ހަބަރު

ކުއްލި ހާލަތުގެ ވާހަކަ ރައީސް ފާހަގައެއް ނުކުރެއްވި

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ މިހެނެވެ؛ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށެވެ.

އެގޮތުގެ މަތިން މިހާރުގެ ރިޔާސީ ބަޔާން ރައީސް އަބްދުﷲ ޔާމީން ވަނީ އިއްވަވާފަ އެވެ. އެއީ އެމަނިކުފާނުގެ ހަތަރު ވަނަ ރިޔާސީ ބަޔާނެވެ. ރައީސް ޔާމީން މިރޭ ވަނީ މިދިޔަ އަހަރު ހިންގުނު އަދި ނިންމި މަޝްރޫއުތައް ކިޔައި ދެއްވާފަ އެވެ. އަދި މި އަހަރުގެ ތެރޭގައި ފައްޓަވާނެ މަޝްރޫއުތަކާއި އެމަނިކުފާނު އަމާޒުތައް ކިޔައިދެއްވާފަ އެވެ.

ނަމަވެސް ރިޔާސީ ބަޔާނުގައި ހިމަނަން ޖެހޭ ވަރަށް މުހިންމު ބައެއް އެމަނިކުފާނު މިރޭ އިއްވި ބަޔާނުގައި ނެތްކަން ފާހަގަކޮށްލެވެ އެވެ. އެއީ ގައުމުގެ ހާލަތެވެ. އެކަން ރައީސް ޔާމީން މިރޭ ބަޔާންކޮށް ނުދެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ރާއްޖޭގައި ސައްހަ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު ރައީސް އެކަމާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ގައުމު އޮތީ ކޮން ހާލަތެއްގަ ކަމާއި ކުއްލި ނުރައްކަލެއްގައި ގައުމު އޮތްކަން ވެސް އެމަނިކުފާނު ފާހަގައެއް ނުކުރެއްވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮތް ކަމަށް ސަރުކާރުން ދެކޭއިރު ރައީސްގެ ރިޔާސީ ބަޔާނުގައި އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކަ ރައީސް މިރޭ ނުދެއްކެވިއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތާމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުން ގަރާރު ފާސްކުރީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ވޯޓު ނެންގެވިއިރު މަޖިލީހުގައި ތިއްބެވީ ވެސް 38 މެންބަރުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ ކަމެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ތިއްބަވައިގެން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި އެކަންކަމަކީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ވޯޓު ނަންގަވައި އެ ވޯޓު ސައްހަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ގިނަ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ރައީސް 43 މެންބަރުން ތިއްބަވަން ޖެހޭނީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގައި އޮތީ "ކޮންމެ ކަމެއް ވެސް"ކަން ވެސް ފާހަގަކޮށްފައިވާތީ އިއްޔެގެ ވޯޓު ސައްހަ ނުވާނެ ކަމަށެވެ. ރޭގެ ވަގުތެއްގައި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވެސް ވަނީ އެކަން ފާހަގަކުރައްވައި، މިހާރު ކުއްލި ހާލަތެއް ނެތްކަން ބަޔާން ކުރައްވާ ފުލުހަށް ސިޓީއެއް ފޮނުވާފަ އެވެ. އެޓާނީ ޖެނަރަލްގެ އިސް ވަކީލުން ވެސް އެ ލަފާ އެޓާނީ ޖެނަރަލް މުހައްމަދު އަނިލަށް އަރުވާފައިވެ އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުގެ ވަކީލުންނާއި ޕްރޮސިކިއުޓާ ޖެނަރަލް މިހާރު ކުއްލި ހާލަތެއް ނެތް ކަމަށް ގަބޫލުކުރައްވާފައިވާއިރު ސުޕްރީމް ކޯޓުން މިއަދު ވަނީ ކުއްލި ހާލަތަށް އަމުރުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރު އެ ކޯޓުން ނެރުނީ އިއްޔެ މަޖިލީހުގެ ވޯޓު ސައްހަކަން ކަނޑައަޅަން މަޖިލީހުން ފޮނުވި މައްސަލާގައި ގޮތެއް ނިމެންދެނެވެ.