީން މަސައްކަތް ކުރީ ކައުންޓަ އެޓޭކްގައި ބާސާއަށް ނުރައްކާ ކުރުމަށް ކަމަށެވެ.

"މެޗު ޑޮމިނޭޓް ކުރެވުނަސް އަހަރެމެންނަށް ފުރުސަތުތައް ގެއްލުނު، އަހަރެމެންނަށް ރަނގަޅުވި ކަމަކީ އަހަަރެމެންނަށް ހެދުނު މިސްޓޭކް ރިކަވާ ކުރެވުނުކަން، މެޗު ޑޮމިނޭޓް ކުރެވުނު އެހެންވެ މެޗާ މެދު ހިތްހަމަޖެހޭ ނަމަވެސް އެންމެ ހިތްހަމަ ޖެހޭ ވަރެއް ނުވޭ."

ރޭ ބަޔާން މިޔުނިކުން ވަނީ 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ތުރުކީގެ ބެސިކްޓަސްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.