ޕާިސްތާނުގެ ގާނޫނުއަސާސީގެ 62 އަދި 63 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަގާމެއް އަދާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ ޕާކިސްތާން މުސްލިމް ލީގް ނަަވާޒް (ޕީއެމްއެލް-އެން) ލީޑަރުކަން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ގެއްލިވަޑައިގެންފި އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިއްޔެ ކުރި އެ ހުކުމާއެކު ޕީއެމްއެލް-އެންގެ ލީޑަރުކަމުން ނަވާޒް ޝަރީފު އުނި ކުރުމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނަށް ކޯޓުން ވަނީ އަންގާފަ އެވެ.
ޕާކިސްތާނުގެ ސުޕްރީމްކޯޓުން މިގޮތަށް ހުކުމް ކުރީ ނަވާޒް ޝަރީފު އަނބުރާ ޕާޓީގެ ރައީސްް ކަމަށް ވަޑައިގެންނެވުމަށް މަގު ކޮށުމަށް އޭނާގެ ޕާޓީން އިސް ނަގައިގެން މިދިޔަ އަހަރު ފާސްކުރި ގާނޫނަކާ ދެކޮޅަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކަކުން ހުށަހެޅި 17 ޕެޓިޝަނެއްގެ މައްސަލަ ބެލުމަށް ފަހުގަ އެވެ.
ތިން ވަނަ ފަހަރަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެން ހުންނަވަނިކޮށް ނަވާޒް ޝަރީފަށް އެމަގާމު ގެއްލިވަޑައިގަތީ ވެސް ސުޕްރީމްކޯޓުން ކުރި ހުކުމެއްގެ ސަބަބުންނެވެ. މިދިޔަ އަހަރު އެ ކޯޓުން ކަނޑައެޅީ ޕާލަމެންޓް މެމްބަރެއްގެ ހުންނަވާ ޝަރުތު ޝަރީފުގެ ކިބައިގައި ނެތް ކަމަށެވެ.
އިއްޔެ ކުރި ހުކުމުގައި ބުނީ މެމްބަރު ކަމަށް ޝަރުތު ހަމަ ނުވާ މީހަކަށް ޕާކިސްތާނު ޕާލަމެންޓަށް ޕާޓީއަކުން މީހަކު ނޮމިނޭޓްކުރުމުގެ ކަރުދާސްތަކުގައި ސޮއި ނުކުރެވޭނެ ކަމަށެވެ.
ހުކުމާ ގުޅިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ނަވާޒް ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ފަރުދަކަށް އަމާޒުކޮށްގެން ކުރި ހުކުމެއް ކަަމަށެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓަކީ އެ ގައުމުގެ އަސްކަރިއްޔާއާ އެއްކޮޅަށް މަސައްކަތްކުރާ ކޯޓެއް ކަަމަށް ވިދާަޅުވެ، ޝަރީފު ވަނީ ސުޕްރީމް ކޯޓަށް ކުރިން ވެސް ފާޑުވިދާޅުވެފަ އެވެ. ޖުޑިޝަރީ އިއާދަ ކުރުމަށް ގޮވާލައި ޕާކިސްތާނުގައި ކުރިން ހިންގި ހަރަކާތުގެ ހަމަ އެކަނި މަގުސަދަކީ ދެތިން ފަނޑިޔާރުން މަގާމުތަކަށް އިއާދަ ކުރުން ނޫން ކަމަށް ވެސް ޝަރީފު އޭރު ވިދާޅުވިއެވެ.
"އެ ހަރަކާތުގައި ޖުޑިޝަރީ ވަނީ އިއާދަކޮށްފައި. އެކަމަކު ރައްޔިތުންނަކަށް އިންސާފެއް ނުލިބޭ، މިއީ އަދުލު އިންސާފު އިއާދަ ކުރުމުގެ ހަރަކާތް ފަށަންވީ ވަގުތު،" އޭނާ ވިދާޅުވެފައި ވެއެވެ.