ހަބަރު

އެސްއޯއީ މިހާރު ނެތް، ފިޔަވަޅުތައް ވެސް ބާތިލުވެއްޖެ: ވަކީލުން

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ސީދާ ހިލާފަށް ކަމަށާއި އެހެންވެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ނެތް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުން ގަރާރު ފާސްކުރީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ވޯޓު ނެންގެވިއިރު މަޖިލީހުގައި ތިއްބެވީ ވެސް 38 މެންބަރުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ ކަމެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ތިއްބަވައިގެން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި އެކަންކަމަކީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ވޯޓު ނަންގަވައި އެ ވޯޓު ސައްހަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުންގެ ފަރާތުން އެ ބޭފުޅުންގެ ރަޔުއު ހާމަކުރައްވަމުން މަހުފޫޒު ސައީދު ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު އިއުލާން ކުރާތާ 14 ދުވަސް ތެރޭގައި އެއަށް މަޖިލީހުން ރުހުންދޭން ޖެހޭއިރު، އެ މުއްދަތު ހަމަވިއިރު ގާނޫނު އަސާސީއާ އެއްގޮތަށް މަޖިލީހުން ގަރާރު ފާސްކޮށްފައިނުވާ ކަމަށެވެ. އެހެންވެ ގަރާރު ބާތިލުވެފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިއުލާން ކުރީ ވެސް 15 ދުވަހަށްކަން ފާހަގަކުރައްވަމުން މަހުފޫޒު ވިދާޅުވީ، އެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފައިވާ ކަމަށެވެ.

މަހުފޫޒު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ އެއްޗެއްކަން ގާނޫނީ އަދި ބުއްދީގެ ހަމަތަކުން ވެސް ސާފުވާ ކަމަށާއި އެހެންކަމަށްވާއިރު ގާނޫނު އަސާސީގައިވާ އަދަދު ހަމަކޮށްގެން ނޫނީ އެ ގަރާރު ފާސްނުކުރެވޭނެ ކަމަށެވެ. ވޯޓަށް އަހަންޖެހޭނީ 43 މެންބަރުން ތިއްބަވައިގެން ކަމަށެވެ. މިހާރު ފާސްކޮށްފައިވާ ކަމަށް ބުނާ ގަރާރަކީ ސައްހަ ވޯޓަކުން ފާސްކޮށްފައިވާ ގަރާރެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް 43 މެންބަރުން ތިއްބަވަން ޖެހޭނީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގައި އޮތީ "ކޮންމެ ކަމެއް ވެސް"ކަން މަހުފޫޒް ފާހަގަކުރެއްވި އެވެ. ގާނޫނު އަސާސީއާ ފުށު އަރާ ގޮތަށް ނުވަތަ ގާނޫނު އަސާސީގައި ވަކި ކަމެއް ކުރުމަށް ގޮތެއް އަންގާފައިވަނިކޮށް ގަވައިދުގައި ލިޔެފައިވާ ކަމަށް ބުނެ ގާނޫނު އަސާސީއާ ހިލާފުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަން ވެސް މަހުފޫޒު ފާހަގަކުރެއްވި އެވެ.

ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ގާނޫނުގައި ކަންކަން ބަލަން ޖެހޭނީ އޭގެ ނަމަށް ނޫން ކަމަށެވެ. އޭގެ މަގުސަދަށް ކަމަށެވެ. އެހެންވެ ކޮންމެ ނަމެއް ކިޔަސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ އެއްޗަކަށްވާއިރު އެ ފާސްކުރަން ޖެހޭނީ ގާނޫނު އަސާސީގައި އޮތް ގޮތަށް ކަމަށެވެ. ގާނޫނެއް ގަރާރެއް އޭގައި ތަފާތުނުވާނެ ކަމަށެވެ.

މަހުފޫޒު ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އެކިއެކި ފިޔަވަޅު އެޅުމަށް ދައުލަތުގެ ވެރިންނާއި ސަލާމަތީ ހިދުމަތްތަކުގެ ވެރިން އަންގާ އެންގުންތަކަށް ދައުލަތުގެ ވަކީލުންނާއި ފުލުހުން އަދި ސިފައިން ވެސް ތަބާނުވުމަށް ގޮވާލައްވާފަ އެވެ. އަދި، ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ވެރިކަން ކުރާ ބާރުން އަމަލުކުރާނަމަ އެއާ ދެކޮޅަށް އިހްތިޖާޖު ކުރުމަކީ ގާނޫނު އަސާސީއިން ރައްޔިތުންނަށް އޮތް ހައްގެއް ކަމުން އެ ހައްގުގެ ބޭނުން ހިފުމަށް ވެސް މަހުފޫޒު ގޮވާލެއްވި އެވެ. އިހްތިޖާޖު ކުރުމުގެ ހައްގު ކުއްލި ހާލަތު ނެތުމުން އޮންނާނެ ކަމަށާއި އެކަން ހުއްޓުވުމަށް ވެރިން ކުރާ އަމުރުތަކަށް ފުލުހުންނާއި ސިފައިން ވެސް ތަބާވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ނެތްއިރު އަދި އޭގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ބާތިލުވެފައިވާއިރު ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ސަލާމަތީ ހިދުމަތްތަކަށް ވަކީލުން ގޮވާލައްވާ ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.

އިއްޔެ ވޯޓު ނެގުމަށްފަހު ވޯޓުގެ ސައްހަކަން ކަނޑައަޅަން އިސްތިޝާރީ ލަފާއަކަށް ސުޕްރީމް ކޯޓަށް ވަނީ ފޮނުވާފަ އެވެ. ނަމަވެސް ގަރާރުގެ މުއްދަތު ހަމަވިއިރު، ސުޕްރީމް ކޯޓުން ލަފާ ދީފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަހުފޫޒު ވިދާޅުވީ، އިސްތިޝާރީ ލަފާއަށް އެދެނީ މަޖިލީހުން ކަމެއް ކުރުމުގެ ކުރިން ކަމަށެވެ. ކަމެއް ކޮށް ނިންމާފައި ލަފާއަށް އެދުމަކީ އިސްތިޝާރީ ލަފާއަށް އެދުން ނޫން ކަމަށެވެ. މިހާރު ސުޕްރީމް ކޯޓުގައި އެދިފައިވަނީ މަޖިލީހުން ނިންމާފައިވާ ގާނޫނު އަސާސީއާ ހިލާފު ނިންމުން ސަރުކާރު ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން ސިއްކަ ޖެހުމަށް ކަމަށެވެ. ސުޕްރީމް ކޯޓު އޮތީ ސަރުކާރާއި ސިފައިންގެ ބާރުގެ ދަށުގަ ކަމަށާއި ފަނޑިޔާރުން ތިއްބެވީ ޖަލު ގޮޅީގެ ބިރު ދައްކާފައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ރައްޔިތުން އަމަލު ކުރަން ޖެހޭ ކަންކަން ފާސްކުރާނެ ގޮތް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެކަމުގައި މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފާއަކަށް އެދެން ނުޖެހޭ ކަމަށެވެ. ލަފާ ހޯދަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އިސްތިޝާރީ ލަފާއަށް އެދެނީ ގާނޫނުގައި އޮތްގޮތް ސާފުނުވާ ހާލަތްތަކުގައި ނުވަތަ ގާނޫނުގައި އައިބެއް އޮންނަ ހާލަތެއްގަކަން އޭނާ ފާހަގަކުރެއްވި އެވެ.

ވަކީލް ހިސާން ހުސެއިން ވަނީ ސުޕްރީމް ކޯޓުން މިހާރު ނިންމާ ނިންމުންތައް ސައްހަ ވާނެކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. އެއީ ގާނޫނު އަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވާން ޖެހޭނީ އުއްތަމަ ފަނޑިޔާރަކާއެކު ކަމަށް ބުނެފައިވާތީ ކަމަށެވެ. އަދި މިހާރު އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ހުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ އެއާއެކު އަންނަ އިޖުރާއަތްތައް ބާތިލުވެގެންދާނެ ކަމަށެވެ.

އިއްޔެގެ ޖަލްސާއަށް އިދިކޮޅު މެންބަރުން ގަސްދުގައި ވަޑައިނުގެންނެވުމުން އެކަމަށް ފާޑުކިޔަމުންދާތީ ހިސާން ވިދާޅުވީ، އިއްޔެ ޖަލްސާއަށް ވަޑައިނުގަތުމުގައި މެންބަރުންގެ އުޒުރެއް އެބަ އޮތް ކަމަށެވެ. އުޒުރެއް އޮންނަ ކަމަށްވާނަމަ މެންބަރުން މަޖިލީހަށް ވަޑައިގަތުން ލާޒިމްނުވާ ކަމަށެވެ. ޖަލްސާއަކީ ގާނޫނާ ހިލާފަށް ކުރިއަށް ދިޔަ ޖަލްސާއެއް ކަމަށާއި ދައުރު ފެށިފައި ވަނިކޮށް ދައުރުން ބޭރު ޖަލްސާއެއް ނުވެސް ބޭއްވޭނެ ކަމަށެވެ.

އެހެން އެފަދަ ޖަލްސާއެއްގައި ބައިވެރިވަޑައިނުގަތީ ކޮންމެ މެންބަރަކަށް ވެސް ލިބޭ ހައްގެއް ކަމަށާއި އެއީ އެކަށީގެންވާ އުޒުރެއް ކަމަށް ހިސާން ވިދާޅުވި އެވެ. މަޖިލީހުގެ ކައުންސިލާ ޖެނަރަލް ވެސް އިއްޔެގެ ޖަލްސާއިން ނުކުމެވަޑައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.