ސިނަ މާލެ ބްރިޖް

ފުރަތަމަ ގުޅުވާ މައި ދެތަނބުގެ މަސައްކަތް މާޗުގައި ނިމޭނެ

Feb 22, 2018
2

ހުޅުލެ އާއި މާލެ ގުޅުވައިދޭ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ މައި ތަނބުތަކުގެ ތެރެއިން ފުރަތަމަ ގުޅާލާ ދެ ތަނބުގައި މުހިންމު މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިިނިސްޓްރީން ބުނެފި އެވެ.

އެއީ މައި ތަނބުތަކުގެ ތެރެއިން ޕިއާ 22 އާއި ޕިއާ 23 އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މައި ތަނބުތަކުގެ ތެރެއިން އެ ދެ ތަނބު ގުޅުވައިލުމަށް މިހާރު ކުރިއަށްދާ 10 މީޓަރުގެ ރާސްތާ ހިމެނޭ މަސައްކަތް އަންނަ މާޗް މަސް ނިމުގެ ކުރިން ނިންމާނެ ކަމަށެވެ.

މިނިސްޓަރު މި މައުލޫމާތު ހިއްސާ ކުރެއްވި އިރު ބްރިޖްގެ މުހިންމު މަސައްކަތްތަކެއްގެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ. އެ ގޮތުން 480 މީޓަރުގެ ބްރިޖްގެ ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ ކޮންކްރީޓް އައިބީމް އިންސްޓޯލްކޮށް ވަނީ ނިންމާފައެވެ.

މިނިސްޓަރު މުއިއްޒު ކުރައްވާފައިވާ ޓްވީޓެއް

އޭގެ އިތުރުން 180 މީޓަރުގެ ކޮންކްރީޓް ބްރިޖް ޑެކް ސްޕޭން މާލޭ ކޮޅުން ވެސް ވަނީ ނިންމާފަ އެވެ.

މުޅި އެޕްރޯޗް ބްރިޖްގައި 240 އައިބީމް ހިމެނެ އެވެ. ބްރިޖް މި އަހަރުގެ މިނިވަން ދުވަހަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބްރިޖްގެ ވަނަވަރު

ބްރިޖްގެ ބައެއް ވަނަވަރު
ރިޖްގެ ވައްތަރު: ބޯޗް އާޗް
ބޯކްގެ އަދަދު 6
ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިން: 75 ފޫޓް
ބްރިޖްގެ މަސައްކަތް ކުރަނީ: ޗައިނާގެ ސީސީސީސީ
ބްރިޖްގެ އަގު: 200 މިލިއަން ޑޮލަރު
ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
ސައިކަލަށް ދެ ލޭން
ބްރިޖުގެ ޖުމްލަ ދިގުމިން: ދެ ކިލޯމީޓަރު
ފުޅާމިނުގައި: 20.3 މީޓަރު
މަސައްކަތް ނިންމާނީ: 30 މަސް ދުވަހުން
ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.