ހަބަރު

މައުމޫނުގެ ވަކީލް ޝަމީމް ސަސްޕެންޑްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ސަރުކާރުން ބަންދުކޮށްގެން ގެންގުޅޭ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުސައިން ޝަމީމް ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަރީގެ ވެބްސައިޓްގައި މިއަދު ޖެހި އިއުލާނެއްގައި ބުނީ ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މަސައްކަތް ކުރެެއްވުން ޝަމީމަށް މަނާކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ބުނީ އޭނާ ވަކާލާތު ކުރުން މަނާކުރީ ފުލުހުން ބަލަމުންދާ މައްސަލައިގައި ގޮތެއް ކަނޑައަޅައި ސުޕްރީމް ކޯޓަށް އެންގުމުން ކަމަށެވެ.

ކުރިން ޝަމީމު ސަސްޕެންޑް ކުރުމަށް ފަހު އެ ސަސްޕެންޝަން އުވާލާފައި ވަނީ މިދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުން ޝަމީމާ ސުވާލުކުރަން ފަށާފައި ވަނީ ކުރީގެ ރައީސް މައުމޫނަށް މިހާރު ކޮށްފައިވާ ހެކިފޮރުވުމުގެ ކުށުގެ ތުހުމަތަށެވެ. ރާއްޖޭގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުއްވިކަމުގެ ތުހުމަތަށެވެ.