އެމްއެމްޕީއާރްސީ

ޓްރަމްޕަށް ކެމްޕޭން ކޮށްދިން ފާމުން ރާއްޖޭގެ މޫނުމަތި ރީތި ކުރަނީ

އެމެރިކާގެ ސިޔާސީ މީހުންގެ ތާއީދު ދިވެހި ސަރުކާރަށް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް އެމެެރިކާގެ ބެލާޑް ޕާޓްނާސް ނަމަކަށް ކިޔާ ޕީއާރް ފާމަކާ ހަވާލުކޮށްފި އެވެ. އެ ކުންފުންޏަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު މަސައްކަތްކޮށްދިން ކުންފުންޏެކެވެ.

މިކަމާ ގުޅިގެން ދިވެހި ސަރުކާރަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޕީއާރް އަދި މާކެޓިން ހަބަރުތައް ގެނެސްދޭ "އޯޑީ ވަޔާސް" އިން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުން ބިލާޑް ޕާޓްނާސް އާ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަ ލައްކަ ޑޮލަރުގެ އަގަކަށް ކަމަށެވެ. އެގޮތުން އެކުންފުންޏާ ހަވާލުކުރި މަސައްކަތަކީ ސްޓްރެޓެޖިކް ކޮންސަލްޓެންސީ ދިނުމާއި އެމެރިކާ ސަރުކާރުގެ ތާއީދު ދިވެހި ސަރުކާރަށް ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމެވެ.

ބެލާޑް ޕާޓްނާސްގެ ވެރިޔާ ބްރަޔަން ބެލާޑަކީ އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ކެމްޕޭންތަކަަށް ފައިސާ ހޯދައިދޭން މަސައްކަތްކުރާ މީހެކެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ކެމްޕޭ ކުރުމަށް ފްލޮރިޑާގައި ގާއިމްކުރި ވިކްޓްރީ އޯގަނައިޒޭޝަންގެ ޗެއާމަނަކީ އޭނާ އެވެ.

މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރެއް ތަންފީޒުނުކޮށް، އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ގެންގުޅޭތީ ބައިނަލްއަގުވާމީ ފާޑުކިއުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ނުކޮށް ސަރުކާރުން އޭރު އިއުލާނު ކުރި ކުއްލި ހާލަތު މިހާރު ވަނީ 45 ދުވަހަށް ދިގު ދަންމާލާފަ އެވެ. ކުއްލި ހާލަތު ދިގު ދަންމައިލަން ފާސްކުރި ގޮތާ މެދުގައި ވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި ބައިނަލް އަގުވާމީ މުޖުތަމައުން ދަނީ ސުވާލު އުފައްދަމުންނެވެ.