ހަބަރު

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 17 ދަރަޖަ ފަހަތަށް

ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް ވަރު ދައްކައިދޭން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ރިޕޯޓް ' ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް'ގައި 2017 ވަނަ އަހަރު ރާއްޖެ 17 ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.

ޓްރާންސްޕޭރެންްސީން ގެ 2016 ވަަނަ އަހަރުގެ ރިޕޯޓުގައި ރާއްޖެ އޮތީ 96 ވަނައިގައެވެ. ނަމަވެސް މިއަހަރު އޮތީ 112 ވަނައިގައެވެ.

ސަރަހައްދީ ގައުމުތަކަށް ބަލާއިރު އަވަށްޓެރި އިންޑިއާއާއި ސްރީލަންކާއާއި ބޫޓާނު އޮތީ ރާއްޖެއަށް ވުރެ ކުރީގައެވެ. އެގޮތުން ބޫޓާނު 26 ވަނައިގައި އޮތް އިރު އިންޑިއާ އޮތީ 81 ވަނައިގައެެވެ. އަދި ސްރީލަންކާ އޮތީ 91 ވަަނައިގައެވެ.

ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުގައި ވަނީ ބަންގްލަދޭޝްއާއި އަފްޣާނިސްތާނެވެ. އެގޮތުން އަފްޣާނިސްތާނު 177 ވަނަައިގައި އޮތް އިރު ބަންގްލަދޭޝް އޮތީ 143 ވަނައިގައެވެ.

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ފެންމަތިވެ، ބޮޑެތި ތަހުގީގުތައް މިދިޔަ އަހަރު ހިންގި ބްރެޒިލްއާއި ދެކުނު ކޮރެއާ ވެސް އޮތީ ރާއްޖެއަށް ވުރެ ކުރީގައެވެ. އެގޮތުން ދެކުނު ކޮރެއާ 51 ވަނައިގައި އޮތް އިރު ބްރެޒިލް އޮތީ 96 ވަނައިގައެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަނުގެ މައްސަލަ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެއެވެ. އެގައުމު އޮތި ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގެ ހަވަނައިގައެވެ. ގަދަ 10 ގެ ތެރޭގައި ދެންހުރީ ހުޅަނގު ޔޫރަޕްގެ ގައުމުތަކެވެ.

ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު މުޅި ދުނިޔޭގައި ވެސް ކޮރަޕްޝަނުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން ދުނިޔޭގެ 180 ގައުމަަކަށް ބެލި އިރު އޭގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ގިނަ ގައުމުތަކުން ސްކޯ ކޮށްފައި ވަނީ 50 އަށް ވުރެ ދަށުންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.