ދޫގަސް

ދޫގަސް ތަރައްގީކުރާ ގޮތުގެ ޕްލޭން ދައްކާލައިފި

Feb 23, 2018
2

ޒަމާނީ ގެސްޓް ހައުސްއެއްގެ ގޮތު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ދީފައިވާ ސ. ގަމުގައި ހުންނަ ދޫގަސްގެ ޑިޒައިނިން ކޮންސެޕްޓް ދައްކާލައި އެތާގެ ޑިވޮލޮޕްމަންޓް ޕްލޭން އޮތް ގޮތް މިރޭ ހާމަކޮށްފި އެވެ. ދޫގަސްގެ ކޮންސެޕްޓް ޑިޒައިނިން ދައްކާލާފައިވަނީ މިރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއާޕޯޓް ވެސް ހިމެނޭ ގަމުގެ ދޫގަހަކީ ކުރިންސުރެ ތަރައްގީކޮށް، ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގަމުން އައި ތަނެކެވެ.

ދޫގަސް ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ އައްޑު އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެވެ. އެ ކުންފުންޏާ އެތަން ހަވާލުކުރީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ތަންތަނުގެ ލިސްޓްގެ ތެރެއަށް ދޫގަސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރުކޮށް، އިކްއިޒިޝަން ފީގެ ގޮތުގައި 312،500 ޑޮލަރު އަންދާޒާކޮށްފަ އެވެ.

ދޫގަހުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓް ލޯންޗް ކުރަން ދޫގަހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްއެމްޕީއެލުން ބުނީ ދޫގަސް މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރަން ހަމަޖެހިފައިވަނީ 40 ކޮޓަރި އެވެ. އެމަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ފަސް މަސްދުވަހެވެ.

ބާކީ 80 ކޮޓަރީ ތަރައްގީ ކުރާނީ ދެވަނަ ފިޔަވަހީގަ އެވެ.

އެ މަސައްކަތް ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާއިރު އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ ދޫގަސް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ 40 ކޮޓަރިއާއެކު 100 ވަޒީފާއަށް އެތަނުން އިއުލާން ކުރާނެ ކަމަށެވެ. އައްޑޫފަދަ އެއްފަސް ރަށަކަށް މިއަދު އެންމެ ބޭނުންވަނީ ވަޒީފާގެ ފުރުސަތު އުފެދޭނެ ފަދަ މަޝްރޫއުތަކެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ދޫގަހުގައި ޖުމްލަ 140 ކޮޓަރި ތަރައްގީކުރާއިރު އެއީ ވަރަށް ގިނަ ގެސްޓުންނަށް ދެވޭ ހިދުމަތެއް. އަދި ވަޒީފާގެ ފުރުސަތު ވެސް ކުރިއަށް ހުރި މަސައްކަތްތަކާއެކު ދެ ގުނަ އިތުރުވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

ދޫގަސްގެ މަޝްރޫއު މުޅިން ނިމޭއިރު 300 ވަޒީފާ އެތަނުން އުފައްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ދޫގަސް މަޝްރޫއު ވެގެންދާނީ އައްޑޫ އެއާޕޯޓަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ހިންގާތާ އެތަކެއް އަހަރެއްވެފައިވާ އެ ގެސްޓްހައުސްގައި މިހާރު ހުރީ 50 ކޮޓަރި އެވެ. ނަމަވެސް އެތަން ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.