އުތުރު ކޮރެއާއާ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް އެ ގައުމަށް މުދާ އުފުލާ ކަމަށް ތުހުމަތު ކުރެވޭ ބޯޓު ފަހަރު ހުއްޓުވަން ނުކުންނަން އެމެރިކާ އާއި އެގައުމުގެ ބައިވެރިން ނިންމައިފި އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ އުތުރު ކޮރެއާއަށް މުދާ އުފުލާ ބޯޓު ފަހަރު ކަނޑުމަތިން ހުއްޓުވުމުގެ މަސައްކަތަށް އެއްބާރުލުން ހޯދަން އެމެރިކާ ސަރުކާރުން ޖަޕާނާއި އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާއާ ވާހަކަ ދައްކާ ކަމަށެވެ.
ރޮއިޓާސްއާ ވާހަކަ ދެއްކި އެމެރިކާ އޮފިޝަލުން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއަށް މުދާ އުފުލާ ކަމަށް ތުހުމަތު ކުރެވޭ އުޅަނދު ފަހަރު ހުއްޓުވުމަކީ ކުރިން ވެސް ކުރާ ކަމެއް ކަމަށާއި މިހާރު ކުރަން އުޅޭ ކަމަކީ އެ މަސައްކަތް އިތުރަށް ވަރުގަދަ ކުުރުން ކަމަށެވެ. ނަމަވެސް އެއީ ކަނޑުމަގުން އުތުރު ކޮރެއާ ހިސާރު ކުރުމޭ ބުނެވޭ ވަރަށް އެ މަސައްކަތް ނުގެންދާނެ ކަމަށެވެ.
އުތުރު ކޮރެއާއިން ބުނަމުން އަންނަނީ ކަނޑުމަގުން އެ ގައުމު ހިސާރު ކުރުމަކީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ.
އދ. ގެ ގަރާރުތަކުން މަނާ ކޮށްފައިވާ ހަތިޔާރާއި އެހެނިހެން މުދާ ކަނޑުމަގުން އުތުރު ކޮރެއާއަށް އުފުލާ އުޅަނދުތައް ހޯދައި ހިފެހެއްޓުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް އެމެރިކާގެ އިތުރު މަނަވަރުތަކާއި މަތިންދާބޯޓުތައް ޕެސިފިކް ކަނޑަށް ފޮނުވަންވަނީ ނިންމާފަ އެވެ. އެމެރިކާ ސަރުކާރުގެ ނަން ހާމަ ނުކުރާ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ކުރިން އިއުލާނު ނުކުރާ އެ ފިޔަވަޅުގެ ބޭނުމަކީ ވެސް އުތުރުން ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓާލައި މަޝްވަރާގެ މޭޒަށް ގެންދަން ބާރު އެޅުން ކަަމަށެވެ.
އުތުރު ކޮރެއާއިން ނިއުކްލިއަ ހަތިޔާރު އުފައްދަން މަސައްކަތް ކުރާތީ އެކަން ހުއްޓުވަން އެމެރިކާއިން އިސް ނަގައިގެން އެގައުމާ ދެކޮޅަށް ދަތި ކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެމެރިކާއަކީ ވެސް ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ނިއުކްލިއަ ހަތިޔާރު ހުރި ގައުމެވެ. އަދި އެގައުމަކީ އެހެން ގައުމަކާ ދެކޮޅަށް މިހައިތަނަށް ނިއުކްލިއަ ހަތިޔާރުގެ ބޭނުންް ކުރި ހަމަ އެކަނި ގައުމެވެ. އެގޮތުން 1945 ވަނަ އަހަރު ޖަޕާނުގެ ހިރޮޝީމާއަށް އެމެރިކާއިން އެޓޮމިކް ބޮމެއް ބޭނުން ކޮށްގެން ދިން ހަމަލާގައި 126000 މީހުން ވަގުތުން މަރުވި އެވެ. އަދި ނަގަސާކީއަށް ދިން އެފަދަ ހަމަލާއެއްގައި 80000 މީހުން ވަގުތުން މަރުވި އެވެ.