މޯލްޑިވިއަން އައިޑޮލް

ތިއޭޓާ ރައުންޑުގެ ފުރަތަމަ ބުރުން 10 ކުދިން ކަޓައިފި

މޯލްޑިވިއަން އައިޑޮލް ތިއޭޓާ ރައުންޑުގެ ފުރަތަމަ ބުރުގައި 10 ކުދިން ޝޯއަށް އަލްވަދާއު ކިޔައިިފި އެވެ.

ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދިޔަ ރޭ ގެ ޝޯ އިން، އެންމެ ފުރަތަމަ ވަކިވާން ޖެހުނީ އައްޑޫ އޮޑިޝަނުން ތިއޭޓާ ރައުންޑަށް އައި މައީސަމް އެވެ. މައީސަމް ވަކި ކުރީ ލަވަ ހުށަހަޅާ ނިމުނު ތަނުންނެވެ. ކުރީގެ ސީޒަންތަކާއި ހިލާފަށް މިފަހަރުގެ ސީޒަންގައި ތިއޭޓާ ރައުންޑުގެ ހުށަހެޅުންތައް ހަމަ ނިމޭތަނުން ބައިވެރިން ޝޯ އިން ވަކިކޮށްފައިވެ އެވެ.

މައީސަމްގެ ފަރާތުން އުއްމީދުކުރި ވަރުގެ ހުށަހެޅުމެއް ފެނިފައި ނުވާތީ ޝޯއިން ވަކިވެ ވަގުތުން ގެއަށް ދާންޖެހޭ ކަމަށް ޖަޖުން ނިންމި އެވެ. ގްރޫޕް ޕާފޯމަންސެއްގައި މައީސަން ލަވަ ހުށަހެޅިއިރު ލަވައިގެ ލިޒިކްސް ވަކި ހިސާބަކުން އޭނާއަށް އޮޅުނެވެ.

މައީސަންއަށްފަހު ދެން ވަކިވާން ޖެހުނީ ސައިހާން އަދި އަރީން އަށެވެ. އަރީން ވެސް ކަޓުވާލީ ލަވަ ހުށަހަޅާ ނިމުނު ތަނުންނެވެ. ރޭގެ އެލިމިނޭޝަންގައި އިތުރު ހަތް ބައިވެރިޔަކަށް ވެސް ޝޯ އިން ވަކިވާން ޖެހުނެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތިއޭޓާ ރައުންޑުގެ ދެ ވަނަ ބުރުގެ ހުށަހެޅުންތައް މިރޭ އޮންނާނެ އެވެ. އޮޑިޝަނުން ގޯލްޑެން މައިކް ހޯދި ސައިނާގެ ސޯލޯ ޕާފޯމަންސް ވެސް ފެނިގެންދާނީ މިރެ އެވެ.

މިރޭގެ ޝޯއިން ޕިއާނޯ ރައުންޑަށް ދާނެ ގަދަ 16 ބައިވެރިޔަކު ހޮވާނެ އެވެ.